25 Jan 2016, 11:57
ޕާޓީތަކުގައި ރަޖިސްޓްރީ ވުމަށް ހުށަހަޅާ ފޯމުގައި އިނގިލީގެ ނިޝާން ނެތް މެމްބަރުން ސިޔާސީ ޕާޓީތަކުން ވަކި ކުރުން ފަސްކޮށްދިނުމަށް އެދި އިދިކޮޅު އެމްޑީޕީން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަށް ޖަވާބުދާރީ ވުމަށް ދައުލަތަށް ފުރުސަތު ދީފި އެވެ.
ސިޔާސީ ޕާޓީތަކުގެ މެމްބަރަކަށްވުމަށް އެދި ފޯމް ހުށަހަޅާ އިރު، ފިންގާ ޕްރިންޓް ޖަހަން ނުޖެހޭ ގޮތަށް އޮތް ދުވަސްވަރު ހުށަހެޅި ފޯމުތަކުގައި ފިންގާ ޕްރިންޓް ޖެހުމަށް އިލެކްޝަންސް ކޮމިޝަނުން އެންގި އެންގުމަކީ ގާނޫނު އަސާސީއާ ޚިލާފު ބާތިލު އެންގުމެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ޑީއާރްޕީ އާއި އިދިކޮޅު އެމްޑީޕީން ވަނީ ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ.
ނަމަވެސް އެ މައްސަލާގައި ސިވިލް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ބުނެފަ އެވެ. އެހެންކަމުން އެމްޑީޕީން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ ޖަވާބުދާރީ ވުމަށް އިތުރު ފުރުސަތެއް ބޭނުންވާ ކަމަށެވެ. ސަބަބެއް ކަމަށް ވަކީލް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނާ އެކު އެކަމުގެ މަޝްވަރާ ކުރަމުންދާތީ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން އިއްޔެ ބުނީ ޕާޓީތަކުގައި ރަޖިސްޓްރީ ވުމަށް ހުށަހަޅާ ފޯމުގައި އިނގިލީގެ ނިޝާން ނެތް މެމްބަރުން ސިޔާސީ ޕާޓީތަކުން ވަކި ކުރުމާ ގުޅޭ ގޮތުން އަމަލު ކުރާނީ ކޯޓުން ނިންމާ ގޮތަކަށް ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ އޮފީހުގައި އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެ ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ކޯޓަށް އެ މައްސަލަ ހުށަހަޅާފައިވާ އިރު ފިންގަ ޕްރިންޓު ޖަހަން ޖެހޭނެކަން މީގެ ކުރިން އިލެކްޝަނުން ޕާޓީތަކަށް އަންގާފައިވާނެ ކަމަށާއި އަދި އެކަމަށް ހަ މަސް ދުވަހުގެ މުއްދަތެއް ދީފައިވާނެ ކަމަށެވެ.
"އެ މައްސަލަ މިހާރު ކޯޓުގައި ކުރިއަށްދާތީވެ، އަޅުގަނޑުމެން މިވަގުތު ތި ލަފައާ ބެހޭ ގޮތުން (އޭޖީގެ ލަފާ) ބެހޭ ގޮތުން ވެސް އަދި އެ މައްސަލައާ ބެހޭ ގޮތުން ވެސް އަޅުގަނޑުމެން (އިލެކްޝަންސް ކޮމިޝަން) އެއްވެސް އެއްޗެކޭ ބުނާކަށް ނެތީން،" އަކްރަމް ވިދާޅުވި އެވެ.
އަކްރަމް ވިދާޅުވީ މެމްބަރުން ވަކި ނުކުރެވޭނެ ކަމަށް އޭޖީ ލަފާ ދެއްވީ ކޯޓަށް މައްސަަލަ ހުށަހެޅުމުގެ ކުރިން ކަމަށް ވެދާނެ ކަމަށެވެ. ނަމަވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފިންގަ ޕްރިންޓާއި ގުޅޭ ގޮތުން ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރެއްވުމުން ވެސް ކޮމިޝަނުގެ މެމްބަރުން އެ ސުވާލުތަކަށް ޖަވާބެއް ނުދެއްވަ އެވެ.