ބޭރޫތު (ޖެނުއަރީ 25):މިދިޔަ އަހަރުގެ ނޮވެމްބަރު 13ގައި ފްރާންސުގެ ޕެރިހަށް ދިން ހަމަލާތަކުގައި ބައިވެރިވި ނުވަ މީހުންކަމަށް ބެލެވޭ ބަޔަކު ފެންނަ ވީޑީއޯއެއް އައިއެސް އިން އާއްމުކޮށްފި އެވެ.

އައިއެސްގެ މީޑިއާ ޗެނަލް، ސައިޓް މެދުވެރިކޮށް އާއްމު ކުރި އެ ވީޑިއޯގައި ޕެރިހަށް ހަމަލާދިން މީހުންގެ ތެރެއިން ބައެއް މީހުން އައިއެސްގެ ރަހީނުން މަރާލާ މަންޒަރާއި އަސްކަރީ ތަމްރީނުތައް ކުރާ މަންޒަރު ފެނެ އެވެ. އަދި 130 މީހަކު މަރާލި އެ ހަމަލާތައް ދިން ޕެރިހުގެ ސަރަހައްދުތައް ވެސް ވީޑިއޯ އިން ދައްކަ އެވެ.

ޕެރިހަށް ދިން ހަމަލާތައް ރޭވުމުގައި އެންމެ އިސްކޮށް އުޅުނު ހަނގުރާމަވެރިޔާ ކަމަށް ބެލެވޭ އަބްދުލް ހަމީދު އަބާއޫދު ކަމަށް ލަފާކުރެވޭ މީހަކުވެސް އެވީޑިއޯ އިން ފެނިގެންދެ އެވެ. ޕެރިހުގެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބެލްޖިއަމްއަށް ނިސްބަތްވާ އަބާއޫދު ވަނީ މަރާލާފަ އެވެ.

ސަތާރަ މިނިޓުގެ އެ ވީޑިއޯ ނިމެނީ އިނގިރޭސިވިލާތުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އައިއެސްއާ ދެކޮޅަށް ސިރިޔާގައި ހަމަލާ ދިނުމަށް ތާއިދު ކުރާ މަންޒަރާއި އެގައުމުގެ ބޮޑުވަޒީރު ޑޭވިޑް ކެމެރަންގެ ފޮޓޯތަކުންނެވެ.

ސައިޓުން ބުނާ ގޮތުގައި އެ ވީޑިއޯ ފިލްމު ކުރީ ޕެރިހަށް ހަމަލާދިނުމުގެ ކުރިން ސީރިޔާގެ ރައްގާގައެވެ.

ޕެރިހަށް މިދިޔަ އަހަރު ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން ނުވަ މީހަކު މިހާރު ވަނީ މަރާލާފަ އެވެ. އަދި އިތުރު ދެ މީހަކު ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. (ބީބީސީ)