25 Jan 2016, 12:00
އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާގެ ކާރުކޮޅު ސައިކަލެއްގައި ޖެހި މިއަދު ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް އަނިޔާވެއްޖެ އެވެ.

އެކްސިޑެންޓްވީ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ .
މަންޒަރު ދުށް މީހަކު ބުނީ އަނިޔާވީ ހައިކޮމިޝަނަރުގެ ކާރުކޮޅުން ޖެހި އެކްސިޑެންޓްވީ ސައިކަލްގައި ތިބި ދެ އަންހެނުންގެ ތެރެއިން އެކަކަށް ކަމާށާއި ފުލުހުންގެ އެހީގައި އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
އެކްސިޑެންޓް ހިނގީ ސްޓެލްކޯ ކައިރިން އަމީނީމަގުގަ އެވެ. އެކްސިޑެންޓްގައި އަނިޔާވީ މީހާ ހޮސްޕިޓަލަށް ގެންދިޔަ ފަހުން، ސަފީރުގެ ކާރުކޮޅަށް ފުލުހުން އަރައިގެން އެ ސަރަހައްދުން ދުރަށް ގެންދިޔަތަން ސަންގެ ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ.

އެކްސިޑެންޓަށް ފަހު އިންޑިއާ ސަފީރުގެ ކާރަށް ފުލުހަކު އަރަނީ. ސަން ފޮޓޯ: ޔޫސުފް ސޮފްވާން
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސްޓެލްކޯ ކައިރިން ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގި ކަމަށެވެ. އަދި އެ ހާދިސާގައި ސައިކަލް ދުއްވަން އިން މީހަކު ފުލުހުންގެ އެހީގައި އޭޑީކޭ އަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އެހާދިސާއާ ބެހޭ އިތުރު ތަފްސީލެއް އޭނާ އަދި ނުދެއްވަ އެވެ.
ސައިކަލްގައި ތިބި ދެ އަންހެނުންނަށް ލިބުނު އަނިޔާތަކާ ބެހޭ ތަފުސީލެއް އަދި ނުލިބެ އެވެ.