25 Jan 2016, 14:32
ނޫސްވެރިކަމުގެ އިނާމު މިފަހަރު ހަތް ދާއިރާއަކުން ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން ނިންމައިފި އެވެ.
އެމްއެމްސީގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އެ ކައުންސިލުގެ ރައީސް މުހައްމަދު އާސިފް (މޮންދު) ވިދާޅުވީ، މިހާތަނަށް އެ ކައުންސިލުން ނޫސްވެރިންނަށް ދީފައިވާ އެވޯޑުތަކަށް ވުރެ މިއަހަރުގެ އެވޯޑު ތަފާތުވާނެ ކަމަށެވެ. އަދި ވިދާޅުވީ، އެގޮތަށް ކައުންސިލުން ފާސްކޮށްފައިވާ ކަމަށެވެ.
އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތައް:
- ކުޅިވަރު ރިޕޯޓު
- އިޖުތިމާއީ ރިޕޯޓު
- ސިޔާސީ ރިޕޯޓު
- ވިޔަފާރި ރިޕޯޓު
- ކޯޓު ރިޕޯޓު
- ފޮޓޯ ޖާނަލިޒަމް
- ވީޑިއޯ ޖާނަލިޒަމް
"އަޅުގަނޑުމެން ވަރަށް ބޮޑަށް އުއްމީދުކުރަން. އަޅުގަނޑުމެން މިދިޔަ އަހަރު އިއުލާނުކުރި މިއަހަރުގެ އެވޯޑު އަޅުގަނޑުމެން ވަރަށް ފުޅާކުރަން ގަސްތުކުރަމޭ. އެ ހިޔާލު އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ބޮޑަށް ފާޅުކުރެވި އެކަމާއި ބެހޭ ގޮތުން އަޅުގަނޑުމެން މަޝްވަރާތައް ކުރިން. ނަމަވެސް ހަތް އެވޯޑަށް މަދުކުރީވެސް އަޅުގަނޑުމެންނަށް ވަރަށް ޔަގީން ކަމާއި އެކު މި ހަތް ކެޓަގަރީން ހުށަހެޅުންތައް ލިބޭނެ ކަމުގެ އުއްމީދު ބޮޑުވީމަ. ދެން ހުރި ކެޓަގަރީތައް އަޅުގަނޑުމެން އުނިކޮށްލީވެސް ފަހަރުގައި ނުލިބިދާނެތީ ރެސްޕޮންސް ދަށްވެ ދާނެތީ،" މޮންދު ވިދާޅުވި އެވެ.
މޮންދު ވިދާޅުވީ، އެންމެ ނޫސްވެރިއަކަށް ވެސް އެއް ކެޓަގަރީއަށް ވުރެ ގިނައިން ލިބުން އެކަށީގެންވާ ކަމަށެވެ. އޭނާ ވިދާޅުވީ، ނޫސްވެރިންގެ ތެރޭގައި ހުރިހާ ދާއިރާއެއް ވެސް ކަވަރު ކުރާ ނޫސްވެރިން ތިބޭއިރު އެއް ދާއިރާއަކަށް ވުރެ ގިނަ ދާއިރާއަށް ވެސް ކުރިމަތިލެވޭނެ ކަމަށެވެ.