މާލެ އާއި ރާއްޖޭގެ ބޮޑެތި ބައެއް ރަށްރަށުގައި ބަހުގެ ހިދުމަތް ދިނުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލާފައި ވަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އެކަނި ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު "ސަން"އަށް މިއަދު ވިދާޅުވީ ބަހުގެ ހިދުމަތް ދިނުމަށް ކުރިމަތިލީ އެމްޓީސީސީން އެކަނި ކަމަށާއި އެ ކުންފުނީގެ ހުށަހެޅުން އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެމްޓީސީސީން ކުރިމަތިލާފައި ވަނީ މާލެ އާއި ހުޅުމާލޭގެ އިތުރުން ލ. އަތޮޅާއި ތ. އަތޮޅުގެ ބައެއް ރަށްރަށަށް ބަހުގެ ހިދުމަތް ދިނުމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު "ސަން"އަށް ވިދާޅުވީ މިއަހަރު ތެރޭގައި ސްކޫލް ބަހުގެ ހިދުމަތް ފޯރުކޮށްދިނުމަށް ނިންމާފައިވާއިރު އެހިދުމަތް ފޯރުކޮށްދޭން ހޮވޭ ފަރާތަކަށް އާންމުންނަށް ބަހުގެ ހިދުމަތް ދިނުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މާލޭގައި ބަހުގެ ހިދުމަތް މިހާރު ދެމުން އަންނަނީ އެމްވީކޭއެވެ. އެ ކުންފުނިން އަންނަނީ ސިޓީ ކައުންސިލްއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން 2011 ވަނަ އަހަރުން ފެށިގެން ބަހުގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.