މަޙްޝަރުގެ ޝާފިޢު، އަދި ކައުޘަރުގެ ސާޤީصلّى اللّـه عليه وسلّمނަބީކަމާއިގެން ފޮނުއްވުމުގެ ފަސްއަހަރު ކުރިއެވެ. ޤުރައިޝުން ގެފުޅު މަރާމާތު ކުރުމުގެ މަސައްކަތްކުރި ދުވަސްވަރެވެ. މާތްވެގެންވާكعبة اللّـهގެފުޅުގެ ޢިމާރާތް ރާނަމުންގޮސް، އަލްޙަޖަރުލްއަސްވަދު ބެހެއްޓުމުގެ ވަގުތު އަތުވެއްޖެއެވެ. ޤުރައިޝުންގެ ހުރިހާ ދަރިކޮޅުތަކަކުންވެސް ބޭނުންވީ، އެ ޝަރަފު، އެ ދަރިކޮޅަކަށް ޚާއްޞަކުރުމަށެވެ. އެކަމުގައި ކުޑަވެސް ދުލެއް ދޭކަށެއް، އެއްވެސްބަޔަކު ބޭނުމެއް ނުވިއެވެ. އެންމެ ތަންފުކެއްވެސް ފަހަތަށް ޖެހޭކަށެއް ތައްޔާރެއް ނުވިއެވެ. ހުރިހާ ވަންހަތަކަކުންވެސް ކަނޑިތައް އުރައިން ދަމައިގަންނަން ތައްޔާރުވިއެވެ. ޚަންޖަރުތައް ވައިގެ ތެރޭގައި ހޫރުވަން ޢަޒުމް ކަނޑައެޅިއެވެ. ޤަބީލާތަކުގެ މެދުގައި ލޭއޮހޮރުވުމުގެ ނިމުމެއްނެތް ސިލްސިލާއެއް ފެށުންއޮތީ ދާދިގާތުގައެވެ. އެ ނާޒުކު ވަގުތުގައި ޢަރަބީންގެ ވިސްނުންތެރިންނާއި މުދައްބިރުން އެއްވެވަޑައިގެން ސައްލާކުރައްވައި، ވަކިގޮތަކަށް އެއްބަސްވެ ވަޑައިގެންނެވިއެވެ. މާދަމާ ހެނދުނު އެންމެ ފުރަތަމަ މަސްޖިދުލްޙަރާމަށް ވަންނަ މީހަކަށް، އަލްޙަޖަރުލްއަސްވަދު ބެހެއްޓުމުގެ ޝަރަފު ދިނުމަށެވެ. އެކަން ސިއްރު ކުރެއްވުމަށްފަހު ސިންތާ ނިންމައިލެއްވިއެވެ.

ވިދިގެންއައި ދުވަހުގެ ފަތިހު، މޫނު އަނދިރިކަން ހުއްޓައި ޤަބީލާތަކުގެ މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހްލުވެރީން ހޭފުޅުލައްވައިގެން ތެދުވެވަޑައިގެން ތިއްބެވީ، އެދުވަހުގެ ހެނދުނު އެންމެ ފުރަތަމަ އަލްމަސްޖިދުލްޙަރާމަށް އަންނަ މީހަކު ބެއްލެވުމަށްޓަކައެވެ. ކެތްތެރިކަމެއްނެތި، ނުހަނު ޝައުޤުވެރިކަމާއެކު ބައްލަވަބައްލަވައި އިންތިޒާރުގައި ތިއްބަވަނިކޮށް ފެނިވަޑައިގަތީ،محمّد الأمينއަލްމަސްޖިދުލްޙަރާމަށް ވެދެވަޑައިގެންނެވި ތަނެވެ. އެންމެ ބޭކަލުން އެއްފަހަރާ އެއް އަޑުފުޅުން، "ރުހިއްޖައީމުއެވެ! ރުހިއްޖައީމުއެވެ! މިވަޑައިގަތީمحمّد الأمينއޭ" ގޮވާލައްވަން ފައްޓަވައިފިއެވެ.

