25 Jan 2016, 21:51
ސަލްޓަންޕާކު ތަރައްގީ ކުރަނީ މި ސަރަހައްދުގައި ވެސް ފާހަގަކޮށްލެވޭފަދަ ޕާކެއްގެ ގޮތުގައި ކަމަށާއި އެ ޕާކު ތަރައްގީކޮށް ނިމޭއިރު، "ފިނިކަން އިހްސާސްކުރެވި ސްނޯ ވެސް ފައިބާނެ" ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ރަސްކަމުގެ ތާރީހާ ގުޅިފައިވާ ސަލްޓަންޕާކު ތަރައްގީ ކުރަނީ 15 އަހަރުން ދަށުގެ ކުޑަކުދިންނާ ރައްޓެހި މާހައުލެއްގެ ގޮތުގަ އެވެ. ސަލްޓަންޕާކު ތަރައްގީ ކުރަން ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ.

ޖެނުވަރީ 25، 2016: ސަލްޓަން ޕާކު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
އެއްބަސްވުމުގައި ސޮއި ކުރުމަށް ހޮޓެލް ޖެންގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ދެއްކި ޕްރެސެންޓޭޝަނުގައި ބުނެފައި ވަނީ ސަލްޓަން ޕާކު ތަރައްގީ ކުރަނީ ކުޑަކުދިންނަށް ކުޅިވަރުތައް ކުޅޭ ގެލެރީއަކާއި ފިނިފެންމާ ބަގީޗާއަކާއި ގްރީން ޓަނަލްއެއް ހިމެނޭ ގޮތަށް ކަމަށެވެ.
ސަލްޓަންޕާކު ތަރައްގީ ކުރަނީ އެތަނުގައި ހުރި ޒަމާންވި ގަސްތަކަށް ގެއްލުމެއް ނުވާނެ ގޮތަށް ކަމަށާއި އެތަނުގެ ބަގީޗާތައް ޒީނަތްތެރި ކުރާނީ ރާއްޖޭގައި އާންމުކޮށް ހައްދާ ގަސްތައް އިންދައިގެން ކަމަށް އެ ޕްރެސެންޓޭޝަންގައި ބުނެފައިވެ އެވެ. އަދި ބުނީ ފައްވާރެއް ނުވަތަ ފެންއަރުވާ ވަޑާމެއްވެސް އެތަނުގައި ހުންނާނެ ކަމަށެވެ.

ސަލްޓަން ޕާކު ތަރައްގީކޮށް ނިމުމުން އެތަން ހުންނާނެ ގޮތުގެ ކުރެހުމެއް--
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ ސަލްޓަންޕާކް ތަރައްގީ ކުރެވިގެންދާ އިރު، އެތަނުގައި ހުރި 100 އަހަރަށްވުރެ ގިނަ ދުވަސްވީ ބިނާ "އުސްގެކޮޅު" މަރާމާތު ކުރެވޭނެ ކަމަށެވެ. އަދި އެތަނުން ތާރީހާ ގުޅޭ މައުލޫމާތު ލިބި ތާރީހު އުނގެނެވޭނެކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެތަނުގައި ފިނި މޫސުމުގެ ތަޖުރިބާ ކުރެވޭނެ ހާއްސަ ސަރަހައްދެއް ހުންނާނެ ކަމަށް ވިދާޅުވި އެވެ.
"މިތަނުގަ ހެދިގެންދާނެ ވިންޓާ ކޯނާއެއް. ވިންޓާ ކޯނާއަށް ވަނީމަ ހަމަ ފިނި ގައުމެއްގައި ވިންޓާގައި އުޅޭއިރު ކުރެވޭއިހުސާސްކުރެވޭނެ .ފިނިވާނެ، ސްނޯވެސް ފައިބާނެ، ހަމަ އެ ހުރިހާކަމެއް ވެގެންދާނެ،" މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އެމްޓީސީސީގެ ސީއީއޯ ހަލީމް ވިދާޅުވީ، ރާއްޖޭގެ ތަރައްގީގެ ގިނަ ޕްރޮޖެކްޓްތަކެއް އެމްޓީސީސީއަށް ހަވާލުކުރަމުން އަންނަ ކަމަށްޓަކައި ރައީސް ޔާމީނަށް އަދި ހައުސިން މިނިސްޓްރީ އާއި ސަރުކާރުގެ އެހެނިހެން މުއައްސަސާ ތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ އެއްބަސްވުމުގައި ސޮއިކުރުމާ އެކު މިހާރުން މިހާރަށް ކުރަންޖެހޭ މަސައްކަތްތައް ފަށައިގެން ކުރިއަށްގެންދާނެ ކަމަށެވެ.
ޕާކް ތަރައްގީކުރުމުގެ ޑިޒައިން މަސައްކަތް ހަވާލުކޮށްފައި ވަނީ ހޮޓެލް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން ކުންފުންޏާ އެވެ.