Mihaathanah beleveygothugai alifaan roavee Engine geyge gudhanugai, alifaan roavaa kahala evves ehcheh ethanaku nei: Nimal
Mihaathanah beleveygothugai alifaan roavee Engine geyge gudhanugai, alifaan roavaa kahala evves ehcheh ethanaku nei: Nimal

Last Updated:
10 year 10 month ago

ތިނަދޫ އިންޖީނުގެ އަނދައި ހުލިވެއްޖެ، މުޅި ރަށުން ކަރަންޓާއި ފެނުގެ ޚިދުމަތް ކެނޑިފައި

    ބުލޮގު ޚުލާސާ

    ގދ. ތިނަދޫ އިންޖީނުގޭގައި އަލިފާން ރޯވެ، މުޅި ރަށުން ކަރަންޓު ކެނޑިއްޖެ އެވެ.

    (ތަފްސީލު އަންނަނީ...)

    07:08އަހްމަދު އާޒިފް

    ގދ. ތިނަދޫއަކީ އާބާދީގައި 10،000 އަށް ވުރެ ގިނަ މީހުން ދިރިއުޅެމުންދާ ރަށެއް.

    06:29އަހްމަދު އާޒިފް

    ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ސަން އަށް ވިދާޅުވީ މިހާތަނަށް ބެލިބެލުމުން އެނގުނުގޮތުގައި އަލިފާންރޯވީ އިންޖީނު ރޫމާޖެހިގެން ހުންނަ ގުދަނެއްގައި ކަމަށް ބެލެވޭ ކަމަށް.

    ނިމާލް ވިދާޅުވީ އެ ގުދަނުގައި އަލިފާންރޯވާ ކަހަލަ އެއްވެސް އެއްޗެއް ނުހުންނާނެ ކަމަށާއި އެހެންކަމުން އެއީ އިންސިޑެންޓެއް ކަމަށް ނުބެލެވޭ ކަމަށް.

    06:12އަހްމަދު އާޒިފް

    އަލިފާން ކޮންޓްރޯލް ކުރެވުނުނަމަވެސް އިންޖީނުގޭގެ ތެރެއިން ދުންއަރަމުންދާތީ ފެނަކައިގެ ފަންނީ ބޭފުޅުންނަށް އެތަނުގެ ތެރެއަށް ވަދެވޭގޮތެއް އަދިނުވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވެއްޖެ

    06:10ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު

    ގދ. ތިނަދޫއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިދަނީ ކުރަމުން

    06:01ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު

    ތިނަދޫ އިންޖީނުގޭގައި ބޭނުންކުރަނީ 1000 ކިލޯވޮޓުގެ ޖަނެރޭޓަރަކާއި 720 ކިލޯވޮޓުގެ ޖަނެރޭޓަރަކާއި އަދި 600 ކިލޯވޮޓުގެ ޖަނެރޭޓަރެއް. އަލިފާނުގެ ހާދިސާގައި އެ ހުރިހާ ޖަނެރޭޓަރުތައް ވެސް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައި. އެކަމުގެ ސަބަބުން މުޅި ރަށުގެ ކަރަންޓުގެ ޚިދުމަތް އެވަނީ ކެނޑިފައި

    ޖެނުއަރީ 25، 2016: ގދ. ތިނަދޫ އިންޖީނުގޭގައި އަލިފާންރޯވި ހާދިސާ: އެ ހާދިސާގައި އިންޖީނުގެ ވަނީ ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވެފައި --- ފޮޓޯ: ފެނަކަ ކޯޕަރޭޝަން
    06:01ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު

    ދެ ގަޑިއިރުގެ ތެރޭގައި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ކަރަންޓު ދެވޭވަރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވެއްޖެ.

    05:57ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު

    އިންޖީނުގޭގެ ފުރާޅުގައި 170 ސޯލާ ޕެނަލް ވަނީ ހަރުކޮށްފައި. އެއީ މުޅި ޖުމްލަ 43 ކިލޯވޯޓުގެ ކެޕޭސިޓީގެ ސޯލާ ޕެނަލްތައް. އޭގެތެރެއިން ދެބައިކުޅަ އެއްބައި ހަލާކުވެފައިވާ ކަމަށް މި ބެލެވެނީ.