ކައުސާހިބާ، އެކަލޭގެފާނުގެ ބަރަކާތްތެރި ސާލުކޮޅު ފަތުރުއްވައި، އެ ސާލުކޮޅުގެ މަތީގައި އަލްޙަޖަރުލްއަސްވަދު ބޭއްވެވިއެވެ. އެއަށްފަހު ޤަބީލާތަކުގެ ބޮޑުންނަށް އެ ސާލުކޮޅު އުފުއްލަވަން އެންގެވިއެވެ. ޤަބީލާތަކުގެ ބޮޑުން އެ ސާލުކޮޅުގައި ހިއްޕަވައި އަލްޙަޖަރުލްއަސްވަދު ބާއްވަންވީ ހިސާބަށް އުފުއްލެވުމުން، އިތުރު ސާހިބާގެ ބަރަކާތްތެރި އަތްޕުޅުން އެ ހިލަ ނަންގަވައި، އެ ހިލައިގެ މަޤާމުގައި ބޭއްވެވިއެވެ. ނުހަނު ޙިކުމަތްތެރި ކަމާއެކު، އެ މަތިވެރި ޝަރަފުގައި، ހުރިހާ ޤަބީލާތަކެއް ޝާމިލުކޮށްދެއްވިއެވެ. ނުރައްކާތެރި ލޭއޮހޮރުވުމަކުން ޤުރައިޝުން ސަލާމަތްކޮށްދެއްވިއެވެ. ނަތީޖާއެއްގެ ގޮތުން،محمّد الأمينއާމެދު ޤުރައިޝުންގެ ހިތްތަކުގެ ލޯބި އިހުނަށްވުރެ އެތައް ގުނައެއް އިތުރުވިއެވެ. އެމާތް ސާހިބާގެ ޢިއްޒަތާއި ޤަދަރު، ޤުރައިޝުންގެ ހިތްތަކުގައި އެތައްތަނެއް ބޮޑުވިއެވެ.

ޤުރައިޝުވަންހައިގެ ޢިއްޒަތްތެރި ޤަބީލާއެއްކަމުގައިވާ ޢަދިއްޔުވަންހައިގެ ހިތްވަރުފުޅުގަދަ، ކުޅަދާނަފުޅު ފަހުލަވާނެއްކަމުގައިވާعمر بن الخطّاب،ޙަޖަރުލްއަސްވަދު ބޭއްވެވުމުގެ ބަރަކާތްތެރި މަސައްކަތް ނިންމަވައިފައި ގެއަށް ވަޑައިގެންނެވިއިރު، އެކަލޭގެފާނުގެ އަނބިކަނބަލުންزينب بنت مظعونވަނީ ހަނދެއްފަދަ ރީތި ދަރިކަނބަލަކު ރައްކާވެފައެވެ. (ވާޤިދީ، އިބްނު ސަޢުދު، އަލްޙާކިމް)

ތާރީޚުގައި އެދަރިކަނބަލުން މަޝްހޫރުވެވަޑައިގެންފައިވަނީ ގިނަގިނައިން ރޯދަ ހިއްޕަވާ، އަޅުވެރި ބޭކަނބަލެއްގެ ގޮތުންނެވެ. ޤާރިއްޔާއެއްގެ ގޮތުންނެވެ. ފަޞާޙަތްތެރި ބަލާޣަތްތެރި އަދީބާއެއްގެ ޙައިޘިއްޔަތުންނެވެ. ނަބީލެއްގެ ދަރިކަނބަލުން ނަބީލާއެއްގެ ޙައިޘިއްޔަތުންނެވެ. ޚާއްޞަކޮށް މުސްލިމުންގެ ލޮބުވެތި މައިކަނބަލެއްގެ ޙައިޘިއްޔަތުންވެސްމެއެވެ. އެ ދަރަޖަ މަތިވެރި، ޝަރަފުވެރި ބޭކަނބަލަކީ،أمّ المؤمنين السّيّدة حفصة بنت عمر الفاروق رضى اللّـه عنــهاއެވެ.السّيّدة حفصةވެސް ވެވަޑައިގަތީ، އެކަމަނާގެ މާތް ބައްޕާފުޅު ފަދައިން، ބިރުފުޅު ކުޑަ، ޖެހިލުންވެވަޑައިގަތުމެއްނެތް، ސާފު، ޞަރީޙަ ބަސްފުޅުން ވާހަކަފުޅު ދައްކަވާ ބޭކަނބަލަކަށެވެ.

