އިސްލާމްއާބާދު (ޖެނުއަރީ 26):ތަހްރީކޭ ތާލިބާން ޕާކިސްތާނު (ޓީޓީޕީ)ގެ ލީޑަރު، މުއްލާ ފަޒްލުﷲއަށް ޑްރޯން ހަމަލާއެއްދީ އޭނާ މަރާލައިފި ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެފި އެވެ.

ޕާކިސްތާނުގެ ޖިއޯ ނިއުސްއިން ރިޕޯޓުކުރި ގޮތުގައި މުއްލާ ފަޒްލުﷲ މަރާލީ އެގައުމުގެ އަސްކަރިއްޔާއާއި އެމެރިކާގެ އަސްކަރިއްޔާއާ ގުޅިގެން އަފްޣާނިސްތާނުގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައެވެ.

ޕާކިސްތާނުގައި ދިން އެންމެ ވަރުގަދަ ޓެރަރިސްޓު ހަމަލާތަކުގެ ތެރޭގައި ހިމެނޭ ޕިޝާވަރު އަސްކަރީ ސްކޫލަށް ދިން ހަމަލާއާއި ބަޗާ ހާން ޔުނިވާސިޓީއަށް ދިން ހަމަލާތަކުގެ ޒިންމާ ޠާލިބާނުން ނެގިފަހުން ޕާކިސްތާނުގެ އަސްކަރިއްޔާ އިން ވަނީ އެޖަމާއަތާ ދެކޮޅަށްދޭ ހަމަލާތައް ވަރުގަދަކޮށްފަ އެވެ.

މުއްލާ ފަޒްލުﷲ މަރާލިކަން ޕާކިސްތާނުގެ އެއްވެސް ރަސްމީ އިދާރާއަކުން އަދި ޔަގީންކޮށްދީފައެއް ނުވެއެވެ.

މީގެ ކުރިން 2010 ވަނަ އަހަރާއި 2014 ވަނަ އަހަރުވެސް މުއްލާ ފަޒްލުﷲ މަރާލިކަމަށް ބުނެ ހަބަރު ފެތުރުނެވެ. ނަމަވެސް، ޠާލިބާނުން ވަނީ ދެފަހަރުވެސް އެހަބަރުތައް ދޮގުކޮށްފަ އެވެ.