25 Jan 2016, 13:17
އައްޑޫ ސިޓީގެ ފޭދޫން ފުރައިގެން ހުޅު މީދޫ އަށް ދަތުރުކުރި "ސައުތުލައިން" ނަމަކަށްކިޔާ މުދާ އުފުލާ ބޯޓެއް ހުޅުމީދޫ ނެރުމައްޗަށް ރޭ އަރައިފި އެވެ.
އެމްއެންޑީއެފުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ އެ ބޯޓު ފަރުމައްޗަށް އެރުމާ ގުޅިގެން އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
އެމްއެންޑީއެފުން ބުނީ ރޭ ގާތްގަނޑަކަށް 23:40 އެހާކަންހާއިރު ހުޅުމީދޫ ބަނދަރަށް ވަންނަން އުޅުމުގެ ތެރޭގައި ހުޅުމީދޫ ނެރުކަށީގެ ވާތްފަރާތަށް ބޯޓު އެރިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އަށް ލިބުމާ އެކު ފޭދޫ ފަޔާ ސްޓޭޝަންގެ ފަޔާމަނުންނާއި ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި ބޯޓު ކައިރިއަށް ގޮސްފައި ކަމަށެވެ.
އެ ހާދިސާގައި ބޯޓު ހުޅުމީދޫ ނެރުމައްޗަށް އެރުމާގުޅިގެން އެ ބޯޓުގެ ވާތް ފަރާތުން މަޑުލެއްވަނީ ނެއްޓިފައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. އަދި ބޯޓަށް ދިޔަ ވާތީ ރޭ ގާތްގަނޑަކަށް 12:40 އިން ފެށިގެން އަންނަނީ ޕަމްޕު ޖައްސައިގެން ފެން ހިއްކުމުގެ މަސައްކަތްކުރަމުން ކަމަށް ވެސް ބުންޏެވެ.