+ + + + +

أمّ المؤمنين السّيّدة حفصة رضى اللّـه عنــهاގެ ބައްޕާފުޅަކީ، ޤުރައިޝުވަންހައިގެ ޝަރަފުވެރި މުދައްބިރެއްކަމުގައިވާعمر الفاروق بن الخطّاب بن نُفَيْل بن عبد العزىّ بن رِيَاحُ بن عبد اللّـه بن قُرْطُ بن زَراح بن عدىّ بن كعبއެވެ. ކައުސާހިބާصلّى اللّـه عليه وسلّمގެ ނަސަބުފުޅާ އެކަމަނާގެ ނަސަބުފުޅު ގުޅެނީ،كعب بن لؤىއާ ހަމައިންނެވެ. އެކަމަނާގެ މައިކަނބަލަކީالسّيّدة زينب بنت مظعونއެވެ.السّيّدة حفصةގެ ޤަބީލާއަކީ ޤުރައިޝުވަންހައިގެ މަޝްހޫރު ދަރިކޮޅެއްކަމުގައިވާعدىّވަންހައެވެ.

عدىّވަންހައަކީ، ޖާހިލިއްޔަ ޒަމާނުގައިވެސް ޤުރައިޝުންގެ ތެރޭގައި ޤަދަރުހުރި ވަންހައެކެވެ. ޢަރަބީންގެ މެދުގައި އުފެދޭ ދާޚިލީ ދެބަސްވުންތައް ޙައްލުކުރުމުގައި، ސަފީރުންގެ މަސްއޫލިއްޔަތު އަދާކުރައްވަނީ،عدىّވަންހައިގެ ބޮޑުންނެވެ. ޤުރައިޝުންގެ ބޮޑުންގެ މެދުގައި، ޢިއްޒަތާއި، ޤަދަރާއި، ވެރިކަމާއި، ޖާހާ ހުރެ އުފެދޭ ދެބަސްވުންތަކުގައި ނިޔާކަނޑައެޅުއްވުމަކީވެސް،عدىّވަންހައިގެ ބޮޑުންގެ މަސްއޫލިއްޔަތެކެވެ. އެހެންކަމުން، ނަސަބުގެ ޢިލްމާއި، ސިޔާސީ ހުނަރުވެރިކަމާއި، ވާހަކަ ދެއްކެވުމުގެ ކުޅަދާނަފުޅުކަމަކީ،عدىّވަންހައިގެ ބޮޑުން އެކަންކަމުގެ ތެރެއަށް ވެދެވަޑައިގެން ތިއްބަވާ ޝަރަފުވެރި ކަންކަމެވެ.السّيّدة حفصةރައްކާވިއިރު، ޤުރައިޝުންގެ އެމްބެސެޑަރެއްގެ މަޤާމުގައި ހުންނެވީ، އެކަމަނާގެ ދަރަޖަ މަތިވެރި ބައްޕާފުޅުعمر بن الخطّابއެވެ.

