25 Jan 2016, 18:53
އެމެރިކާގެ އިރުމަތީ ސަރަހައްދުތަކަށް އަރަމުންދާ ވަރުގަދަ ސްނޯގެ ތޫފާންގެ ސަބަބުން ހިނގި އެކި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 30އަށް ވުރެ މައްޗަށް ގޮސްފިއެވެ.
ގިނަ އަދަދެއްގެ މީހުން މަރުވެފައިވަނީ، ކާރު އެކްސިޑެންޓް ތަކާއި، ގޭތެރެއަށް ކާބަން މޮނޮއޮކްސައިޑް ވިހައިގެ އަސަރުކުރުމުގެ ސަބަބުންނާއި، މަގުތައް މަތީގައި ސްނޯ ސާފުކުރަން އުޅުމުގެ ތެރޭގައި ހާޓްއެޓެކް ޖެހިގެން ކަމަށް އެމެރިކާގެ މަސްދަރުތަކުން ބުނެއެވެ.
އެމެރިކާގެ ކެރޯލިނާއިން ފެށިގެން ނިއު އިންގްލޭންޑާ ހަމައަށް ސްނޯގެ ތޫފާނުގެ އަސަރުކޮށްފައިވާ އިރު، އެމެރިކާގެ އެންމެ ކާރޫބާރޫ ބޮޑު ވައިގެބަނދަރުތަކުން އެތަކެއްހާސް ފްލައިޓްތަކެއް މިއަދު ވަނީ ކެންސަލްކޮށްފައެވެ. އެގޮތުން ހޯމަދުވަހަށް ޝެޑިއުލްކޮށްފައިވާ 1،300 ފްލައިޓް ކެންސަލްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ހަމަ އެހެންމެ ބޯކޮށް ސްނޯ ފޭބުމާ ގުޅިގެން މުޅި ޔުނައިޓެޑް ސްޓޭޓަށް ބަލާއިރު، ހުކުރު ދުވަހުން ފެށިގެން މިހާތަނަށް 12،000 ފްލައިޓް ކެންސަލްކޮށްފައިވާ ކަމަށް ވެއެވެ.

އެމެރިކާގެ ސިޓީއެއްގައި މީހަކު އޭނާގެ ކާރުމައްޗަށް ފައިބާފައިވާ ސްނޯތައް ސާފުކުރަނީ -- ފޮޓޯ: ޔޫއެސްޓުޑޭ
އެމެރިކާގެ ބައެއް ސިޓީތަކަށް ރެކޯޑް މިންވަރަކަށް ސްނޯ ފައިބާފައިވާއިރު ފާހަގަކޮށްލެވޭ ސިޓީ ތަކުގެ ތެރޭގައި ބޮލްޓިމޯ (29.2 އިންޗި)، އެލަންޓައުން (31.9 އިންޗި) އަދި ހެރިސްބާގަށް 34 އިންޗީގެ ސްނޯ ފައިބައިފައިވާ ކަމަށް އެމެރިކާގެ ގައުމީ މޫސުމާބެހޭ އިދާރާއިން ބުނެއެވެ. ނިއުޔޯކަށް އައި ދެވަނައަށް އެންމެ ބޮޑު ސްނޯ ތޫފާނު ކަމަށް ލަފާކުރެވޭ އެ ތޫފާނުގައި 26.8 އިންޗީގެ ސްނޯ ފައިބާފައިވާ އިރު، އެ ތޫފާނުގެ ސަބަބަން އެސިޓީގެ މަގުތަކުގައި ސްނޯ އެއްވެ، ނިއުޔޯކް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.
ވޮޝިންޓަން ޑީސީގެ މެޓްރޯ ޓްރާންސިޓް ސިސްޓަމް ހޯމަދުވަހު، ވަކި ވަގުތުތަކަކަށް ހުޅުވާލަން ހަމަޖެހިފައިވާއިރު، ނިއުޔޯކާއި ފިލަޑެލްފިއާގެ ވައިގެބަނދަރުތައްވެސް، ފްލައިޓްތަކުގެ އަދަދު ވަރަށް ބޮޑުތަން ދަށްކުރުމަށްފަހު، މިއަދު ކޮންމެވެސް ވަރަކަށް ހުޅުވައިލާނޭކަމަށް ޚަބަރުތައް ބުނެއެވެ.
ސްނޯ ޖޯނަސްގެ ނަންދީފައިވާ އެ ތޫފާން މިއަންނަ ހަފްތާ ތެރޭގައި އިނގިރޭސިވިލާތަށް އަރާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކުރެއެވެ.