26 Jan 2016, 11:12
ވިކްޓަރީ ސްޕޯޓްސް ކުލަބުގެ އަމާޒަކީ ކުރިން ރާއްޖޭގެ ފުޓްބޯޅައިގަ ރަސްކަން ކުރި ފަދައިން އެ މަގާމަށް އަލުން އެނބުރި އައުން ކަމަށް އެ ކުލަބުގެ ޗެއާޕާސަންގެ މަގާމަށް އަލަށް އިންތިހާބްވި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު އަހްމަދު އައްސަދު ބުނެފިއެވެ.
ރޭ ބޭއްވި ވިކްޓަރީގެ އިންތިހާބްގައި ޗެއާޕާސަންގެ މަގާމަށް ހޮވުނު، ބައިބަލާ އެސޯސިއޭޝަނުގެ ރައީސް ކަން ވެސް ކުރައްވަމުން ގެންދަވާ އައްސަދު މިއަދު ސަން އަށް ވިދާޅުވީ، ވިކްޓަރީ އަކީ ރާއްޖޭގެ އެންމެ ޒަމާންވީ އަދި އެންމެ ކާމިޔާބު އެއް ކްލަބު ކަމަށާއި ނަމަވެސް ވޭތުވެދިޔަ ދުވަސްތަކުގައި އެ ކުލަބު ފެނިގެން ގޮސްފައިވަނީ ތަންކޮޅެއް ބަލިކަށި ކޮށް ކަމަށެވެ.
"އަޅުގަނޑު ޗެއާމަންކަމާ ހަވާލުވެފިއި މިވާ ދަނޑިވަޅަކީ ވިކްޓަރީ ވަރަށް ބޮޑު އަނދަވަޅަކަށް ވެއްޓިފައިވާ ދަނޑިވަޅެއް. ޓީމުގެ ސްކޮޑް ވެސް މިވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައި. ނަމަވެސް ކުރިއަށް އޮތް މުސްތަގްބަލުގައި އަޅުގަނޑުމެން އަމާޒް މި ހިފަނީ ވިކްޓަރީ ކުރިން އޮތް މަގާމަށް ގެނައުމަށް،" އައްސަދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މާދަމާގެ ވަގުތެއްގައި ވިކްޓްރީގެ ބޯޑް އާއި ކޯޗާއި ބައްދަލުކުރައްވައި މިސީޒަނުގައި އެ ކުލަބުން ހާސިލް ކުރާނެ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށާއި އެންމެ ދަށް ވެގެން ވެސް ކުރިއަށް އޮތް ސީޒަނުގައި ގަދަ ހަތަރެއްގައި ނިންމާލުމަކީ އުންމީދެއް ކަމަށެވެ.
ވިކްޓަރީގެ ބޯޑުގެ ދައުރު ހަމަވުމުގެ ކުރިން، ރޭ ބޭއްވި އިންތިހާބުގައި އެ ކްލަބުގެ ޗެއާމަން ކަމަށް ކުރިމަތިލައްވާފައިވަނީ އައްސަދު އެކަންޏެވެ. އެހެން ކަމުން، ނެގީ ފެންނަ ނުފެންނަ ވޯޓެކެވެ.
ވައިސް ޗެއާޕާސަންގެ މަގާމަށް އިންތިހާބުވީ، ކުޅިވަރާ ބެހޭ މިނިސްޓަރުގެ ނައިބް އަބްދުލްމުހުސިން ހަމީދު (ޖޭފޯ) އާއި އަބްދުﷲ މައުމޫން އެވެ.
ވިކްޓަރީގެ ބޯޑަށް އިންތިހާބުވި އަނެއް ދިހަ ބޭފުޅުންނަކީ ޑރ. އަހްމަދު ނާޝިދު އާއި އައިމިނަތު ސޫޒަން އާއި ދިރާގުގެ ޗެއާމަން މުހައްމަދު އަޝްމަލީ އާއި އިބްރާހިމް ނަޒީމް އާއި އަހްމަދު ނާސިފް އާއި މުހައްމަދު އަނީސް އާއި ވިކްޓްރީގެ ކުރީގެ މެނޭޖަރު އަހްމަދު އަޔާޒް ރަޝީދު އާއި ކްލަބުގެ ކުރީގެ ކީޕަރު ޓްރޭނަރު އަހްމަދު ރިޔާޒް އާއި ކުރީގެ ޑިފެންޑަރު އިބްރާހިމް ޝިނާޒް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނައީމް އެވެ.
އާ އަހަރުގެ ފުޓްބޯޅަ ސީޒަނަށް ވިކްޓަރީ ނުކުންނައިރު އެ ޓީމު އޮތީ އެހާ ރަނގަޅު ފައްތަރެއްގައެއް ނޫނެވެ. އެގޮތުން ސީނިއާ ބައެއް ކުޅުންތެރިން ޓީމް ދޫކޮށްފައި ގޮސްފައިވާ އިރު ޒުވާން ގިނަ ކުޅުންތެރިންނާއެކު ކޯޗެއްގެ ގޮތުގައި ފެނިގެންދާނީ މުހައްމަދު ނަޒީހު އެވެ.