25 Jan 2016, 15:36
ސިޑްނީ (ޖެނުއަރީ 25): މާޗް 2014ގައި ގެއްލުނު މެލޭޝިއަން އެއާލައިންސްގެ އެމްއެޗް 370 މަތިންދާބޯޓު ހޯދަން އޮސްޓްރޭލިއާގެ ޓީމަކުން ބޭނުން ކުރަމުން ދިޔަ ސޯނާ ޑިޓެކްޓާ ގެއްލިއްޖެ އެވެ.
އޮސްޓްރޭލިއާގެ ފާގޯ ޑިސްކަވަރީ ސާޗް އުޅަނދުގައި ކޭބަލް އަކުން ގުޅުވައިގެން ކަނޑު އަޑި ބަލަމުން ދިޔަ ޓޯފިޝް ކިޔާ ސޯނާ އުޅަނދު ގެއްލުނީ ދެ އުޅަނދު ގުޅުވާފައި އޮތް ކޭބަލް ހަލާކުވުމުގެ ސަބަބުންނެވެ. ކޭބަލް ހަލާކުވީ ކަނޑު އަޑީގައި ހުރި 2،200 މީޓަރުގެ އަލިފާން ފަރުބަދައެއްގައި ޖެހިގެން ކަމަށް އެމްއެޗް370 ހޯދަން މަސައްކަތް ކުރަމުންދާ ޓީމުގެ އޭޖެންސީން ބުންޏެވެ.
ފާގޯ ޑިސްކަވަރީ މިހާރު ވަނީ އިތުރު ކޭބަލްއެއް ހޯދުމަށް ޓަކައި އޮސްޓްރޭލިއާއަށް ދިޔުމުގެ މަގުމަތީގައި އެވެ. އަދި އެ ގައުމުގެ އޭޖެންސީން ބުނާ ގޮތުގައި އިތުރު ޓޯފިޝްއެއް ބޭނުންކޮށްގެން ކަނޑު އަޑިއަށް ގެއްލުނު އުޅަނދާއި ކޭބަލް ވަރަށް އަވަހަށް ހޯދޭނެ އެވެ.
އެމްއެޗް370 ވެއްޓުނު ކަމަށް ބެލެވެނީ އިންޑިއާ ކަނޑަށެވެ. އޭގެ ސަބަބުން ބޯޓުގައި ތިބި 239 މީހުން މަރުވި އެވެ. ބޯޓުގެ ބައިތައް ހޯދުމުގެ މަސައްކަތް އަދި ވެސް ދަނީ ކުރިއަށެވެ. އަދި ބޯޓުގެ ބައިތައް ހޯދުމަށް ކަނޑު ބޯޓުގެ ދެ ބޯޓު ކަމަށްވާ ފާގޯ ޑިސްކަވަރީ އާއި ޖީއޯ ފީނިކްސް ބޭނުންކޮށްގެން ކަނޑު އަޑި ހޯދަން ފެށީ 2014 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. (ގާޑިއަން)