ނުރައްކާތެރި ހަތިޔާރަކާ އެކު މއ. ގޯލްޑަންބީމް ގެއިން ހައްޔަރުކުރި ހ. ހިލްޓަން މުހައްމަދު އިންތިފް ރައޫފް ގޭބަންދަށް ބަދަލުކުރި މައްސަލަ ދައުލަތުން އިސްތިއުނާފުކޮށްފިއެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅީ މިމަހުގެ 17 ވަނަ ދުވަހު ކަމަށެވެ. އޭނާ ޝަރީއަތް ނިމެންދެން ގޭބަންދަށް ބަދަލު ކުރީ މިމަހުގެ 13 ވަނަ ދުވަހުއެވެ.

އިންތިފްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ މަގުބޫލު ސަބަބެއް ނެތި ނުރައްކާތެރި ހަތިޔާރު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

މިމަހުގެ 14 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ އިންތިފް ރައޫފްގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ)އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުގެ ރޭ ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މއ. ގޯލްޑަންބީމް ގެއަށް ފުލުހުންނާއި ސިފައިން ވަނުމުން އެގޭ ސިޑިކޮޅިން އިންތިފް ވައްޓާލި ނުރައްކާތެރި ހަތިޔާރަކީ އޭގެއިން ޝޫޓުކޮށްފިނަމަ މީހަކަށް ގެއްލުމެއް ލިބިދާނެ ފަދަ ހަތިޔާރެއްކަމަށް އެމްއެންޑީއެފްގެ އޯޑިނަންސް އިން ތައްޔާރުކުރި ރިޕޯޓުން އެނގެން އޮންނަ ކަމަށެވެ.

މިއަދުގެ އަޑުއެހުން ނިންމާލާފައި ވަނީ އެ މައްސަލާގައި ހިމެނޭ ލިޔުންތައް ހުށަހެޅުމަށް ފަސް ދުވަހުގެ މުއްދަތެއް ދައުލަތަށް ދިނުމަށްފަހުއެވެ.

އެ މައްސަލަ ސާބިތުވެއްޖެނަމަ ހަ މަސް ދުވަހާއި 18 މަސް ދުވަހާ ދެމެދުގެ ހުކުމެއް އޭނާއަށް އަންނާނެ އެވެ.