26 Jan 2016, 10:10
މަޖިލިސް އެކުލަވާލައިފައި ވަނީ ހުރިހާ ރައްޔިތުން ޝާމިލުވާ ގޮތަށެވެ. އެއީ ރާއްޖެ އާބާދީގެ 338،434 މީހުން ހިމެނޭ ގޮތަށް 85 ދާއިރާއަކުން އިންތިހާބުކުރާ މެމްބަރުން ހިމެނޭ ގޮތަށެވެ. ބަރުލަމާނީ ނިޒާމުގެ ބޭނުމަކީ އެއީ އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުތައް ފާސްވެގެންދަނީ ރައްޔިތުންނަށް ލާބަ ލިބޭ ގޮތައްތޯ އެވެ. ބިލްތައް ދިރާސާކޮށް، ރައްޔިތުންގެ މަސްލަހަތަށް އިސްކަންދޭތޯ އެވެ. ގާނޫނީ ނަޒަރިއްޔާ އިން ބިލާމެދު ބަހުސް ކުރޭތޯ އެވެ. ގާނޫނުގެ ދިގު އަތް، ނުހައްގުން ބޭނުން ކުރުމުން މާދަމާ އެ ނުރައްކާ ތިމާއާ ދިމާލަށް އަންނާނެތޯ ވިސްނަނީ ކިތައް މެމްބަރުންތޯ އެވެ.
ގާނޫނު އަސާސީގެ 75 ވަނަ މާއްދާ: މެމްބަރުންގެ މަސައްކަތުގައި ރިޔާއަތް ކުރަންވީ ކަންތައްތައް
- މަސައްކަތް ކުރަންވާނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެން
- މެމްބަރެއްގެ ހާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެ ޒާތީ މަސްލަހަތެއް ކުރިއަރުވަން މަގާމުގެ ބޭނުންކޮށްގެން ނުވާނެ
- އިންތިހާބުވި ދާއިރާ ތަމްސީލު ކުރުމުގައި މުޅި ގައުމާއި ހުރިހާ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރިޔާއަތް ކުރައްވާނެ
މަޖިލީހަށް ހުށަހަޅާ ގަރާރުތަކާއި ބިލްތަކާއި ކުއްލި މައްސަލަތަކާއި މިނިވަން މުއައްސަސާތަކަށް މެމްބަރުން އައްޔަން ކުރުމުގައި މެމްބަރުން އަމިއްލަ މަސައްލަހަތު އިސްކޮށްފައި އެބަ ހުއްޓެވެ. މަޖިލީހުގައި ނަގާ ވޯޓުތަކުން އެކަން ސާބިތުވާނެ އެވެ. ގާނޫނު އަސާސީގައި ބުނާ މެމްބަރުންގެ މަސައްކަތުގައި ރިޔާއަތް ކުރަންވީ ކަންތައްތަކުގެ އަމަލު ކުރުމުގައި ބައެއް މެމްބަރުން ވަނީ އިހްމާލުވެފަ އެވެ.
މަޖިލީހަށް އިންތިހާބުވުމަށް ފަހު، ކުރި ހުވާގައިވާ ގާނޫނު އަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތީން ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު މަސައްކަތް ކުރާނެ ކަމަށް ވައުދުވެ މާތްﷲ ގަންދީ ކުރި ހުވާގެ މަތީގައި މިއަދު ދެމިތިބީ ކިތައް މެމްބަރުންތޯ އެވެ.
ބަރުލަމާނީ ނިޒާމުގެ ވާދަވެރިކަމުގައި ޒިންމާ އުފުލުގައި ދީނުގައިވާ ހުދޫދުތައް ފަހަނައަޅައި ގޮސްގެން ނުވާނެ އެވެ. މަޖިލީހަށް މިއަދު ބިލެއް ހުށަހެޅުމުން، މެމްބަރުން އެ ބިލް ދިރާސާއެއް ނުކުރެ އެވެ. ބިލާ މެދު ވިސްނައި، ބަހުސް ކުރުމަށް ދޭ ފުރުސަތުގައި "ސަނާ" ކިޔާތަން އެންމެންނަށް ފެންނާނެ އެވެ. މައުޟޫއިން ބޭރުން، ލިބޭ ވަގުތުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރާއިރު ރިޔާސަތުން ވެސް އަޅައެއް ނުލަ އެވެ.