    05:54ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު

    ގދ. ތިނަދޫ އިންޖީނުގޭގައި އަލިފާންރޯވި ކަމުގެ މައުލޫމާތު ލިބުމާ އެކު ފެނަކައިގެ ހެޑް އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފުން ވަނީ ވަގުތުން އޮފީހަށް ނުކުމެ މަސައްކަތް ފަށާފައި. އަޅުގަނޑުވެސް މުވައްޒަފުންނާ އެކު މަސައްކަތުގައި މިއުޅެނީ

    05:46އަހްމަދު އާޒިފް

    ގދ. ތިނަދޫ އިންޖީނުގޭގައި ރޯވީ އެތަނުގެ އެތެރޭގައި ހިނގި ކަމަކާ ގުޅިގެން ނޫން ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވެއްޖެ

    ޖެނުއަރީ 25، 2016: ގދ. ތިނަދޫ އިންޖީނުގޭގައި އަލިފާންރޯވި ހާދިސާ: އެ ހާދިސާގައި އިންޖީނުގެ ވަނީ ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވެފައި --- ފޮޓޯ: ކިޔުންތެރިއެއް
    04:56އަހްމަދު އާޒިފް

    ތިނަދޫ ކައުންސިލް މެމްބަރު ސައުދު އަލީ ސަން އަށް ވިދާޅުވީ އިންޖީނުގޭގެ ބޭރުގައި ހުރި ދެ ޓްރާންސްފޯމަރު ފިޔަވައި އެހެން ހުރިހާ އެއްޗެއް އަނދައި ހުލިވެފައިވާކަމަށް.

    ސައުދު ވިދާޅުވީ އިންޖީނުގޭގައި ހުރި ތިން ޖަނެރޭޓަރު ބޭނުން ނުކުރެވޭވަރަށް އަނދާފައިވާއިރު، އިންޖީނުގޭގެ އިމާރާތް ވެސް ދެން ބޭނުން ކުރެވޭނީ ވަރަށް ބޮޑަށް މަރާމާތުކޮށްގެން ކަމަށް.

    04:54އަހްމަދު އާޒިފް

    ތިނަދޫ އިންޖީނުގެ ހިމެނޭ ސަރަހައްދު ބަންދުކޮށް، ފުލުހުން ތަހުގީގު ފަށައިފި

    04:45އަހްމަދު އާޒިފް

    މިރޭ 2:30 ހާއިރު ގދ. ތިނަދޫ އިންޖީނުގޭގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ 4:30 އެހައިކަންހާއިރު

    ޖެނުއަރީ 25، 2016: ގދ. ތިނަދޫ އިންޖީނުގޭގައި އަލިފާންރޯވި ހާދިސާ: އެ ހާދިސާގައި އިންޖީނުގެ ވަނީ ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވެފައި --- ފޮޓޯ: ކިޔުންތެރިއެއް
    04:43

    ގދ. ތިނަދޫ އިންޖީނުގޭގައި ރޯވި އަލިފާންގަނޑު ދެ ގަޑިއިރުގެ މަސައްކަތުން ކޮންޓްރޯލް ކުރެވިއްޖެ

    04:26އަހްމަދު އާޒިފް

    ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ ކުޑަ ޖަނެރޭޓަރެއް ބޭނުންކޮށްގެން އެ ހޮސްޕިޓަލަށް ކަރަންޓު ދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް

    04:25އަހްމަދު އާޒިފް

    ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ތިބި ހުރިހާ ބަލި މީހުން އެއްވޯޑަކަށް ބަދަލުކޮށްފި

    04:22އަހްމަދު އާޒިފް

    ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ މުޅި ހޮސްޕިޓަލުން ކަރަންޓު ކެނޑުނުނަމަވެސް އެކަމުގެ އަސަރު އެއްވެސް ބަލި މީހަކަށް މިހާތަނަށް ފޯރާފައިނުވާ ކަމަށް

    04:18އަހްމަދު އާޒިފް

    ތިނަދޫ އިންޖީނުގޭގައި ރޯވުމުގެ ސަބަބުން މުޅި ހުވަދު އަތޮޅުގައި ހުރި އެންމެ ބޮޑު ހޮސްޕިޓަލް ކަމުގައިވާ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވެސް ވަނީ ކަރަންޓު ކެނޑިފައި

