ރޭ މެންދަމުގެ ވަގުތެއްގައި ގދ. ތިނަދޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެތަން ބޭނުން ނުކުރެވޭވަރަށް އަނދައި ހުލިވެފައިވާއިރު، އެ ހާދިސާ ހިނގަން މެދުވެރިވީ އިންޖީނުގޭގެ މައްސަލައަކުން ކަމަށް ނުބެލެވޭ ކަމަށް ފެނަކައިން ބުނެފިއެވެ.

ތިނަދޫ އިންޖީނުގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި މުޅި އެ އިންޖީނުގޭ ވަނީ އަނދާފައެވެ. އޭގެ ސަބަބުން ކަރަންޓާއި ފެނުގެ ހިދުމަތް ވަނީ އެރަށުން މެދުކެނޑިފައެވެ. ބެލެވޭގޮތުގައި އަލިފާންރޯވީ އިންޖީނު ރޫމާޖެހިގެން ހުންނަ ގުދަނެއްގައެވެ.

ގދ. ތިނަދޫ އިންޖީނުގޭގައި އަލިފާންރޯވި ހާދިސާ: އެ ހާދިސާގައި އިންޖީނުގެ ވަނީ ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވެފައި --- ފޮޓޯ: ފެނަކަ ކޯޕަރޭޝަން

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ސަން އަށް މިއަދު ވިދާޅުވީ، އެ އިންޖީނުގޭގެ ހާލަތު ހުރީ މައްސަލައެއްދިމާވެ އަލިފާނުގެ ހާދިސާއެއް ހިނގާނެ ގޮތަކަށް ނޫން ކަމަށެވެ.

"އަޅުގަނޑަށް މުވައްޒަފުންގެ ފަރާތުން މައުލޫމާތު ލިބޭގޮތުގައި އެތަނުގެ ފޯލްޓަކުން {މައްސަަލައަކުން} އަލިފާނުގެ ހާދިސާއެއް ހިނގާފާނެ ކަމަކަށް ނުބެލެވޭ،" ނިމާލު ވިދާޅުވިއެވެ.

ގަސްތުގައި ރޯކޮށްލިކަމަށް ބެލެވޭތޯ ސުވާލު ކުރުމުން ނިމާލް ވިދާޅުވީ، ވަކި އެއްޗެއް ބުނަން އަދި ނޭނގޭ ކަމަށާއި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އިނގޭނީ އިންވެސްޓިގޭޓް ކޮށް ނިމުމުން ކަމަށެވެ.

ތިނަދޫ އިންޖީނުގެ އަނދައިހުލިވި އެހާދިސާގައި ލިބުނު ގެއްލުން ބަލަމުން އަންނަ ކަމަށްވެސް ނިމާލް ވިދާޅުވިއެވެ.

ގދ. ތިނަދޫ އިންޖީނުގޭގައި އަލިފާންރޯވި ހާދިސާ: އެ ހާދިސާގައި އިންޖީނުގެ ވަނީ ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވެފައި --- ފޮޓޯ: ކިޔުންތެރިއެއް

ތިނަދޫ އިންޖީނުގޭގައި ބޭނުންކުރަނީ 1000 ކިލޯވޮޓުގެ ޖަނަރޭޓަރަކާއި 720 ކިލޯވޮޓުގެ ޖަނެރޭޓަރަކާއި އަދި 600 ކިލޯވޮޓުގެ ޖަނެރޭޓަރެކެވެ. އަލިފާނުގެ ހާދިސާގައި އެ ހުރިހާ ޖަނެރޭޓަރުތައް ވެސް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ.

ތިނަދޫ އިންޖީނުގެއާ ހަވާލުވެ ހުންނަ ފަރާތްކަމަށްވާ މުހައިމިން ހުސެއިން މިއަދު ސަން އަށް ވިދާޅުވީ، އެރަށު އިންޖީނުގެއަކީ "ބަރާބަރަށް" ޑިއުޓީކޮށް ބަލަހައްޓަމުންދާ ތަނެއް ކަމަށެވެ.

ތިނަދޫ އިންޖީނުގޭގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު، 8 ފެބްރުއަރީ 2012 ވަނަ ދުވަހު އެރަށުގައި ހިނގި ހަމަނުޖެހުންތަކުގައި ބަޔަކު މީހުން ވަނީ އެރަށު ޕޮލިސް ސްޓޭޝަނާއި ކޯޓާއި ގދ. އަތޮޅު ކައުންސިލް އިދާރާގައި ހުޅުޖަހައި އަންދާލާފައެވެ. އެ ހާދިސާގައި އެތަންތަން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.