25 Jan 2016, 12:15
އެފްރިކާގެ ޔުގަންޑާ އިން 1947 ވަނަ އަހަރު ފުރަތަމަ ފަހަރަށް ފެނުނު ޒިކާ ވައިރަސް އަކީ ޑެންގީ އާއި ޗިކުންގުންޔާ ފަތުރާ އީޑީސް މަދިރީގެ ޒަރިއްޔާ އިން ފެތުރޭ ވައިރަސްއެކެވެ.
ޒިކާ ވައިރަސްގެ އަލާމާތްތަކަކީ ކޮބާ؟
ޒިކާ ވައިރަސް ޖެހޭ މީހުންގެ ތެރެއިން ވައިރަހުގެ އަލާމާތްތައް ފެންނަނީ ކޮންމެ ހަތަރު މީހުންގެ ތެރެއިން އެއް މީހެއްގެ ގައިންނެވެ. ޒިކާ ވައިރަސް ޖެހުމުން ފެންނަ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ހުން އައުމާއި ގައިގައި ރަތް ކުލައިގެ ބިހި ނެގުމާއި ބޮލުގައި ރިއްސުމާއި ލޯބަލި ޖެހުމާއި ގައިގައާއި ހުޅުހުޅުގައި ރިއްސުން ފަދަ އާދައިގެ އަލާމާތްތަކެވެ.
މާހިރުން ވިދާޅުވާ ގޮތުގައި ވައިރަސް ޖެހުމުން އެޑްމިޓް ކުރަން ޖެހޭ މިންވަރަށް ބަލިވުމަކީ ނާދިރު ކަމެކެވެ.
ޒިކާ ވައިރަހުގެ ނުރައްކަލަކީ ކޮބާ؟
ޒިކާ ވައިރަސް މިހާރު އެންމެ ބޮޑަށް ފެތުރިފައިވާ ގައުމު ކަމަށްވާ ބްރެޒިލްގައި ޒިކާ ވައިރަސް ފެތުރެން ފެށީ މިދިޔަ އަހަރުގެ މޭ މަހު އެވެ. އޭގެ ފަހުން ބްރެޒިލްގައި އުފަންވީ ކުދިންގެ ތެރޭގައި މައިކްރޯސެފަލީ ކިޔާ ކޮންޑިޝަންއެއް ހުރި ތުއްތުކުދިންގެ އަދަދު ވަނީ އިތުރުވެފަ އެވެ. އެހެން ކަމުން މާބަނޑު ދުވަސްވަރު ޒިކާ ވައިރަސް ޖެހުމުން މައިކްރޯސެފަލީ ޖެހުމުގެ ނުރައްކާ އިތުރުވޭތޯ ބެލުމަށް ސައިންސުވެރިން މިހާރު ދަނީ ދިރާސާ ކުރަމުންނެވެ. ނަމަވެސް ޒިކާ ވައިރަސްއާއި މައިކްރޯސެފަލީއާ ގުޅުމެއްވާކަން އަދި ޔަގީންވެފައި ނުވެ އެވެ.

މައިކްރޯސެފަލީ ޖެހިފައިވާ ތުއްތުކުއްޖެއް --
މައިކްރޯސެފަލީ އަކީ ތުއްތުކުއްޖާގެ ސިކުނޑިއާއި ބޮލުގެ ނާށިގަނޑު ރަނގަޅަށް އާލާނުވެ އުފަންވުމަށް ކިޔާ ނަމެކެވެ.
ޒިކާ ވައިރަސް އަށް އޮތް ފަރުވާ އަކީ ކޮބާ؟
ޒިކާ ވައިރަސް އަށް ހާއްސަ ވެކްސިން އެއް އަދި ނެތެވެ. އަދި ވައިރަސް ޖެހުމުން ފަރުވާ ދެނީ ވައިރަސްގެ އަލާމާތްތަކަށެވެ. ނަމަވެސް، ވައިރަސް ފެތުރުން ހުއްޓުވުމަށް ޓަކައި މަދިރި އާލާވާ ތަންތަން ނައްތާލުމާއި މަދިރި ހެފުމުން ރައްކާތެރިވުމަށް އެޅެންހުރި ފިޔަވަޅުތަ އެޅުން މުހިއްމެވެ.
ޒިކާ ވައިރަސް މިހާރު ފެތުރިފައިވާ ސަރަހައްދުތަކަކީ ކޮބާ؟
ޒިކާ ވައިރަސް މިދިޔަ އަހަރާއި މިއަހަރުގެ ތެރޭގައި ފެނިފައި ވަނީ ދެކުނު އެމެރިކާގެ ގައުމުތަކުގައި އެވެ.
ތައިލެންޑުގެ އާމްޑް ފޯސަސް ރިސާޗް އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެފްރިމްސް)ގެ ޓީމެއް މެދުވެރިކޮށް ރާއްޖޭގެ ހެލްތް ޕްރޮޓެކްޝަން އޭޖެންސީން މިހާރު ދަނީ ރާއްޖޭގައި ޒިކާ ވައިރަސް ފެތުރިފައިވޭތޯ ބެލުމަށް މަސައްކަތް ކުރަމުންނެވެ.