ރާއްޖެ އަށް މޯބައިލް މަނީގެ ހިދުމަތް ތައާރަފް ކުރުމަށް ޓަކައި އުރީދޫ އިން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

މިއަދު މެންދުރު އުރީދޫ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ވިކްރަމް ސިންހަ އެވެ. އިސްލާމިކް ބޭންކުގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާރިސް ހާރުން އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ އިސްލާމިކް ބޭންކް ރާއްޖޭގައި އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް ކުރިއަރަމުން ކަމަށެވެ. އަދި ވިދާޅުވީ އެ ބޭންކަށް ކަސްޓަމަރުން އިތުރުވަމުން އަންނަ ކަމަށެވެ. އެހެންކަމުން އުރީދޫގެ މޯބައިލް މަނީ "ޕްލެޓުފޯމް" ގާއިމު ކުރުމުގައި އިސްލާމިކް ބޭންކަކީ އެކަށީގެންވާ ޕާޓުނަރެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އުރީދޫ އިން ތަފާތު އުފެއްދުންތެރި ހައްލުތަކެއް މެދުވެރިކޮށް ދުނިޔޭގެ އެކި ހިސާބުތަކުގައި މޮބައިލް ފައިނޭންސް ހިދުމަތްތައް ފޯރުކޮށްދެމުންދާ އިރު، ދިވެހި ރައްޔިތުންގެ ދިރިއުޅުމަށް އިތުރު ފަސޭހަތަކާއި ފައިދާތަކެއް ގެބުވަދޭނެ ހައްލުތަކެއް ރާއްޖޭގައި ވެސް ތައާރަފް ކުރުމީ އަޅުގަނޑުމެންގެ [އުރީދޫ] ވަރަށް ބޮޑު އުފަލެއް،" ވިކްރަމް ސިންހަ ވިދާޅުވި އެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާރިސް ހާރޫން ވިދާޅުވީ މޯބައިލް މަނީގެ ހިދުމަތް ރާއްޖެ އަށް ފޯރުކޮށްދިނުމުގައި އުރީދޫ ފަދަ ރައްޔިތުންގެ އިތުބާރު ލިބިފައިވާ އުފެއްދުންތެރި މުއާސަލާތީ ކުންފުންޏަކާ އެކު މަސައްކަތް ކުރުމަކީ އެ ބޭންކަށް ލިބިގެންދާނެ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.

"މޮބައިލް މަނީ މެދުވެރިކޮށް ރާއްޖެއަށް އަދި ދިވެހި ރައްޔިތުންނަށް ހޯދައި ދެވޭނެ ފުރުސަތުތައް ނުހަނު ގިނަވުމާ އެކު، މި ފައިދާތައް ރާއްޖެއަށް ގެނެސްދިނުމުގައި އަޅުގަނޑުމެން [އިސްލާމިކް ބޭންކް] ވަރަށް އުފަލާއި އެކު ބައިވެރިވަން،" ހާރިސް ވިދާޅުވި އެވެ.

އުރީދޫ އިން ބުނީ ޓްރަސްޓީ ބޭންކެއްގެ ގޮތުގައި އިސްލާމިކް ބޭންކުން ކަސްޓަމަރުންގެ މާލީ މުދާ ރައްކާތެރިކޮށްދީ އުރީދޫގެ މޯބައިލް މަނީގެ ހިދުމަތް ބޭނުންކޮށްގެން ކުރެވޭ ހުރިހާ ފައިސާގެ މުއާމަލާތްތައް ރައްކާތެރިކަމާ އެކު ކުރިއަށްދާނެ ކަމުގެ ޔަގީންކަން ފޯރުކޮށްދޭނެ ކަމަށެވެ.

މޯބައިލް މަނީގެ ހިދުމަތުގައި މޯބައިލް ފޯނު މެދުވެރިކޮށް ފައިސާ ދެއްކުން އަދި ޓްރާންސްފާ ފަދަ ފައިސާގެ މުއާމަލާތްތައް ކުރެވިގެންދާނެ ކަމަށް އުރީދޫ އިން ބުންޏެވެ. އުރީދޫ އިން ބުނީ މޮބައިލް މަނީ އަކީ ލުއި ފަސޭހަ ގޮތެއްގައި މުޖުތަމައުއަށް ފައިސާގެ ހިދުމަތްތައް ދެމެހެއްޓެނެވި ގޮތެއްގައި ފޯރުކޮށްދޭނެ މެދުވެރިއެއް ކަމަށެވެ.