25 Jan 2016, 14:26
ގާނޫނެއް ނުވަތަ ގަވައިދެއްގެ ބައެއް ބާތިލްކުރުމަށް ހައިކޯޓުން ހުކުމް ކުރާ މައްސަލަތައް 30 ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރަންޖެހޭގޮތަށް ހަމަޖައްސައިފިއެވެ.
ސުޕްރީމް ކޯޓުން މިހެން ހަމަޖައްސާފައި ވަނީ ރޭ އެ ކޯޓުން ނެރުނު ސާކިއުލާއެއްގައެވެ. އެ ސާކިއުލާގައި ވަނީ ހައިކޯޓުން އެފަދަ މައްސަލައެއްގައި ހުކުމް ކުރާތާ 30 ދުވަހުގެ ތެރޭގައި ބަންޑާރަ ނައިބު ނުވަތަ އިސްތިއުނާފު ކުރުމުގެ ހައްގު އޮތް އެހެން ފަރާތަކުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަންޖެހޭނެ ކަމަށެވެ.
އެ 30 ދުވަސް ގުނާނީ ބަންދު ދުވަސްތައް ވެސް ހިމެނޭގޮތަށް ކަމަށް އެ ސާކިއުލާގައި ވެއެވެ.
ސުޕްކޯޓުން ކުރިން ނިންމާފައިވާ ގޮތުން ހައިކޯޓުން ނިންމާ މައްސަލަތައް އިސްތިއުނާފް ކުރުމަށް 60 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.
އެ ސާކިއުލާގައި ވަނީ އެ މުއްދަތުގެ ތެރޭގައި މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަނާޅައިފިނަމަ ސުޕްރީމް ކޯޓުން އިސްނަގައިގެން އެ މައްސަލަ ބަލައި ހުކުމް އިއްވާނެ ކަމަށެވެ.
އެފަދަ ހާލަތެއްގައި ސުޕްރީމް ކޯޓުން މައްސަލަ ބަލާނީ ބަންޑާރަ ނައިބާއި މައްސަލައިގައި ހިމެނޭ އެހެން ފަރާތްތަކަށް އެންގުމާ އެކު ކަމަށް ވެސް އެ ސާކިއުލާގައި ވެއެވެ.
ހަމައެހެންމެ އެ މައްސަލައެއްގައި ހުކުމް ކުރާތާ 10 ދުވަހުގެ ތެރޭގައި އެ މައްސަލައިގެ ހުރިހާ ލިޔެކިޔުންތައް 10 ދުވަހުގެ ތެރޭގައި ހައިކޯޓުން ސުޕްރީމް ކޯޓަށް ފޮނުވަންޖެހޭގޮތަށް ވެސް ވަނީ ހަމަޖައްސާފައެވެ.
ސުޕްރީމް ކޯޓުން އެ މައްސަލަ ބަލަނީ ހައިކޯޓުގެ ހުކުމަކީ ނިހާއީ ހުކުމެއްކަން ކަށަވަރު ކުރުމަށްޓަކައެވެ.