ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން މިހާރުވެސް އެންމެ އަގުހެޔޮކޮށް ތެޔޮ ވިއްކަމުން އަންނަނީ ރާއްޖޭން ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފި އެވެ.

އެސްޓީއޯގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަޙުމަދު ޝަހީދު ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ބަދަލު އަންނަ ވަގުތު އެކުންފުނިން ވިއްކާ ތެލުގެ އަގު ހެޔޮ ނުކުރެވެނީ ތެޔޮ ރައްކާކުރެވޭ މިންވަރު މަދުވީމައި ކަމަށެވެ.

"ސާކް ރީޖަންގައި ޕަމްޕް ރޭޓް އެންމެ އަގުހެޔޮ ގައުމަކީ ދިވެހިރާއްޖެ. އެހެންވީމާ މި ސާކް ހުރިހާ ގައުމުތަކުގެ އަގުތަކަށް ބަލައިލިޔަސް އިރާދަކުރެއްވިއްޔާ ރާއްޖޭގެ ކަސްޓަމަރުންނަށް މި ލިބިގެން ދަނީ ހަމަ އެންމެ ހެޔޮއަގު،" ޝަހީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތައް އެސްޓީއޯ އިން އަބަދުވެސް ދިރާސާކުރަމުން އަންނަ ކަމަށާއި އެހެން ނަމަވެސް އަގަށް ބަދަލު އަންނަ އިރަށް ހަމަ ވަގުތުން އެސްޓީއޯ އިން ވިއްކާ ތެލުގެ އަގަށް ބަދަލު ނުގެނެވޭނެ ކަމަށެވެ.

"...ތެލުގެ އަގަށް ހަމަ ބަދަލެއް އަންނަ ވަގުތު އަޅުގަނޑުމެން އަބަދުވެސް ދަންނަވަން އަޅުގަނޑުމެންނަކަށް ބަދަލެއް ނުގެނެވޭނޭ. އެއީ އަޅުގަނޑުމެން މިކޮޅުގައި ގެންގުޅެނީ ވެސް ވަރަށް ކުޑަ ކުއެންޓިޓީއެއް. އެހެންވީމާ އަޅުގަނޑުމެންގެ ޝިޕްމަންޓް ލިބޭ ހިސާބުން ބަލާފައި އަޅުގަނޑުމެންނަށް މި އަގުތައް ތިރިކުރެވޭނީ،" ޝަހީރު ވިދާޅުވި އެވެ.

އެސްޓީއޯ އިން ތެޔޮ ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށް ފުނަދޫގައި ސްޓޯރޭޖް ބޮޑުކުރުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

"... މިއަހަރު ނިމުމުގެ ކުރިން އިރާދަކުރެއްވިއްޔާ ސްޓޯރޭޖް ފުޅާކުރެވި ފެސިލިޓީސް އަޅުގަނޑުމެންނަށް ބޭނުންކުރަން ފެށޭނެ،" އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވުމާއި ގުޅިގެން އެސްޓީއޯ އިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު މިއަދު ވަނީ 75 ލީޓަރަކުން ލާރި އަގުހެޔޮކޮށްފަ އެވެ.

އެސްޓީއޯ އިން ބުނީ މިއަދުން ފެށިގެން އެ ކުންފުނިން ޑީސަލް ވިއްކާނީ، ލިޓަރެއް 9.25 ރުފިޔާ އަށް އަދި ޕެޓްރޯލް ލީޓަރެއް ވިއްކާނީ 9.05 ރުފިޔާ އަށް ކަމަށެވެ.