ކުއަލަލަމްޕޫރު (ޖެނުއަރީ 26):މެލޭޝިއާއަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު އައިއެސް އިން ދީފި އެވެ.

އިންޑޮނޭޝިއާގެ ޖަކާޓާއަށް އައިއެސް އިން ހަމަލާދިންތާ މާގިން ދުވަސްތަކެއް ނުވަނީސް އައިއެސް އިން ނެރުނު އެވީޑިއޯ ހަދާފައި ވަނީ އައިއެސްގެ މެލޭޝިއަން އިންޑޮނޭޝިއަން ޔުނިޓް ކަމަށްވާ ކަތީބާ ނުސަންތުރާ އިންނެވެ.

"ހަނގުރާމަވެރިން ހައްޔަރު ކުރުން ހުއްޓާލައި މިހާރު ހައްޔަރުކޮށްފައި ތިބި މީހުން ދޫކޮށްނުލައިފި ނަމަ ހަމަލާއެއް ދޭނެ ކަމަށް އެމީހުން [އައިއެސް] އިން އިންޒާރު ދިން،" މެލޭޝިއާގެ ކައުންޓާ ޓެރަރިޒަމް ޑިވިޝަންގެ ޑިރެކްޓަރު އައްޔޫބު ޚާން ވިދާޅުވި އެވެ.

މީގެ ކުރިން ކަތީބާ އިން ވީޑިއޯތައް އާއްމު ކުރަނީ ޔޫޓިއުބާއި ފޭސްބުކް މެދުވެރިކޮށެވެ. ނަމަވެސް މިފަހަރު އެވީޑިއޯ އާއްމު ކުރީ އައިއެސްގެ މައި ވެބްސައިޓުގައެވެ. އޭގެއިން އެނގިގެންދަނީ ކަތީބާ އާއި އައިއެސްއާ ސީދާ ގުޅުމެއް މިހާރު ވާކަން ކަމަށް އައްޔޫބު ވިދާޅުވި އެވެ.

ކަތީބާ ނުސަންތުރާގެ ލީޑަރަކީ ޖަކާޓާގައި މި މަހުގެ 13 ވަނަ ދުވަހު ދިން ހަމަލާތަށް ރޭވި ބަހްރުއްނައީމު އެވެ. އިންޑޮނޭޝިއާ ފުލުހުން ގަބޫލުކުރާ ގޮތުގައި ބަހްރުއްނައީމް އެ ހަމަލާ ރޭވީ ސީރިޔާގެ ރައްގާގައި ހުންނަ އައިއެސްގެ މައި އިދާރާއާ ގުޅިގެންނެވެ. (އޭއެފްޕީ)