ރާއްޖޭގެ ޖިނާއީ އަދަލުގެ ނިޒާމާއި ގާނޫނީ އޮނިގަނޑު އެކުލަވާލުމުގައި މަސައްކަތްޕުޅު ކުރެއްވި އަދި ހާއްސަ މަޖިލީހުގައި ވެސް މެމްބަރުކަން ކުރެއްވި ވަކީލަކު "ސަން"އާ ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުރައްވާ ހުވާގައި އަމިއްލަ މެމްބަރަކާއި ސިޔާސީ ޕާޓީގެ މެމްބަރަކާއި ތަފާތުކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން ސަރުކާރުން ބިލެއް ހުށަހެޅުމުން އެ ބިލެއް އަވަހަށް ފާސްކޮށްލުމުގެ ނިޔަތުގައި ރައްޔިތުންނަށް އެ ބިލަކުން ލިބިގެންދާނެ ގެއްލުމަކަށް ބަލާލުމެއް ނެތި ފާސްކޮށްލުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

18 ވަނަ ރައްޔިތުން މަޖިލީހުގެ މެމްބަރުން މެމްބަރު ކަމުގެ ހުވާ ކުރައްވަނީ: ފޮޓޯ/ މަޖިލިސް
"އެ ހުވާގައި ނޯވޭ ތަފާތެއް، އަމިއްލަ މެމްބަރެކޭ ޕާޓީއެއްގެ މެމްބަރެކޭއެއް. އެކަމަކު ޕާޓީއަކުން އައިސް ތިބޭ މެމްބަރުންނަށް ހީވާ ކަހަލަ ހުރިހާ އުސޫލުތަކެއް ބިންދާލައިފައި ވަކި ކުރަން ބޭނުންވާ މީހުން ވަކި ކުރެއްވުމަކީ ވަރަށް މޮޅު ކަމަކޭ. ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ވަކި ހާއްސަ އުސޫލުތަކެއް އެބަހުރިދެއްތޯ ކަންތައްތައް ކުރަންވީ،" ވަކީލު ވިދާޅުވި އެވެ.
އިލްމީ ބޭފުޅުން ވިދާޅުވާ ގޮތުން ގާނޫނު އަސާސީގައި ބުނާ މެމްބަރެއްގެ ޝަރުތު ބަދަލު ކުރަންޖެހެ އެވެ. އެއީ ތައުލީމީ ފެންވަރު މަތިކޮށް، މެމްބަރު ކަމަށް ވާދަ ކުރުމުގައި ޝަރުތުތައް ހަރުކަށި ކުރުމެވެ.
މެމްބަރަކަަށްވުމުގެ މައިގަނޑު ޝަރުތުތައް:
ގާނޫނު އަސާސީގެ 73 ވަނަ މާއްދާ
ދިވެހި ރައްޔިތަކަށްވުން
- ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުން
- މުސްލިމަކު ކަމުގައިވުމާއި ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުން
- އުމުރުން 18 އަހަރު ފުރިފައިވުން
- ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން
މެމްބަރަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ގާނޫނު އަސާސީގައި ބުނާ މާއްދާގައި މެމްބަރުންގެ އިލްމީ ގާބީލުކަން ބަޔާންކޮށްފައެއް ނުވެ އެވެ. އަދި މެމްބަރަކަށްވުމުގައި އެ ޝަރުތުތައް ފުރިހަމަ ކުރުމުގެ އިމެއް ވެސް ނެތެވެ. އޭގެ ސަބަބުން މާލީ ނުފޫޒުގެ ގަދަ މީހުންނާއި "އަޑު ގަދަ" މީހުންނަށް މަޖިލީހުގެ ގޮނޑިތަކުން ޖާގަ ލިބެ އެވެ.
