މިއަދު ބާއްވަން ތާވަލްކުރި، އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ކެންސަލްކޮށްފިއެވެ.

އިމްރާންގެ ޝަރީއަތް ތާވަލްކޮށްފައި އޮތީ މިއަދު 1:00 އަށެވެ.

މިކަމާ ބެހޭގޮތުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އިއްޔެ ބޭއްވީ މިއަދު ބާއްވަން ހަމަޖެއްސި އަޑުއެހުން ކަމަށެވެ.

އިއްޔެ ބޭއްވި އަޑުއެހުމުގައި އޮތީ ދައުލަތުން ހުށަހަޅާފައިވާ ސިއްރު ހެއްކެއްގެ ހެކިބަސް ނެގުމެވެ. ކާކުކަން ނޭނގޭ ގޮތަށް ހެކިބަސް ދެމުން އޭނާ ބުނީ މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާއަށް އޭނާ ދިޔައީ ކުޅިބަލާ މީހެއްގެ ގޮތުގައި ކަމަށެވެ.

ހެކިބަސްދިން މީހާ ބުނީ އެ މުޒާހަރާގައި ހަމަނުޖެހުންތައް ހިނގީ އިމްރާނާއި މުޒާހަރާގެ އެހެން ބައިވެރިން ދެއްކި ވާހަކަތަކުގެ ސަބަބުން ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ.

އެ ހެކިވެރިޔާގެ އެ ދައުވާ ސާބިތުކުރަން ދައުލަތުން ހުށަހަޅާފައި ވަނީ އެ ދުވަހުގެ މުޒާހަރާގައި އިމްރާން ދެއްކެވި ވާހަކައިގެ ވީޑީއޯ ރެކޯޑިން އާއި އެ މުޒާހަރާގައި ޕިކަޕަކުން ގޮސް ފުލުހުންގެ ސަފެއް ފޫއަޅުވާލާ މަންޒަރު ދައްކުވައިދޭ ވީޑިއޯ އަކާއި އެ މުޒާހަރާގައި ފުލުހަކަށް ހަމަލާދޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެކެވެ.

އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލީ އަނިޔާވެރިކަމަށް ހިތްވަރު ލިބޭގޮތަށް އެ މުޒާހަރާގައި އޭނާ ވާހަކަދެއްކެވުމުގެ ސަބަބުން މުޒާހަރާގެ ބައިވެރިން ފުލުހުންނަށް ހަމަލާދީ ހަމަނުޖެހުންތައް ހިންގާފައިވާ ކަމަށް ބުނެއެވެ.

ނަމަވެސް އިމްރާން ވަނީ އެކަމަށް އިންކާރު ކުރައްވާފައެވެ.

އިއްޔެ އިމްރާންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް ބާއްވާފައި ވަނީ، އެ މައްސަލަ ބައްލަވާ ފަނޑިޔާރު ބަދަލުކޮށްދިނުމަށް އެދި އޭނާ ސުޕްރީމް ކޯޓާއި ކްރިމިނަލް ކޯޓުގައި ސިޓީއަކުން އެދިފައިވަނިކޮށެވެ.

އިމްރާންގެ މައްސަލަ ބައްލަވަނީ ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލް ބާރީ ޔޫސުފެވެ.

އިމްރާންގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު މިއަދު ސަން އަށް ވިދާޅުވީ، އިމްރާން އެގޮތަށް އެދިވަޑައިގަތީ އެ މައްސަލަ ބެއްލެވުމުގައި ގާޒީ ބާރީ ޝަރީއަތް ކުރުމުގެ އާންމު އުސޫލުތަކާ ޚިލާފުވެފައިވާ ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

އަލީ ޒާހިރު ވިދާޅުވީ، އެ މައްސަލަ ކުރިން ބައްލަވަމުން ގެންދެވި ފަނޑިޔާރުންގެ ބެންޗު އުވާލާފައި ވަނީ ހާމަ ކަމާއި ހަމަހަމަ ކަމެއް ނެތި، ޝައްކު އުފެދޭ ފަދަ ހާލަތުގައި ކަމަށް އިމްރާން ވިދާޅުވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިމަހުގެ 17 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި "ތިމަންމަނިކުފާނު މިހުންނެވީ ނިންމައިގެން" ކަމަށް ގާޒީ ބާރީ ވިދާޅުވެފައިވާ ކަމަށާއި ދެފަރާތުން ހުށަހަޅަން ޖެހޭ ހެކީން ކޯޓަށް ހުށަހެޅިފައި ނެތީސް އެގޮތަށް ވިދާޅުވުމަކީ ފަނޑިޔާރުގެ މުސްތަގިއްލު ކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް އިމްރާން ދެކެވަޑައިގަންނަވާ ކަމަށެވެ.

މައްސަލަ ބައްލަވާ ފަނޑިޔާރު ބަދަލުކޮށްދިނުމަށް ސުޕްރީމް ކޯޓުގައި އެދިފައިވާތީ އެ ކޯޓުން ވަކިގޮތެއް ނިމެންދެން އެ މައްސަލައިގެ ޝަރީއަތް ވަގުތީގޮތުން ހުއްޓާލުމަށް އަމުރެއް ނެރެދިނުމަށް އިމްރާން ހައިކޯޓުގައި އެދިވަޑައިގެންފައިވާ ކަމަށް ވެސް އަލީ ޒާހިރު ވިދާޅުވި އެވެ.