25 Jan 2016, 17:17
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހުޅުމާލޭގައި ބިނާކުރަމުން އަންނަ ސިޓީ ހޮޓާ މިއަހަރު ނިމޭނެ ކަމަށް އެކުންފުނިން ބުނެފި އެވެ.
އެސްޓީއޯ ހެޑްއޮފީހުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަޙުމަދު ޝަހީރު ވިދާޅުވީ ސިޓީ ހޮޓާ ތަރައްގީ ކުރުމަށް ބައިވެރިވާނެ ބަޔަކު ހޯދަން އިއުލާން ކުރުމުން ބައެއް ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އެގޮތުން ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުން ހުށަހެޅުންތައް ހުށަހެޅުމަށް ވަރަށް އަވަހަށް ދައުވަތު ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"... ޕްރޮޕޯސަލްތައް ލިބިގެން ދިރާސާ ކުރުމަށް ފަހު އަޅުގަނޑުމެންނަށް އިނގޭނީ މި ޕްރޮޖެކްޓް ކުރިއަށްދާނެ ގޮތް،" ޝަހީރު ވިދާޅުވި އެވެ.
އެކަން އެހެން ކުރިއަށް ދިޔަ ނަމަވެސް މަޝްރޫއުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސިޓީ ހޮޓާ ތަރައްގީކޮށް ހިންގުމުގައި އެސްޓީއޯއާ ބައިވެރިވުމަށް ބޭރުގެ ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވޭތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޝަހީރު ވިދާޅުވީ އެކަމާ ބެހޭ ތަފުސީލުތައް ހާމަކުރެވޭނީ ދިރާސާކޮށް، ޕްރޮޕޯސަލްތައް ހުށަހަޅަން ދައުވަތު ދިނުމަށް ފަހުގައި ކަމަށެވެ.
"...އެހެން ނަމަވެސް އަޅުގަނޑުމެން ހަމަ ޔަގީންކަމާއި އެކީ ދަންނަވައިލަން ހަމަ ރަނގަޅު މި ޑިވެލޮޕްކުރާ ކުންފުނިތަކުން، އެބަހުރި ހަމަ ރަނގަޅު ޕްރޮޕޯސަލްސް ލިބިފައި،" އޭނާ ވިދާޅުވި އެވެ.