ގައުމީ ޔުނިވާސިޓީގައި ބޭއްވި އިލްމީ ބަހުސެއްގައި ދަރިވަރަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޕްރޮފެސާ ހަސަން އުގައިލް ވިދާޅުވީ ގައުމުގައި ކަމެއް އިސްލާހު ކުރަން ޖެހޭ ނަމަ އެކަން ކުރަން އެކަން އެންމެ ފުރަތަމަ ތަންފީޒު ކުރަން ޖެހޭނީ މަޖިލީހުގެ މެމްބަރުންގެ މައްޗަށް ކަމަށެވެ. މަޖިލީހުގެ މެމްބަރުންނަށް ލިބިފައިވާ އިމްތިޔާޒުތަކުގެ ތެރެއިން، ބައެއް އުނިކޮށް، އެ މެމްބަރުންގެ ދަރިންނަށް ރާއްޖޭގައި ކިޔަވައި ދޭނެ ގޮތް ހަދައި، މެމްބަރުންނާއި އާއިލާތަކަށް ބޭސް ކުރެވޭނެ ގޮތް ރާއްޖޭގައި ހެދުމެވެ.
އޭނާ އެ ގޮތަށް ވިދާޅުވީ ރައްޔިތުންގެ ހާލަތު މެމްބަރުން އިހްސާސު ކުރުމަށް ފުރުސަތު ދިނުމެވެ. އާސިޔާން ގައުމުތަކުން ދައުލަތުގެ ހަރަދުގައި މެމްބަރުން ހޯދަމުންދާ ބޭސްފަރުވާގެ ބަދަލުގައި ރައްޔިތުންގެ ރާއްޖޭގެ ސިއްހީ ދާއިރާއިން ތަހަންމަލް ކުރަމުންދާ ކަންތައްތައް މެމްބަރުން ތަޖުރިބާ ކުރަންޖެހިއްޖެ ނަމަ އެ ދާއިރާ ކޮޅަށް ޖަހަަށް މެމްބަރުން މަޖިލީހުން ބާރު އަޅާނެ އެވެ.
ބަޖެޓު ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން: ސަން ފޮޓޯ/ އަލީ ނަސީރު
ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ ޕާލިމަންޓަރީ ގްރޫޕުގައި ހިމެނޭ އިސް މެމްބަރަކު "ސަން" އާ ވާހަކަދައްކަވަމުން ވިދާޅުވީ ސަރުކާރުން ބިލް ހުށަހަޅާ ގޮތަށް އެއްވެސް ބަލާލުމެއް ނެތި އެއްވެސް ވަރަކަށް ދިރާސާ ކުރުމެއް ނެތި ބިލު ފާސްކޮށް ނިންމާލުމުން ކުރަން ޖެހޭ މަސައްކަތް އިތުރަށް ބޮޑުވެގެންދެ އެވެ. އޭނާ ވިދާޅުވީ ބައެއް ފަހަރު ހުދު ރައީސުލްޖުމްހޫރިއްޔާ ވެސް އެފަދަ ބިލް ތަސްދީގު ނުކުރައްވާ އަނބުރާ މަޖިލީހަށް ފޮނުވާލައްވާފައި ވެސް އެބަހުރި ކަމަށެވެ.
"ސަރުކާރުން ހަމަ ބިލެއް ފޮނުވާއިރަކަށް ނުޖެހޭ އެ ބިލަކަށް ބަލާލުމެއް ނެތި ފާސްކުރާކަށް. ހަމަގައި މިވެސް އަޅުގަނޑު ހުންނާނެ މި ނިމިގެން ދިޔަ އަހަރު އެތައް ބިލެއްގެ މަސައްކަތް އެގޮތަށް ކުރިއަށް ދާތީ ހުއްޓުވާފައި. އެއީ އެކަން ކޮށްގެންވާނެ ގޮތެއް ނޫން. މި ހީވަނީ އެ އިން ބިލެއް ފާސްކުރާއިރު އަހަރެމެން [މަޖިލިސް މެމްބަރުން]ނާ އެ ބިލެއް ނުވަތަ އެ ގާނޫނެއް އަރާ ހަމަ ނުކުރާނެ ކަމަށް. މިކަން މިހެން މި ދަނީ ހަމަ ކަންކަން ކުރަން ނޭނގޭ މީހުން ކަންކަމާއި ހަވާލުވުމުން. ދެން މަޖިލިސް މެމްބަރެއްގެ ގައިގައި ވެސް ކޮންމެވެސް އުރައްޕަތެއް ހުންނަޖެހޭނެ ދޯ،" މެމްބަރު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން -- ފައިލް ފޮޓޯ
