25 Jan 2016, 15:33
މި އަހަރުގެ ޖޫން މަހު ޗައިނާގެ ކުންމިން ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަތަރު ވަނަ ޗައިނާ - ސައުތު އޭޝިޔާ އެކްސްޕޯގައި ރާއްޖޭގެ އުފެއްދުންތައް އިސްތިހާރު ކުރުމަށް ބޮޑެތި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް ވިދާޅުވީ މި އަހަރު ފެއާގެ "ކަންޓްރީ އޮފް އޮނަސް"ގެ މަގާމް ރާއްޖެ އަށް ލިބިފައިވާތީ ރާއްޖޭގެ އުފެއްދުންތަކާއި މުޅި ރާއްޖެ ޕުރޮމޯޓް ކުރުމަށް ފުރުސަތުތައް ލިބިގެންދާނެ ކަމަށެވެ.
އަހަރަކު ގައުމަކަށްދޭ ކަންޓްރީ އޮފް އޮނަސްގެ ފުރުސަތު ލިބިފައިވާތީ ރާއްޖޭގެ ސުޓޯލް ހެދުމަށް ބޮޑު ޖާގައެއްގެ އިތުރުން އެހެން ގައުމުތަކުގެ ސަމާލުކަން ލިބިގެންދާނެ ކަމަށް ވެސް އާދަމް ވިދާޅުވި އެވެ.
ރާއްޖޭގެ ކޮންމެ ވިޔަފާރިއަކަށް އެފެއާގައި ބައިވެރިކުރަން އުފެއްދުންތައް ފޮނުވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އާދަމް ވިދާޅުވި އެވެ. އެތައް އުފެއްދުންތެރިންނާއި އެކި ގައުމުތަކުން އެފެއާގައި ބައިވެރިވާ އިރު އެއީ މުދާ މާކެޓުކުރަން ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ތައުފީގް ވިދާޅުވި އެވެ.
އެބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ އެންޓާޕްރައިޒު ޑިވެލޮޕްމެންޓުގެ ސުޕެސިއަލިސްޓް އަހުމަދު މުމްތާޒު ވިދާޅުވީ އެފެއާގައި ބައިވެރި ކުރަން ބޭނުންވާ ތަކެތި މިއަންނަ މަހުގެ 15އާ ހަމައަށް އެ މިނިސްޓްރީން ބަލައިގަންނާނެ ކަމަށެވެ.
އެފެއާގައި ބައިވެރިވާ ފަރާތްތަކުން އަމިއްލައަށް ހަރަދުތައް ކުރަންޖެހޭ އިރު ހެޔޮ އަގުގައި ފުލައިޓް ޓިކެޓާއި ހޮޓާ ހަމަޖެއްސުމަށް އެހީތެރިވާނެ ކަމަށް މުމްތާޒު ވިދާޅުވި އެވެ.