ރާއްޖެ އެނބުރި ވަޑައިގަންނަވާނެ ކަމަށާއި ނަމަވެސް އެނބުރި ވަޑައިގަންނަވާނެ ދުވަހަކާމެދު ކުރީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސުވާލު އުފައްދަވައިފި އެވެ.

ޓެރަރިޒަމްގެ ކުށުގައި ތަންފީޒު ކުރައްވަމުން ގެންދެވި ޖަލު ހުކުމް މަޑުޖައްސަވާލެއްވުމަށްފަހު، ބޭސްފަރުވާއަށް އިނގިރޭސީވިލާތައް ވަޑައިގެންނެ ހުންނެވި ނަޝީދު އެމަނިކުފާނުގެ ގާނޫނީ ވަކީލުންނާއެކު އެގައުމުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ރާއްޖެއަށް އެނބުރި ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އެނބުރި ވަޑައިގަންނަވާނެ ދުވަހެއް ނަޝީދު ވިދާޅެއް ނުވެ އެވެ.

އާއިލާއާ ދުރުގައި ގިނަ ދުވަހު ޖަލުގައި ހޭދަ ކުރެވިއްޖެ ކަމާށާއި އިސްކަންދޭނީ އާއިލާއާއެކު ވަގުތު ހޭދަ ކުރައްވުމަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މިހާރު ތި އެންމެ ބޭފުޅުންގެ ހިތުގައި އުފެދޭނެ ސުވާލަކީ އަޅުގަނޑު ރާއްޖެއަށް އެނބުރި ހިނގައިދާނޭ ބާއޭ. އަޅުގަނޑު ދާނަން. ނަމަވެސް ސުވާލަކީ އެއީ ކޮން އިރަކު ކިހިނެއްތޯ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ސީރިއަސް ކަމަށް ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ހޯއްދަވާނެ ސިއްހީ ފަރުވާއާ ގުޅޭ ގޮތުން ޑޮކްޓަރުންނާ ބައްދަލު ކުރައްވާނެ ކަމށެވެ.

ނަޝީދު ވިދާޅުވީ، ދީނީ ހައްދުފަހަނައެޅުން އިތުރުވެ، ގިނަ އަދަދެއްގެ ދިވެހިން ދަނީ ސީރިޔާއަށް ހަނގުރާމައަށް ދަމުން ކަމަށެވެ. އަދި ރާއްޖެއަކީ އާބާދީގެ ނިސްބަތުން އެންމެ ގިނަ މީހުން އައިއެސް ގްރޫޕާ ގުޅޭ އެއް ގައުމު ކަމަށާއި މިއީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މިހާރު ފެންނަނީ ސަރުކާރުން ޗައިނާއާ ދެމެދު ގާތް ގުޅުމެއް ބާއްވައި ޗައިނާއަށް ގިނަ ޕްރޮޖެކްޓްތަކެއް ދެމުން އަންނަތަން ކަމަށެވެ. ނަމަވެސް އެހެން ގައުމުތަކާ ދުރުވުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް ނަޝީދު ވިދާޅުވި އެވެ.