ހަތަރު އިންޗީގެ ސްކްރީނަކާ އެކު އެޕަލްއިން އެެންމެ ފަހުން އުފެއްދީ އައިފޯން 5 އެސް އެވެ. އެއަށް ފަހު އައިފޯން 6 އަދި 6 އެސް ނެރުނު އިރު، އެ ފޯނުތަކުގެ ސްކްރީން ވަނީ ދިގުވެފައި، ބޮޑުވެފަ އެވެ.

އެހެންކަމުން، އެންމެ ފަހުގެ ހަތަރު އިންޗި ސްކްރީނު ފޯނަކީ އައިފޯން 5 އެސް އެވެ.

ނަމަވެސް، މިހާރު މި ވަނީ މަންޒަރު ބަދަލުވެފަ އެވެ. އައިފޯން 6ސީ ނުވަތަ 7ސީގެ "މިނީ ވަރޝަން"އެއް މިއަހަރު ތެރޭގައި ނެރޭނެ ކަމަށް އެޕަލްއިން ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު އިޢުލާނު ކޮށްފަ އެވެ.

އެޕަލްގެ ބްލޮގު ކަމުގައިވާ "9 ޓު 5 މެކް"ގައި، އައިފޯން 5އެސްއީގެ ފޮޓޯ ވަނީ އާންމު ކޮށްފަ އެވެ. އެ ފޯނު އޮންނަނީ އައިފޯން 5އެސްއެއް ކައިރީގަ އެވެ. ދެ ފޯނު ވެސް ވަރަށް ވައްތަރެވެ. ސްކްރީނުގައި ހަތަރު އިންޗި ހުރި ނަމަވެސް، އައިފޯން 5 އެސްއީގެ ހަތަރު ކަން ހުންނަނީ، 5އެސްގެ ކަން ތައް ހުންނަ ވަރަށް ވުރެ ވަށް ކޮށެވެ. އެ ފޯނުގައި، ޓަޗް އައިޑީ ހޯމް ބަޓަނެއް ހުންނަ އިރު، އޮން އޮފް ބަޓަން ހުންނަނީ، އައިފޯން 6 އަދި 6އެސް މޮޑެލްގައި ހުންނަ ގޮތަށް، ފޯނުގެ ކަނާތް ފަރާތު އަރިމަތީގަ އެވެ.

ބްލޮގު "9 ޓު 5 މެކް"ގައި ބުނެފައިވާ ގޮތުން، އައިފޯން 5އެސްއީ ވާނީ އައިފޯން 5އެސް އަށް ވުރެ ރަނގަޅު އަޕްގްރޭޑަކަށެވެ. އެ ފޯނުގައި އަށް މެގަޕިކްސެލްގެ ކެމެރާއެއް ހުންނަ އިރު، ކުރިމަތީގެ ކެމެރާގައި 1.2 މެގަޕިކްސެލްސް ހިމެނެ އެވެ. މިއީ އައިފޯނު 6ގައި ވެސް ހުންނަ ކެމެރާ ކޮލިޓީ އެވެ.

މި ފޯނު މިއަހަރުގެ މާރޗް މަހު ތައާރަފު ކުރެވޭނެ އިރު، ގޯލްޑް، ސިލްވަރ، ގްރޭ އަދި ރޯޒް ގޯލްޑް ކުލައިން ވެސް އައިފޯން 5އެސްއީ ލިބެން ހުންނާނެ ކަމަށް ބެލެވެ އެވެ.