السّيّدة حفصةގެ ޢުމުރުފުޅުން ގާތްގަނޑަކަށް ހަތަރުވަރަކަށް އަހަރުވީތަނާ، ފާރާން ފަރުބަދަމަތީން ރިސާލަތުގެ އިރު އުދަވެއްޖެއެވެ. އެކަމަނާގެ ބައްޕާފުޅު،عمر بن الخطّابހިމެނިވަޑައިގަތީ، ރިސާލަތުގެ އިރުގެ އަލި ދޯދިތައް މައްކާގެ އުދަރެސް ރަންކުރުވިޔަ ނުދެއްވަން އެންމެ ބޮޑަށް ހިތްވަރު ކުރެއްވި އެކަކު ކަމުގައެވެ. އެއްދުވަހަކުعمرގެފާނު ގެއިން ނުކުމެވަޑައިގެންނެވީ، ނަބީކަން ޚަތިމުކުރެއްވި ސާހިބާ ޝަހީދުކޮށްލެއްވުމަށްޓަކައި، ކަނޑިކޮޅު ހިއްޕަވައިގެންނެވެ. ނަމަވެސް، ތަޤްދީރުގެ ނިޔާފުޅު ހުރިގޮތުން، އެދުވަހުعمرގެފާނު އެނބުރި ގެއަށް ވަޑައިގަތީ، އިސްލާމްދީނުގެ ނަބިއްޔާއަށްޓަކައި ޝަހީދުވެވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ފިދާއީ އަކަށް ބަދަލުވެވަޑައިގެންނެވެ. މި ޙާދިޘާ ހިނގިއިރު،السّيّدة حفصةގެ ޢުމުރުފުޅަކީ، ދިހަ އަހަރުފުޅެވެ. ބައްޕާފުޅުعمر بن الخطّاب رضى اللّـه عنــهއާއި، އެކަމަނާގެ މައިކަނބަލުންالسّيّدة زينب بنت مظعون رضى اللّـه عنــهاއާއި، ބޮޑުބޭބޭފުޅުزيد بن الخطّاب رضى اللّـه عنــهއާއި، ބޮޑުދައިތާފުޅުفاطمة بنت الخطّاب رضى اللّـه عنــهاއާއި، މާބެعثمان بن مظعون رضى اللّـه عنــهއިސްލާމްވެވަޑައިގަތުމާ ގުޅިގެން،السّيّدة حفصة رضى اللّـه عنــهاބޮޑުފުޅުވަމުން ވަޑައިގަތީ، ޞަޙާބީންގެ ތެރެއިންالسّابقون الأوّلونގެ މުޤައްދަސް ޖަމާޢަތުގެ ތެރޭގައެވެ. މާގިނަދުވަސްތަކެއް ނުވަނީސްالسّيّدة حفصة رضى اللّـه عنــهاގެ ލޮބުވެތި މައިކަނބަލުންالسّيّدة زينب بنت مظعون رضى اللّـه عنــهاއަވަހާރަވެ، މައްކާގެ މުޤައްދަސް ބިމުގައި ފަސްދާނު ވެޑުވިއްޖެއެވެ.

އެންމެ ފުރަތަމަ ކާވެނިފުޅު

السّيّدة حفصة بنت عمرއިސްލާމްވެވަޑައިގެންނެވި ދުވަސްވަރަށްވުރެ ތަންކޮޅެއް ކުރީން، ސަހުމުވަންހައިގެ ބާއްޖަވެރި ޒުވާނެއްވެސް އިސްލާމްވެވަޑައިގެންނެވިއެވެ.أبوبكر الصّدّيق رضى اللّـه عنــهގެ ދީނަށް ގޮވައިލެއްވުމުގެ ސަބަބުންނެވެ. އެ ޒުވާނާއަކީ،خُنَيْس بن حُذافة السّهمى رضى اللّـه عنــهއެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގެންނެވީ، އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمއިސްލާމީ ދަޢުވަތާއި ތަރްބިޔަތުގެ މަރްކަޒަކަށް ދާރުލްއަރްޤަމް ހެއްދެވުމުގެވެސް ކުރީންނެވެ. ސަހްމުވަންހައިގެ ޒުވާނަކު އިސްލާމްވެވަޑައިގެންނެވިކަން ޤުރައިޝުންނަށް އެނގުމުން، އެއުރެންގެ ގާތަށް ވަރަށް ރުޅިއައެވެ. އެ ޒުވާނާއަށް ޖެއްސުންކޮށް އުނދަގޫކޮށް، އަނިޔާ ކުރުމުގައި ހައްދުފަހަނަޅައި ދިޔައެވެ. އެހެންކަމުން، މުޝްރިކުންގެ އަނިޔާވެރިކަމުން ސަލާމަތްވެވަޑައިގެންނެވުމަށްޓަކައި، ކައުސާހިބާصلّى اللّـه عليه وسلّمގެ އަމުރުފުޅަށް ޙަބަޝާއަށް ހިޖްރަކުރެއްވި މުހާޖިރުނާخُنَيْسވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ޙަބަޝާގައި ދުވަސްތަކެއް ވޭތުކުރެއްވިތަނާ،خُنَيْسމާބޮޑަށް މައްކާގެ މަތީން ހަނދުމަފުޅުވާން ފަށައިފިއެވެ. ކައުސާހިބާصلّى اللّـه عليه وسلّمއާ ބައްދަލުކުރައްވައި ނަސޭހަތްޕުޅުތަކާއި އިރުޝާދުތައް އަޑުއައްސަވާހިތްޕުޅުވާން ފަށައިއެވެ. އެހެންކަމުން، މައްކާއަށް އެނބުރިވަޑައިގެން، ޤުރައިޝުންގެ އަނިޔާތައް ނުހަނު ސާބިތުކަމާއެކު ބަރުދާސްކުރައްވަމުން ގެންދެވިއެވެ.

