19 Apr 2011, 09:02
އަބޫޖާ : ނައިޖީރިޔާގެ ރައީސް ގުޑްލަކް ޖޮނަތަން އެޤައުމުގެ ރިޔާސީ އިންތިޚާބު، ފުރަތަމަ ބުރުން ކާމިޔާބު ކުރައްވައިފި ކަމަށް ޚަބަރުލިބިއްޖެވެ.
ނައިޖީރިޔާގެ އިންތިޚާބާބެހޭ ސެންޓްރަލް ކޮމިޓީން ބުނިގޮތުގައި ޖޮނަތަންވަނީ އޭނާގެ ވާދަވެރިޔާ ކަމަށްވާ ޖެނެރަލް މުޙައްމަދޫ ބޫހާރީއަށްވުރެ ދެގުނަ އިތުރަށް ވޯޓު ހޯއްދަވާފައެވެ. މިއިންތިޚާބުގެ ވަގުތީ ނަތީޖާއާއި މިނަތީޖާއިން ދެބޭފުޅުންނަށް ލިބިވަޑައިގެންނެވި ވޯޓުގެ ނިސްބަތް، އިންތިޚާބާބެހޭ ކޮމިޓީން މިއަދުގެ ވަގުތެއްގައި ހާމަކުރާނެއެވެ.
މިކޮމިޓީ ބުނާގޮތުން މިހާތަނަށް ގުނާފައިވާ ވޯޓަކީ ޖުމްލަ ވޯޓުގެ ތިންބައިކުޅަދެބައި ކަމަށާއި މިވޯޓުތަކުން ޖޮނަތަންއަށް 20.3 މިލިޔަން ވޯޓު ލިބުނުއިރު ޖޮނަތަންގެ ވާދަވެރިޔާ މުޙައްމަދޫ ބޫހާރީއަށް ލިބިފައިވަނީ 10.4 މިލިޔަން ވޯޓެވެ.
މިހާތަނަށް ނުގުނި ހުރި ވޯޓުން އިިންތިޚާބުގެ ދެވަނަ ބުރަކަށް ދާވަރަށް ނަތީޖާއަށް ބަދަލު އަންނާނެކަމަށް ނުބެލެވޭ ކަމަށްވެސް އިންތިޚާބާބެހޭ ކޮމިޓީގެ މަސްއޫލުވެރިންނާ ޙަވާލާދީ ޚަބަރުތައް ބުނެއެވެ.
ނައިޖީރިޔާގެ އިންތިޚާބުގެ ކަންތައްތައްބަލައި އޮބްޒާވްކުރި މަދަނީ ބައެއް މުއައްސަސާތައް ބުނާގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި ރައީސް ޖޮނަތަންގެ މައްޗަށް އިންތިޚާބުގެ ވޯޓުތައް އޮޅުވާލުމާއި އިންތިޚާބަށް ބާރާއި ނުފޫޒު ހިންގެވި ކަމުގެ ތުހުމަތުތަކެއް ކުރެވެއެވެ. ޖޮނަތަންގެ ވާދަވެރިޔާއަށްވުރެ ދެގުނަ އިތުރަށް އޭނާއަށް ވޯޓު ލިބުމަކީ އޮޅުވާލުމުގެ ކަންތައް ފުޅާދާއިރާއެއްގައި ކުރިޔަށްދިޔަކަމުގެ ޝައްކުތައް އިތުރުވާ ކަމެއް ކަމަށް މިފަރާތްތަކުން ބުނެއެވެ. އިދިކޮޅު ޕާޓީތަކުންވެސްވަނީ ޖޮނަތަންގެ މައްޗަށް މިތުހުމަތުތައް ކޮށްފައެވެ.
މިތުހުމަތުތަކާ ގުޅިގެން ރައީސް ޖޮނަތަންގެ ކޭންޕޭން އޮފީހުންވަނީ މިކަމަށް ވަރަށް އަވަހަށް ރައްދުދޭނެ ކަމަށް ބުނެފައެވެ. އިންތިޚާބު ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން ލިބިވަޑައިގަތުމުން ރައީސް ޖޮނަތަން ވިދާޅުވީ މިހާރު ނައިޖީރިޔާއަކީ ޑިމޮކްރަސީއެއް ކަމަށާއި ނައިޖީރިޔާގެ ރައްޔިތުން ޑިމޮކްރަސީއަށް ތަސައްރަފް ފުދިއްޖެ ކަމުގައެވެ.
ނައިޖީރިޔާގެ ރައީސްކަން ޖޮނަތަންއަށް ލިބިވަޑައިގަތީ އެޤައުމުގެ ރައީސް ޢުމަރު ޔާރާދުއާ މިދިޔަ އަހަރު އަވަހާރަވުމާ ގުޅިގެންނެވެ.
އިންތިޚާބާ ގުޅިގެން ހިނގައިދިޔަ ބައެއް ހަމަނުޖެހުންތަކުގައި އެކަކު މަރުވެ އެތަށްބަޔަކު ޒަޚަމްވެފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. ނައިޖީރިޔާއަކީ އެފްރިކާގެ ހުޅަނގުގައިވާ އާބާދީ ބޮޑު އިސްލާމީ ޤައުމެކެވެ. ނައިޖީރިޔާގެ އަޣްލަބިއްޔަތަކީ މުސްލިމުން ކަމަށްވީ ނަމަވެސް ނަސާރާއިންނާއި އެހެންދީންތަކުގެ މީހުންގެ ނިސްބަތް އެޤައުމުގައި ވަރަށް މައްޗެވެ. -- ބީބީސީ