26 Jan 2016, 08:42
ދުނިޔޭގެ އިރު ދެކުނުގައި އޮންނަ އެންމެ ބޮޑު އެއް ގައުމު ކަމުގައިވާ އޮސްޓްރޭލިޔާ، އިނގިރޭސި ރަސްކަމުގެ ދަށުން މިނިވަންވެ، އެޤައުމުގައި މިނިވަން ޖުމްހޫރިއްޔަތެއް ޤާއިމު ކުރަން ބޭނުންވާކަން ހާމަވެއްޖެ އެވެ.
އޮސްޓްރޭލިޔާއަކީ، އިނގިރޭސި ރަސްކަމުގެ ދަށުގައި އޮންނަ ޤައުމެކެވެ. އެޤައުމުގެ އަމިއްލަ ޤާނޫނު ހަދާ މަޖިލީހަކާއި، ޤާނޫނު އަސާސީއަކާއި ބޮޑުވަޒީރެއް ހުންނަވާ އިރު، ސަރުކާރުގެ އެންމެ އިސްވެރިޔާއަކީ ބޮޑުވަޒީރެވެ. ނަމަވެސް ދައުލަތުގެ އިސްވެރިޔާ އަކީ އިނގިރޭސި ރާނީ އެލިޒަބެތު ދޭކެވެ.
އިނގިރޭސި ރަސްކަމުގެ ދަށުން މިނިވަންވާން ފެނޭތޯ ބެލުމަށް 1999 ވަނަ އަހަރު ފެންނަ ނުފެންނަ ވޯޓެއް އޮސްޓްރޭލިޔާގައި ބޭއްވުނެވެ. ނަމަވެސް އެ ވޯޓުގެ ނަތީޖާ ދެއްކި ގޮތުން، އޮސްޓްރޭލިޔާގެ ރައްޔިތުން ބޭނުންވީ އިނގިރޭސި ރަސްކަމުގެ ދަށުގައި ދެމިއޮތުމަށެވެ.
ނަމަވެސް އޭގެ 15 އަހަރު ފަހުން، އޮސްޓްރޭލިޔާގެ އަށް ސްޓޭޓުގެ ތެރެއިން ހަތް ސްޓޭޓެއްގެ އިސްވެރިން މި ވަނީ، އޮސްޓްރޭލިޔާއަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ހެދުމަށް ފެންނަ ކަމަށް ވިދާޅުވެ، ޤަރާރެއް ނެރުއްވައިފަ އެވެ.
"އޮސްޓްރޭލިއަން ރިޕަބްލިކަން މޫވްމެންޓް"ގެ ނަމުގައި ހިންގޭ ކެމްޕޭނުގައި ބައިވެރިވެލައްވާ އެޤައުމުގެ ގިނަ ސިޔާސީ ފަރާތްތައް ބުނާ ގޮތުން، އޮސްޓްރޭލިޔާގެ ދައުލަތުގެ އިސްވެރިޔާއަށް ވާން ޖެހެނީ އޮސްޓްރޭލިޔާ މީހެކެވެ. އަދި އެއީ މާ ދުރު ޤައުމެއްގެ ގަނޑުވަރެއްގެ ތެރޭގައި އިންނަވާ ބޭކަނބަލަކާއި އެކަމަނާގެ އާއިލާއަށް ވެގެން ނުވާނެ ކަމަށް އެބޭފުޅުން ބުނެފައި ވެ އެވެ.
މަސްދަރު:ބީބީސީ