عمر بن الخطّاب رضى اللّـه عنــهގެ ހެޔޮލަފާ ދަރިކަނބަލުންالسّيّدة حفصة رضى اللّـه عنــهاފިރިފުރާވަރަށް އަރައިވަޑައިގަތީ އެދުވަސްވަރުއެވެ.عمرގެފާނުحفصةއަށް ފިރިކަލަކު ހޯއްދަވައިދެއްވަން، މުސްލިމުންގެ ހުއްސަރިބައި ޒުވާނުންގެ މައްޗަށް ހިންގެވި އިންތިޚާބީ ނަޒަރު ހުއްޓުނީ،خُنَيْس بن حُذافةގެ މައްޗަށެވެ.عمر رضى اللّـه عنــهއެކަލޭގެފާނުގެ ލޯފުޅުގެ ނޫރުކަމުގައި ހިމެނިވަޑައިގަންނަވާ ލޮބުވެތި ދަރިކަނބަލުންނާ،خُنَيْسއާ ކާވެނިކޮށްދެއްވިއެވެ.السّيّدة حفصةފިރިކަލުންގެ ގެޔަށް ބަދަލުވެވަޑައިގެން، ނުހަނު ހިތްޕުޅު ހަމަޖެހިވަޑައިގަތުމާއެކު، އުފާފުޅުން ދިރިއުޅުއްވާން ފެއްޓެވިއެވެ.

މަދީނާއަށް ހިޖްރަ ކުރެއްވުން

މައްކާގެ މަސްރަޙު އައީ މުސްލިމުންގެ ކުރިމަތީގައި، ދުވަހެއް ދުވަހަކަށް ނާމާންވަމުންނެވެ. ބިރުވެރިކަން އިތުރުވަމުންނެވެ. މުސްލިމުންނަށް ލިބެމުންދިޔަ އަނިޔާތައް އައީ، ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. އެހެންކަމުން، އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمނަބީކަމުގެ ތޭރަވަނަ އަހަރު، މުސްލިމުންނަށް މަދީނާއަށް ހިޖްރަ ކުރައްވަން ހުއްދަ ވިދާޅުބަސްފުޅު އިއްވެވިއެވެ. މުސްލިމުން އެބައިމީހުންގެ ދީންމަތީގައި ސަލާމަތުން މައްކާގައި ދިރިއުޅުނަދޭކަށެއްވެސް، އެހެން ތަނެއްގައި ޙިމާޔަތާއި ސަލާމަތް ހޯދިޔަދޭކަށެއްވެސް، މުޝްރިކުން ބޭނުމެއް ނުވެއެވެ. އެހެންކަމުން، މުސްލިމުން މަދީނާއަށް ދަތުރުކުރަމުން ގެންދިޔައީ، މުޝްރިކުންގެ ކަޅިމަތި ބަލަމުން، ފިލަފިލައިގެންނެވެ. ޞަޙާބީންގެ ގިނަ ބޭކަލުން މަދީނާއަށް ވަޑައިގަތީ، ހުރިހާ މިލްކިއްޔާތެއް ދޫކޮށްލައްވައިފައި، ހުސްއަތްޕުޅާއިގެންނެވެ.

(ނުނިމޭ)