    ޖެނުއަރީ 25، 2016: ގދ. ތިނަދޫ އިންޖީނުގޭގައި އަލިފާންރޯވި ހާދިސާ: އެ ހާދިސާގައި އިންޖީނުގެ ވަނީ ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވެފައި --- ފޮޓޯ: ކިޔުންތެރިއެއް
    04:11އަހްމަދު އާޒިފް

    ތިނަދޫ އިންޖީނުގޭގައި ރޯވެ ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާއިރު، 8 ފެބްރުއަރީ 2012 ވަނަ ދުވަހު އެރަށުގައި ހިނގި ހަމަނުޖެހުންތަކުގައި ބަޔަކު މީހުން ވަނީ އެރަށު ޕޮލިސް ސްޓޭޝަނާއި ކޯޓާއި ގދ. އަތޮޅު ކައުންސިލް އިދާރާގައި ހުޅުޖަހައި އަންދާލާފަ. އެ ހާދިސާގައި އެތަންތަން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި.

    04:07އަހްމަދު އާޒިފް

    އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެނގިފައެއް ނުވޭ

    04:05

    ގދ. ތިނަދޫ އިންޖީނުގޭގައި އަލިފާންރޯވެ ބޭނުންނުކުރެވޭ ވަރަށް އަނދައިގެން ދިޔުމުގެ ސަބަބުން މުޅި ރަށުން ވަނީ ފެނުގެ ޚިދުމަތް ވެސް މެދުކެނޑިފައި

    03:58

    އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް އާއި ފުލުހުން ގެންދަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން

    ތިނަދޫ އިންޖީނުގޭގައި ރޯވެ އަނދަނީ-- ފޮޓޯ/ ކިޔުންތެރިއެއް
    03:57

    އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ނުލިބޭ

    03:53

    ތިނަދޫ އިންޖީނުގޭގައި ރޯވި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިރޭ 2:30 އެހައިކަންހާއިރު. ފުލުހުން ވެސް ދަނީ އަލިފާން ނިއްވުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެމުން

    03:45ތިނަދޫ އުތުރު ދާއިރާގެ މެމްބަރު

    ތިނަދޫ އިންޖީނުގޭގައި އަލިފާން ރޯވެ މި ދިމާވި ހިތާމަވެރި ހާދިސާގެ ސަބަބުން ތިނަދޫ ހުރިހާ ރައްޔިތުން ހާލުގައި ޖެހިފައިވާއިރު، ކުރީގެ ހާލަތައް އެކަން ރުޖޫއަކުރުމަށްޓަކައި ދައުލަތުގެ އެންމެ އިސްވެރިންނާ ގުޅިގެން އަޅުގަނޑު މިދަނީ މަސައްކަތް ކުރަމުން

    03:44ތިނަދޫ އުތުރު ދާއިރާގެ މެމްބަރު

    ތިނަދޫ އިންޖީނުގޭގައި އަލިފާން ރޯވުމުގެ ސަބަބުން ހުރިހާ ތަކެއްޗެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި. ދައުލަތުގެ އެންމެ އިސްވެރިންނާ އެކަން ހިއްސާކުރުމުގެ މަސައްކަތް އަޅުގަނޑު މިދަނީ ކުރަމުން.

    ތިނަދޫ އިންޖީނުގޭގައި ރޯވެ އަނދަނީ-- ފޮޓޯ/ ކިޔުންތެރިއެއް
    03:42ތިނަދޫ އުތުރު ދާއިރާގެ މެމްބަރު

    އަޅުގަނޑު މިވަގުތު މިހުރީ މާލޭގައި. ދެންމެ އަޅުގަނޑަށް އެކަމުގެ މައުލޫމާތު ލިބުނީ. އަލިފާން ނިއްވުމުގެ މަސައްކަތް ކުރައްވާ ފަރާތްތަކުން އެގެންދަވަނީ އަލިފާން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރައްވަމުން

    03:37

    އިންޖީނުގެ ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައި ހުލިވެފައި