26 Jan 2016, 10:38
ކުއާލަލަންޕޫރު (ޖަނަވަރީ 26) : މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބް ރައްޒާގުގެ އަމިއްލަ އެކައުންޓަށް ޓްރާންސްފާކުރި 681 މިލިޔަން އެމެރިކާ ޑޮލަރަކީ ސައޫދީ އަރަބިޔާގެ ޝާހީ އާއިލާ އިން އޭނާ އަށް ހަދިޔާއަކަށް ދީފައިވާ ފައިސާ ކަމަށް މެލޭޝިޔާގެ ޕްރޮސެކިއުޓާ ޖެނެރަލް މުހައްމަދު އަބަންދީ ވިދާޅުވެއްޖެ އެވެ.
ކުއާލަލަންޕޫރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބަންދީ ވިދާޅުވީ ބޮޑުވަޒީރު ނަޖީބް ރައްޒާގު ސަރުކާރުގެ އެއްވެސް ފައިސާއެއްގައި ޖެހިވަޑައި ނުގަންނަވާ ކަމަށާއި އަދި ކޮރަޕްޝަނާއި ރިޝްވަތުގެ އަމަލެއް އޭނާ ހިންގަވާފައިނުވާކަން ވެސް ތަހްގީގްތަކުން ސާފުވާކަމުގަ އެވެ. ނަޖީބް ރައްޒާގުގެ އަމިއްލަ އެކައުންޓަށް 681 މިލިޔަން ޑޮލަރު ޓްރާންސްފާކުރި މައްސަލައެއް މިދިޔަ އަހަރުގެ ކުރީކޮޅު ހާމަވުމާ ގުޅިގެން އޭނާގެ މައްޗަށްވަނީ ކޮރަޕްޝަނުގެ ތުހުމަތުތަކެއް ކުރެވިފަ އެވެ. މިމައްސަލަ މެލޭޝިޔާގެ ޕްރޮސެކިއުޓަރ ޖެނެރަލް ވަނީ ތަހްގީގް ކުރައްވާފަ އެވެ. އަދި ނަޖީބް ވަނީ ކޮރަޕްޝަނާއި ރިޝްވަތުގެ ތުހުތުތަކަށް އިންކާރު ކުރައްވައިފަ އެވެ.
ނަޖީބް ރައްޒާގުގެ އަމިއްލަ އެކައުންޓަށް ޓްރާންސްފާކުރި 681 މިލިޔަން އެމެރިކާ ޑޮލަރަކީ ސައޫދީ އަރަބިޔާގެ ޝާހީ އާއިލާ އިން އޭނާ އަށް ހަދިޔާއަކަށް ދެއްވާފައިވާ ފައިސާކަން ތަހްގީގްތަކަށް ހާމަވި ނަމަވެސް އެފައިސާ ދިން ސަބަބެއް އެނގެން ނެތްކަމަށާ އެއީ ނަޖީބް ރައްޒާގް އާއި ސައޫދީ ޝާހީ އާއިލާގެ ދެމެދުގައިވާ އެދެފަރާތުގެ އަމިއްލަ މައްސަލައެއް ކަމަށް މެލޭޝިޔާގެ ޕްރޮސެކިއުޓާ ޖެނެރަލް މުހައްމަދު އަބަންދީ ވަނީ ސިފަކުރައްވާފަ އެވެ. (ރޮއިޓާސް)