26 Jan 2016, 13:11
މަސްއައިންތައް ޖަމާކުރުމަށް ގާއިމްކުރާ އޮއިވާލި ކަނދުފަތިތަކުގެ ތެރެއިން އެކި އެކި ސަބަބުތަކާ ހެދި ކަނޑައިގެންގޮސްފައިވާ ކަނދުފަތިތައް އަލުން ހަރުކުރުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ފަށައިފި އެވެ.
ފިޝަރީޒް މިނިސްޓްރީ އިން މިއަދު ބުނީ އެ މިނިސްޓްރީން ގާއިމްކޮށްފައިވާ 54 ކަނދުފަތީގެ ތެރެއިން އެކި ސަބަބުތަކާ ހެދި ކަނޑައިގެން ގޮސްފައިވާ ކަނދުފަތިތައް އަލުން ގާއިމް ކުރުމަށް ރާއްޖޭގެ ހަ ސަރަހައްދަކަށް ކުރާ ދަތުރެއް މިހާރު ފަށާފައިވާ ކަމަށެވެ. އަދި އެ ދަތުރުގައި ހއ. އަތޮޅުން ކަނޑައިގެން ގޮސްފައިވާ ކަނދުފަތި އާދީއްތަ ދުވަހު ގާއިމްކޮށްފައިވާ ކަމަށެވެ.
ހއ. އަތޮޅުގައި ކަނދުފަތި ގާއިމްކުރީ ހއ. ފިއްލަދުއާ ދިމާ ބޭރުން 14.5 މޭލު ބޭރުގައެވެ. އެ ކަނދުފަތި ހަރުކޮށްފައިވާ ސަމުގާ ޕޮޒިޝަނަކީ 06 ދަރަޖަ 54 މިނިޓް 20 ސިކުންތު އުތުރު އަރުޟު އަދި 73 ދަރަ 29 މިނިޓް 41 ސިކުންތު އިރު ތޫލެވެ.
އޮއިވާލި ކަނދުފައްޗަކީ ރާއްޖޭގައި ކުރާ ދޮށީގެ މަސްވެރިކަމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ވަސީލަތެކެވެ. އަދި މަސްވެރިންގެ ފައިދާ އާއި މަންފާ އެއެއްޗެއްގެ މައްޗަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ އެއްޗެކެވެ. އެހެންވެ އޮއިވާލި ކަނދުފަތިތަކަށް އަދި ކަނދުފަތި ތަކުގެ ކައިރިން ކުރާ އޮއިވާލި މަސްވެރިކަމަށް ގެއްލުން ލިބޭ ފަދަ އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް ނުކުރުމަށް އިލްތިމާސްކުރާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.