26 Jan 2016, 13:42
ރާއްޖޭގައި އަލަށް ތައާރަފް ކުރި ފައިސާގެ ނޫޓުތައް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގައި ގާއިމްކޮށްފައިވާ ހުރިހާ ބްރާންޗަކުން ވެސް ދޫކުރަން ފަށައިފި އެވެ.
ބީއެމްއެލް ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އާ ނޫޓުތައް ތައާރަފްކޮށްދެއްވީ ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ އެވެ.
މިއަދުން ފެށިގެން އާނޫޓްތައް ބޭނުންކުރަން ފަށާފައިވާ އިރު ބޭންކްތަކުގެ އޭޓީއެމްތަކުން ވެސް ލިބިގެންދާނީ އާ ނޫޓުތައް ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.
މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބޭނުން ކުރަން ފަށާފައި ވަނީ 10 ރުފިޔާ އާއި 20 ރުފިޔާ އާއި 50 ރުފިޔާގެ އިތުރުން 100 ރުފިޔާ އާއި 500 ރުފިޔާއާއި 1000 ރުފިޔާގެ ނޫޓުތަކެވެ. އެ ހުރިހާ ނޫޓަކަށް ވެސް ވަނީ މިހާރު ބޭނުންކުރާ ނޫޓްތަކާ އަޅައިބަލާ އިރު މުޅިންހެން ބަދަލުކޮށްފަ އެވެ.
އަލަށް ތައާރަފްކުރި ނޫޓްތަކަކީ ސެކިއުރިޓީ ގޮތުން ވެސް ވަރުގަދަ ފީޗާސްތަކެއް ހިމަނާފައިވާ ނޫޓުތުތަކެވެ. ތިރީގައި އެވަނީ އެ ފީޗާސްތަކުގެ ތަފްސީލެވެ.
ކްލިއާ ވިންޑޯ:މީގެ ކޮންމެ ނޫޓެއްގެ ތެރޭގައި އެއް ފަރާތުން އަނެއް ފަރާތް ފެންނަގޮތަށް ޕްލާސްޓިކް ކްލިއާ ވިންޑޯއެއް ވަނީ ހިމަނާފައި.
ހިޑެން ނަންބާސް: ކްލިއާ ވިންޑޯގެ ތެރެއިން ފެންމަރުކާއެއްގެ ސިފައިގައި ނޫޓުގެ މޫނުމަތީ އަގު ކޮންމެ ނޫޓަކުން ފެންނަހެން ހުރޭ.
މާސްކްޑް ލެޓާ:ނޫޓުގެ އައްޔަށް ދިއްކުރުމުން ކްލިއާ ވިންޑޯގެ މަތީގައިވާ ޑިޒައިނުން MMA ފެންމަރުކާއެއްގެ ސިފައިގައި ފެންނަން ހުރޭ.
އިރިޑިސެންޓް ޕެޓާން:ނޫޓު ދެފަރާތަށް އަރިކުރުމުން މުޅި ނޫޓުގެ މޫނުމަތިން ވިދާ ޑިޒައިނެއް ފެނޭ.
ސްޕާކް އިންކް:މިނޫޓުތަކުގެ ތެރެއިން 100 ރުފިޔާ އާއި 500 ރުފިޔާއާއި 1000 ރުފިޔާގެ ނޫޓުތަކުގެ ޑިޒައިންގެ ބައެއް ވިދުމެއް އެކުލެވޭ ދެއްޔަކުން ފެންނަން ހުރޭ. އަދި ނޫޓު ދެ ފަރާތަށް އަރިކުރުމުން މިބައިގެ ކުލަ ބަދަލުވުމުގެ އިތުރުން މިބައިގައި ފެންނަން ހުންނަ ވައްބުރު އެކި ދިމަދިމާލަށް ބަދަލުވޭ.
ޓެކްސްޓައިލް ޑޮޓްސް:ލޮލަށް ފެނުމުގެ ދަތިކަން ހުންނަ ފަރާތްތަކަށް ނޫޓުގެ މޫނުމަތީ އަގު ދެނެގަތުމަށް ނޫޓުގައި އަތްލުމުން އުފުލިފައި ހުންނަ ގޮތް އިހްސާސްވާ ގޮތަށް އެކި ނޫޓުގައި އެކި ޑިޒައިން ހިމަނާފައިވޭ.
ޔޫވީ ލައިޓް ބޭނުންކޮށްގެން ދެނެގަނެވޭނެ ސިފަތައް:
ނޫޓުގެ މޫނުމަތިން ކަނާތް ފަރާތުން މަތީގައި ހިމަނާފައިވާ ސީރިއަލް ނަމްބަރު ދިއްލޭ.
- ނޫޓުގެ މޫނުމަތިން ޑިޒައިނުގެ ބައެއް ދެ ކުލައަކުން ދިއްލޭ.
- ނޫޓުގެ މޫނުމަތިން ގޮޅިއެއްގެ ތެރޭގައި ނޫޓުގެ މޫނުމަތީ އަގު ދިއްލޭ.
- ނޫޓުގެ ފަހަތުގައި ކަނާތް ފަރާތުން ތިރީގައި މަތިން ތިރިއަށް ހިމަނާފައިވާ މޫނުމަތީ އަގު ދިއްލޭ.
އާ ނޫޓުތައް މިއަދު ބޭނުން ކުރަން ފަށާފައިވާ އިރު އަންނަ މޭ މަހުގެ ނިޔަލަށް މިހާރު ގެންގުޅޭ ނޫޓްތަކާއި އަލަށް ނެރޭ ނޫޓުތައް ވެސް ބޭނުން ކުރެވެ އެވެ. މޭމަހަށް ފަހުން މިހާރު ގެންގުޅޭ ނޫޓްތައް ބޭނުން ކުރުން ހުއްޓާލަ އެވެ. ނަމަވެސް ފަސް އަހަރު ވަންދެން ބޭންކަތަކާއި އެމްއެމްއޭ އިން އެ ނޫޓްތައް ބަދަލު ކުރެވޭނެ ކަމަށް އެމްއެމްއޭ އިން ބުނެފަ އެވެ.