19 Apr 2011, 08:53
އިނގިރޭސި ވިލާތުގައި މިހާރު އުފަންވާ ކޮންމެ ސަތޭކައަކުން 46 ކުދިން އުފަންވަނީ ކައިވެނިން ބޭރުގައި ހިންގާ ގުޅުން ތަކުން ކަމަށާއި އޭގެ ސަބަބުން ވަރަށް ބޮޑެތި އިޖުތިމާއީ މައްސަލަތައް ކުރިމަތިވާ ކަމަށް އެ ގައުމުގެ ދިރާސާ ކުރާ މަރުކަޒަކުން ހާމަކޮށްފި އެވެ.
އިނގިރޭސިވިލާތުގެ ސެންޓަ ފޯ ސޯޝަލް ޖަސްޓިސްއިން ކުރި ސާވޭއަކުން ހާމަވެފައިވާ ގޮތުގައި ރަށްމެދަށް ވިހެއުމުގެ ރޭޓް އެގައުމުގައި މިހާރު މައްޗަށް ގޮސްފައި ވަނީ މިދިޔަ 200 އަހަރުގެ ތެރޭގައި ވެސް މައްޗަށް ނުދާ މިންވަރަކަށެވެ. އަދި އެގޮތަށް އުފަންވާ ކުދިންގެ ތެރެއިން ދެބައިކުޅަ އެއްބައި ކުދިން ބެލެނިވެރިންގެ އަޅާލުމުން މަހުރޫމް ވަނީ އުމުރުން 16 އަހަރުގައެވެ.
މީގެ 30 އަހަރު ކުރިން ކައިވެނިން ބޭރުގައި ދަރިން ހޯދުމަކީ އިނގިރޭސިވިލާތުގައި ލަދު ހުތުރުކަމެއް ކަމުގައި އޮތް ނަމަވެސް މިހާރު އެ ގައުމުގެ މީހުން ވަނީ އެއީ އާއްމު ކަމަށް ހަދާފަ އެވެ. އެގޮތުން މިހާރު އެ ގައުމުގައި އެކުގައި ދިރިއުޅޭ ކޮންމެ ނުވަ ޖޯޑެއްގެ ތެރެއިން އެއް ޖޯޑަކީ ކައިވެނި ނުކޮށް އެކުގައި ދިރިއުޅޭ މީހުންނެވެ.
ސެންޓަ ފޯ ސޯޝަލް ޖަސްޓިސް ބުނާ ގޮތުގައި ކައިވެން ބޭރުގައި އުފަންވާ ކުދިން މަސްތުވާ ތަކެއްޗަށް ދެވި ހިފުމުގެ ފުރުސަތު އެ ނޫން ކުދިންނަށް ވުރެ 70 ޕަސެންޓް ބޮޑެވެ. އަދި އެ ކުދިން ސްކޫލްގައި ފޭލް ވުމުގެ ފުރުސަތު 75 ޕަސެންޓް ބޮޑެވެ. އަދި އެފަދަ ކުދިން ބޮޑެތި ވުމަށް ފަހު ވަޒީފާއެއް ނެތި ތިބުމުގެ ފުރުސަތު އެހެން ކުދިންނަށް ވުރެ 35 ޕަސެންޓް ބޮޑުކަމަށް ވެސް އެ ސެންޓަރުން ކުރި ސާވޭއިން ވަނީ ހާމަވެފަ އެވެ.
ކައިވެންޏަށް ބާރުއަޅާ ގޮތަށް ޓެކްސް ސިސްޓަމް އިސްލާހު ކުރުމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމެރަން ވަނީ މިއަހަރު ވައުދުވެވަޑައިގެންފަ އެވެ.