ދެހާސް ތޭރައިގައި ރާއްޖޭގެ ވެރިކަމާ ކައިރި ވެވޭނެ، ސިޔާސީ ފިކުރެއްހުރި މީހަކު ނެތް ކަމަށާއި ވެރި ކަމަކީ އެމްޑީޕީގެ މިލްކެއް ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ހަރުގޭގައި ރޭ އޮތް އެ ޕާޓީގެ އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ ވެސް މެންބަރު ރީކޯ މޫސަ ވިދާޅުވީ، "2013 ވަނަ އަހަރުގެ ރިޔާސީ ކެނޑިޑޭޓް މިހާރުވެސް އެ ހުންނެވީ ވެރިކަމުގައި" ކަމަށެވެ. އަދި އެމްޑީޕީގެ ފިކުރަކީ އިދިކޮޅު ފަރާތްތައް ޖެއްސުމަށްފަހު، ކުރިއަށް އޮތް 500 އަހަރު ވަންދެން ވެރިކަން ހިފެހެއްޓުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީގެ ފިކުރަކީ އިދިކޮޅު ފަރާތްތައް ތެޅުވުމަށްފަހު 500 އަހަރު ވަންދެން ވެރިކަން ހިފެހެއްޓުން. ގޮންޖަހާފަ އަޅުގަނޑު މި ދަންނަވަނީ 2013 އަކީ އަޅުގަނޑުމެންގެ މިލްކެއް. 2013ގެ ވެރިކަމާ ކައިރިވެވޭނެ ސިޔާސީ ފިކުރެއްހުރި މީހަކު މިތާކު ނޫޅޭ. ސިޔާސީ ގޮތުން ކެއްސަމުން ކުޅުޖަހަމުން ލޯގަނޑު އުކާލަމުން ފެން ބޯނެ ބަޔަކު އެމްޑީޕީ ފިޔަވައި ނޯންނާނެ،" މޫސަ ވިދާޅުވި އެވެ.

އިދިކޮޅު ޑީއާރްޕީގެ ތެރޭގައި ދެ ފެކްޝަން އުފެދުމުގެ ސަބަބުން ހިނގަމުންދާ ހަމަ ނުޖެހުމަށް އިޝާރާތް ކުރައްވައި، މޫސަ ވިދާޅުވީ، ޑީއާރްޕީގައި، ޒައީމް އަލްއުސްތާޒު މައުމޫން އަބުދުލް ގައްޔޫމާއި، ޕާޓީގެ ލީޑަރު އަހްމަދު ތަސްމީން އަލީއިން އެ ޕާޓީ ސަލާމަތް ނުވެގެން އުޅޭ ކަމަށެވެ. އަދި ވިދާޅުވީ، އެ މައްސަލަ ގަނޑުގައި ޕާޓީގެ މެންބަރުން މާޔޫސްވެފައިވާ މިންވަރާއި ޕާޓީއަށް ހެޔޮ އެދޭ ފަރާތްތަކުގެ ހާލަތު ވެސް އެ ޕާޓީއަށް ނުބެލޭ ކަމަށެވެ. ޑީއާރްޕީގެ ތެރެއިން ޒައީމް މައުމޫނަށް އެއްޗެތި ގޮވި ނަމަވެސް ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީ ތެރެއިން އެއްޗެހި ގޮވާނެ ބަޔަކު ނުތިބޭނެ ކަމަށާއި އެފަދަ މީހުން ޕާޓީން ބޭރު ކުރައްވާނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

"ކޮންމެ ގޮތެއްވިޔަސް ކޮންމެ މީހަކު ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާގެ އޮފް ކަނޑާލެވޭވަރުގެ ސިޔާސީ މީހަކު މި ޕާޓީގައި ވެސް، އަދި އެހެން ޕާޓީއެއްގައި ވެސް އަދި މި ރާއްޖޭގައި ވެސް، ދުނިޔޭގެ ފެންވަރުގައި ވެސް ނޫޅޭނެ. ޑީއާރުޕީގެ ޒައީމާ ދެކޮޅަށް ބައެއް ރައްޔިތުން އެއްޗެހި ގޮވި ނަމަވެސް އަޅުގަނޑުމެންގެ ޒައީމު ( ރައީސް ނަޝީދަ)ށް އެއްޗެހި ގޮވާނެ ބަޔަކު ޕާޓީން ނުނިކުންނާނެ،" މޫސަ ވިދާޅުވި އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ މަސައްކަތްތައް ކުރިއަށް ދާއިރު ޕާޓީ ތެރޭގައި ބައިބައިވުން އުފެއްދުމަށް ޕާޓީގެ ބޭރުން ބަޔަކު މަސައްކަތް ކުރަމުންދާކަމަށް ތުހުމަތު ކުރައްވައި މޫސަ ވިދާޅުވީ، އެމްޑީޕީގެ ފިކުރާ ދެކޮޅަށް ޕާޓީ މެންބަރަކު ވާހަކަ ދައްކައިފިނަމަ އެމީހަކު ޕާޓީން ބޭރު ކުރައްވާނެ ކަމަށެވެ.

" ޔަގީންކޮށް މިއަރުވަނީ އަޅުގަނޑު މި މަގާމުގައި ހުރިއްޔާ އެކެއް ދޭއް ތިންވަނަ އެތި ބުނާއިރު އެމީހަކު ބޭރު ކުރާނަން. ނުބައިތިއްބާނަން. އަޅުގަނޑުމެންގެ ތެރޭގައި މިއޮތް ފިކުރާއި ހިޔާލު އަޅުގަނޑުމެންގެ ތެރެއިން ދުއްވާލައި ހަލާކު ކޮށްލާކަށް މި ޕާޓީން ފުރުސަތެއް ނުދޭނެ." މޫސަ ވިދާޅުވި އެވެ.