އޭނާ ވިދާޅުވީ ޑިމޮކްރަޓިކް ނިޒާމެއްގައި އިދިކޮޅު މަޖިލިސް މެމްބަރުންނަކީ ވެސް ވަރަށް މުހިއްމު ބައެއް ކަމަށެވެ. އަދި ވިދާޅުވީ ކޮމެޓީ މަރުހަލާގައި ސަރުކާރާ އިދިކޮޅު ފަރާތްތަކުން ކިތަންމެ ރަނގަޅު ކޮމެންޓެއް ބިލަކާ ގުޅޭ ގޮތުން ކުރި ނަމަވެސް އެކަމަށް ސަރުކާރު މެމްބަރުން ދެކޮޅު ހައްދަވައި އޮތް ގޮތަށް ބިލު ފާސްކުރަމުން ދާތީ ހިތާމަ ކުރާ ކަމަށެވެ. އަދި އެކަމުގެ ހިތި ފަހުން ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ބެލުމެއް ނެތި ބިލުތައް ފާސްކޮށްލުމުން އެއް ގާނޫނު އަނެއް ގާނޫނާއި ފުށުއަރާ:
ގާނޫނުތައް ފާސްކުރަން ޖެހޭނީއެއް ވަކި މީހަކު ނުވަތަ ވަކި ސަރުކާރެއް ބޭނުންވާ ގޮތަކަށެއް ނޫނެވެ. ފާސްކުރާ ކޮންމެ ގާނޫނަކީ ރާއްޖޭގެ އާބާދީގައި ހިމެނޭ ކޮންމެ ބޮލަކަށް ވެސް ހިނގާނެ ގާނޫނެވެ. ހޯދުންތަކާއި ދިރާސާތައް ކުރުމެއްނެތި ގާނޫނުތައް އިސްލާހު ކުރުމުން، ގާނޫނުތައް ފުށުއަރެރުންތައް އިންތިހާއަށް ގިނަ އެވެ.
ގާނޫނު ވަކީލު އަދި ކެންދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު އަލީ ހުސައިން "ސަން" އަށް ވިދާޅުވީ ގާނޫނުތައް ފާސްވެގެން އަންނަ އިރު ކޮންމެ ގާނޫނެއް ވެސް އަންނަނީ އެއް ގާނޫނެއް އަނެއް ގާނޫނެއްގެ މައްޗަށް ބާރުވެރިވާ ގޮތަށް ކަމަށެވެ.
"މިސާލަކަށް ކޮންމެ ގާނޫނެއްގައި ވެސް އިންނާނެ، އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް މި ގާނޫނުގައިވާ ގޮތަށޭ އަމަލު ކުރަންޖެހޭނީ. އެހެން ބުނާ އިރު އެހެން ގާނޫނެއްގައި އެބައޮވެއޭ އެކަމާ ގުޅޭ ގޮތުން ވަރަށް ތަފްސީލުކޮށް އެ ކަމަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފައި. ދެން އަނެއްކާ މި އަންނަނީ އެހެން ގާނޫނެއް. އެ ގާނޫނުގައި ވެސް މި އޮންނަނީ އެހެން. އެހެން އަންނަމުން ފަހަރަކު ގާނޫނެއް އައިމަ މިވާ ގޮތަކީ އެއް ގާނޫނު އަނެއް ގާނޫނަކާއި ފުށު އަރަނީ. އަދި ބާރުވެރިވެސް ވަނީ،" އަލީ ހުސައިން ވިދާޅުވި އެވެ.

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން: ފޮޓޯ/ މަޖިލިސް
އަލީ ހުސައިންގެ ވާހަކައަށް ތާއީދު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޕީޕީއެމް ޕީޖީ ގުރޫޕުގެ މެމްބަރު ވިދާޅުވީ އެއް ގާނޫނާއި އަނެއް ގާނޫނާއި ނުވަތަ އެއް މާއްދާއާ އަނެއް މާއްދާ ފުށު އަރާތޯ ބެލުމަކީ އެއްވެސް ވަރަކަށް މަޖިލީހުގައި މިހާރު ތިއްބެވި ގިނަ މެމްބަރުން ކުރައްވާ ކަމެއް ނޫން ކަމަށެވެ.
