25 Jan 2016, 16:21
ސަރުކާރާއި ރައްޔިތުން ބައިވެރިވާ، ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ލިޓަރަކުން 75 ލާރި ހެޔޮކޮށްފި އެވެ.
އެސްޓީއޯ އިން ބުނީ މިއަދުން ފެށިގެން އެ ކުންފުނިން ޑީސަލް ވިއްކާނީ، ލިޓަރެއް 9.25 ރުފިޔާ އަށް އަދި ޕެޓްރޯލް ލީޓަރެއް ވިއްކާނީ 9.05 ރުފިޔާ އަށް ކަމަށެވެ.
އެސްޓީއޯ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ އެސްޓީއޯ އިން ޑީސަލާއި ޕެޓްރޯލުގެ އަގު ހެޔޮ ކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވުމުން ކަމަށެވެ.
މީގެ ތިން ހަފްތާ ކުރިންވެސް އެސްޓީއޯއިން ވަނީ ޕެޓްރޯލް ލީޓަރަކުން 1.20 ރުފިޔާ އަދި ޑީސަލް ލީޓަރަކުން އެއް ރުފިޔާ އަގުހެޔޮކޮށްފައެވެ.
ފާއިތުވި 12 އަހަރު ވެސް އަގުހެޔޮވެފައި ނުވާ މިންވަރަކަށް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިހާރު ވަނީ ހެޔޮވެފައެވެ.