25 Jan 2016, 22:56
ރާއްޖޭގައި ގާއިމު ކުރާ ސްޕެޝަލް އެކޮނަމިކް ޒޯނެއްގައި ގާއިމު ކުރެވޭނެ އެންމެ ކުޑަ އިންވެސްޓްމަންޓަކީ 150 މިލިއަން ޑޮލަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފި އެވެ.
ރައީސް އަބަދުﷲ ޔާމީން އަބްދުލް ގައްޔޫމު ސޮއި ކުރައްވައި މިއަދު ނެރުއްވި ގަރާރުގައިވާ ގޮތުން ރާއްޖޭގައި ކުރާ އިންވެސްޓްމަންޓްތައް ހަތް ދާއިރާއަކަށް ފެތެން ޖެހެ އެވެ. އޭގެ ތެރޭގައި ޓްރާންޝިޕްމަންޓް، އިންޓަނޭޝަނަލް ލޮޖިސްޓިކްސް، ޕޯޓް، އެއާޕޯޓާއި ބަލްކް ބްރޭކިން، ބަންކަރިންނާއި ޑޮކިން ސާވިސް ހިމެނެ އެވެ.
އަދި ހަމަ އެހެންމެ ޔުނިވަސިޓީ އާއި ޓާޝަރީ ހޮސްޕިޓަލް އާއި ސުޕާ ސްޕެޝިއަލިޓީ ހޮސްޕިޓަލް އާއި އަދި ދުނިޔޭގެ ފެންވަރުގެ ރިސާޗު އެންޑް ޑެވޮލަޕްމަންޓް ފެސިލިޓީސްތައް ހިމެނެ އެވެ. އަދި ދުނިޔޭގެ ފެންވަރުގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލެޖީ (އައިސީޓީސީ) ޕާކާއި އަދި އިންޓަނޭޝަނަލް ފައިނޭޝަލް ސާވިސް އަދި އިންޓަނޭޝަނަލް ޓްރޭޑް ސެންޓަރުތައް ހިމެނެ އެވެ.
އަދި ހަމަ އެހެންމެ އިޔާދަ ކުރުވަނިވި ހަކަތަ އާއި އޮއިލް އެންޑް ގޭސް އެކްސްްޕްލޮރޭޝަންގެ މަސައްކަތާއި ރާއްޖޭގައި ނެތް ޓެކްނޮލެޖީއެއް ރާއްޖެ އަށް ތައާރަފު ކުރުމަށް ހިންގާނެ މަސައްކަތްތައް ހިމެނެ އެވެ.
ރައީސް މިއަދު ނެރުއްވި ގަރާރުގައި ވިދާޅުވެފައި ވަނީ ސްޕެޝަލް އެކޮނަމިކް ޒޯންގައި ހިންގި ދާނެ އިގްތިސާދީ މަސައްކަތްތަކަކީ ކޮބައި ކަމާއި އަދި އެއިން ޒޯނެއްގައި ހިންގި ދާނެ ޖުމްލަ އިންވެސްޓްމަންޓްގެ އެންމެ ކުޑަ މިންވަރަކީ ކޮބައިކަން، ބޯޑް އިންވެސްޓްމަންޓްގެ މަޝްވަރާގެ މަތީން ކޮންމެ އަހަރެއްގެ ވެސް ފެބްރުއަރީ މަހުގެ ކުރީން ރައީސް ކަނޑައަޅުއްވާނެ ކަމަށެވެ.