"މިހާރު ދެން މި ތެބެނީ މުޅިން އާ މީހުން ދެއްތޯ މަޖިލީހުގައި. ތަފާތުތަކެއް ހުރެދާނެ. އެކަމަކު މާ ބޮޑަށް އެ ތަފާތު އަންނާތީ ދޯ މި މައްސަލަ ޖެހެނީ. ތަފާތު ފެންނާތީދޯ ނޫސްވެރިންނަށް ވެސް ތިކަންކަން ފާހަގަ ވާނީ. މިސާލަކަށް ގާނޫނުތަކުގައި ބަޔާން ކުރަން ޖެހޭނީ ވަކި ގޮތަކަށް. ހާއްސަކޮށް ނިންމުން. އަދަބެއް ކަނޑައަޅާ ނަމަ ހަތަރު މަސް ދުވަހާއި ފަސް ދުވަހުގެ މުއްދަތަކަށް ޖަލަށްލުން. އެއީ އޮންނަންޖެހޭނެ ގޮތަކީ. ދެން އެބަ ލިޔޭ ޖަލަށް ލާންވާނޭ. މިވަރު ވެސް ނޭނގޭ މީހުން މަޖިލީހުގައި އެބަ އުޅޭ،" އޭނާ ވިދާޅުވި އެވެ.
މެމްބަރުންގެ އިމްތިޔާޒުތައް:
- ކޮންމެ އަހަރެއްގައި ތިން މަސް ދުވަހު ޗުއްޓީ
- މެމްބަރުންނާގެ އާއިލާ (އަނބިން، ފިރިން، 18 ނުފުރޭ ދަރިން)އަށް ރާއްޖެ އާއި ސާކު ގައުމުތަކުގެ އިތުރުން އާސިއާންގެ ގައުމުތަކުން ހިލޭ ބޭސްފަރުވާ
- މަޖިލީހުގެ މެމްބަރުކަން ކުރުމަށް ފަހު، ދެ ވަނަ ފަހަރަށް އިންތިހާބު ނުވިޔަސް މާލީ އިނާޔަތް ލިބޭ
- ބޭނުންވެއްޖެ ހާލަތެއްގައި، ތުރެޓު ލެވެއަށް ބެލުމަށް ފަހު ހަށިފާރަވެރިން ލިބޭނެ
- މަޖިލީހުގެ ގޯތި ތެރޭގައި ހުއްޓާ މެމްބަރެއް ހައްޔަރެއް ނުކުރެވޭނެ
މަޖިލިސް މެމްބަރުންގެ މުސާރަ:
- އަސާސީ މުސާރަ 42،500 ރުފިޔާ
- ލިވިން އެލަވަންސް 20،000 ރުފިޔާ
- ކޮމެޓީ އެލަވަންސް 20،000 ރުފިޔާ
- ޖުމްލަ: 82،500 ރުފިޔާ
މެމްބަރުން އިސްލާހު ކުރުމުގެ މަސައްކަތަކީ އެއްވެސް ސަރުކާރަށް މިހާތަނަށް ކުރެވިފައި އޮތް ކަމެއް ނޫނެވެ. މެމްބަރުން އިސްލާހު ކުރެވޭނީ ގާނޫނުތައް އިސްލާހުކޮށްގެންނެވެ. ނިޒާމު އޮތް ގޮތުން އެކަން ކުރެވޭނެ "ފަހި" ގޮތެއް ތެނެވެ. ގާނޫނުތައް އިސްލާހު ކުރަނީ މަޖިލީހުގެ މެމްބަރުންނަށް ކަމަށްވުމުން، އެ މެމްބަރުން މައްޗަށް ތަންފީޒު ކުރަންޖެހޭ ގާނޫނެއް އެ މެމްބަރުން އަމިއްލައަށް މަޖިލީހުން ފާސްކޮށްފާނެތޯ އެވެ.
މަޖިލީހުގެ މެމްބަރުންނަކީ އަމިއްލަ މުސާރަ އާއި އަމިއްލަ އިނާޔަތް އަމިއްލައަށް ކަނޑައަޅައިގެން ނަންގަވަމުންދާ ބައެކެވެ. އެހެންކަމުން އެ މެމްބަރުން އިސްލާހު ކުރެވޭނެ "ސަހަލު" ގޮތެއް ނެތެވެ.