ސާފް ގޭމްސްގައި ވާދަކުރާ 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގައި އަލީ ފާސިރު (ސެންޓޭ) އާއި އިސްމާއިލް އީސަ އަދި އަހުމަދު ނާޝިދު (ނާއްޓޭ) ހިމަނައިފިއެވެ.

ގައުމީ ޓީމުގެ މެނޭޖަރު ހުސެއިން ޖަވާޒް (ޖަވާ) މިއަދު 'ސަން؛ އަށް ވިދާޅުވީ، ސާފް ގޭމްސްގައި ވާދަކުރާ 23 އަހަރުން ދަށުގެ ގައުމީ ޓީމުގައި ހިމަނަން ކޯޗް ރިކީ ހާބަޓް ނަގާފައިވާ ސީނިއާ ތިން ކުޅުންތެރީންގެ ތެރޭގައި ހިމެނެނީ، އަލީ ފާސިރު އާއި އިސްމާއީލް އީސަގެ އިތުރުން އަހްމަދު ނާޝިދު ކަމަށެވެ.

މީގެ އިތުރުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލު ވިދާޅުވީ، ްއެ ތިން ކުޅުންތެރީން ޓީމުގައި ހިމެނުމަށް ކޯޗް އެންމެ ބޮޑަށް ބެލީ ޒުވާން ޓީމަށް އެ ތިންކުޅުންތެރީންގެ ފައިދާ އެންމެ ރަނގަޅު ގޮތުގައި ލިބޭނޭކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

"ވޭތުވެ ދިޔަ ދެ މަސް ދުވަހު ގައުމީ ޓީމް ބޮޑު ދެ މުބާރާތުގައި ވާދަކުރި އިރު އެ ދެ ޓީމުގައި ހެމެނުނު ގިނަ ޒުވާން ކުޅުންތެރިން ތަކަކާއި އެކު އެ ކުޅުންތެރިން ވަނީ މޮޅު ކުޅުމެއް ދައްކާފައި،" ބައްސާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ބަންގްލަދޭޝްގައި އޮތް ގޯލްޑް ކަޕްގައި ބައިވެރިވުމަށް ފަހު ގައުމީ ޓީމު ރޭ މާލެ އައިސްފައިވާ އިރު ޒުވާން ޓީމާ އެކު އަންނަ ބުރާސްފަތި ދުވަހު ޓާފް ދަނޑުގައި ފަރިތަކުރުން ތައް ފަށާނެ ކަމަށާއި 25 ކުޅުންތެރިންގެ ސްކޮޑް ވެސް ގައުމީ ކޯޗު ރިކީ ހާބަޓް އެކުލަވާލާފައިވާ ކަމަށެވެ.

"ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރަން ޓީމު އެކުލަވާލި ހިސާބުން ފެށިގެން މިއައީ ސާފް ގޭމްސް އަށް ތައްޔާރުވަމުން. އެގޮތުން އެންމެ ފަހުން ގައުމީ ޓީމު ވާދަކުރި ދެ މުބާރާތުގައި ޒުވާން ގިނަ ކުޅުންތެރިން ތަކެއް ހިމަނާފައި އެ ވަނީ،" ބައްސާމު ވިދާޅުވިއެވެ.

ބައްސާމު ވިދާޅުވީ، ސާފް ގޭމްސްގައި ވާދަކުރަން ފަރިތަކުރަން ފެށުމަށް ތައްޔާރުވަމުން އަންނައިރު ރާއްޖޭން ބޭރުގައި ގައުމީ ޓީމް ފަރިތަކުރުމަށް އަދި ބަޖެޓެއް ލިބިފައިނުވި ނަމަވެސް އުންމީދަކީ އެ ފުރަސަތު ވެސް ޓީމަށް ލިބިގެން ދިއުން ކަމަށެވެ.

އިންޑިއާގައި އަންނަ މަހު އޮންނަ ސާފް ގޭމްސް ގައި ވާދަކުރާ ޒުވާން ޓީމުގައި ކުރިން ސީނިއާ ކުޅުންތެރިން ނުހިމެނޭ ގޮތަށް އޮތް ނަމަވެސް މުބާރާތުގައި ވާދަކުރާ ގައުމު ތަކުގެ އެދުމުގެ މަތިން ކުރިން ވެސް އޮންނަ ގޮތަށް ސީނިއާ ތިން ކުޅުންތެރިން ހިމެނޭ ގޮތަށް ވަނީ ނިއްމާފައެވެ.