އަފްޣާނިސްތާނުގައި ހަރަކާތްތެރިވަމުންދާ އިސްލާމިކް ސްޓޭޓްސް (އައިއެސް)ގެ ހަނގުރާމަވެރީން އެ ބިމުގައި ވަޅުލާނޭ ކަމުގެ އިންޒާރު އަފްޣާންގެ ރައީސް އަޝްރަފް ޣަނީ ދެއްވައިފިއެވެ.

ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި އަޝްރަފް ޣަނީ ވިދާޅުވީ، އައިސް އަކީއަފްޣާނަށް ނިސްބަތްވާ ބައެއް ނޫން ކަމަށާއި، އަދި އެ ޖަމާއަތުގެ ހަރުކަށި، ލާއިންސާނީ ވިސްނުމުގެ ސަބަބުން އެ ޖަމާއަތްވަނީ އެކަހެރިވެފައި ކަމަށެވެ.

"އަފްޣާން މިވަނީ ބަދަލުހިފުމުގެ ރޫހެއްގައި،" އަޝްރަފް ވިދާޅުވިއެވެ.

"އެމީހުން (އައިއެސް) އިން އެވަނީ ނުބައި ބަޔަކާ ކުރިމަތިލާފައި."

އަފްޣާންގެ ރައީސް ވަނީ ސަރަހައްދީ ފެންވަރުގައާއި ބައިނަލްއަގްވާމީ ފެންވަރުގައި އައިއެސްއާ ދެކޮޅަށް ހަރަކާތްތަކެއް ފެށުމަށް ގޮވައިލައްވަލައްވައިފައެވެ.

"އަހަރެމެން މި ހުށަހެޅެނީ ވަރަށް ބޮޑު ނުރައްކަލަކަށް ކަމާމެދު ޝައްކެއް ނެތް،" މިހާރު ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމުގައި ބައިވެރިވެވަޑައިގަތުމަށް ސްވިޒަލޭންޑްގެ ޑާވޮސްގައި ހުންނަވައިގެން ޣަނީ ވިދާޅުވިއެވެ.

އަފްޣާން ސަރައްދުގައި ޠާލިބާނުންނާއި އެ ސަރަހައްދުގެ ގައުމުތަކުގެ ސަރުކާރުތަކާ ދެމެދު އުފެދިފައިވާ ޒަމާންވީ ދެކޮޅުވަރިކަމާއި ނަފްރަތު ނައްތާލައި، ގުޅުން ބަދަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށްވެސް އަޝްރަފް ވިދާޅުވިއެވެ.

އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކުން ވަނީ، އެގައުމުގައި ހަރަކާތްތެރިވާ އައިއެސްގެ ހަނގުރާމަވެރީން ކަމަށް ޝައްކުކުރެވޭ ގިނަ ބަޔަކު ހައްޔަރުކޮށްފައި -- ފޮޓޯ: ބީބީސީ

މިދިޔަ ހަފްތާގައި އެމެރިކާއިން ވަނީ، އަފްޣާނިސްތާނުގައި ހަރަކާތްތެރިވަމުން އަންނަ އައިއެސްގެ ބައިވެރިންނަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅައިފައެވެ. އަދި އެ ޖަމާއަތް އަފްޣާންގައި އުފެދިފައި ވަނީ، އެގައުމުގެ ޠާލިބާނުންނާއި އަދި ޕާކިސްތާނުގެ ޠާލިބާނުންނާ ގުޅިގެން ހުސްވި އަހަރުގެ ޖެނުއަރީމަހު ކަމަށްވެސް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވެއެވެ.

އަޝްރަފް ޣަނީ ވިދާޅުވީ، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭޕްރީލް މަހުގެ ކުރިން ޠާލިބާނުންނާ އެކު ސުލްހައިގެ ވާހަކަތަށް ފެށުން ވަރަށް މުހިއްމު ކަމަށެވެ.

އޭނާ ވިދާޅުވީ، "ވަގުތަކީ ރަހްމަތްތެރިއެއް ނޫން،" ކަމަށާއި ކުރިއަށް އޮތް ފެބްރުއަރީ އަދި މާޗް މަހަކީ ވަރަށް މުހިއްމު ދުވަސްތަކެއް ކަމަށެވެ.

އަފްޣާންގެ ރައީސް ވިދާޅުވީ، ޕާކިސްތާނާއެކު މުޅި ސަރަހައްދަށް ފެތުރިފައިވާ ހަނގުރާމައިގެ އެއް ބަޔަކީ އަފްޣާނިސްތާނުގައި ހިނގަމުންދާ ހަނގުރާމަކަން އޮބްޒާވަރުންނަށް އެނގެން ޖެހޭ ކަމަށެވެ.

"މިއީ ގުޅި ލާމެހިފައިވާ މައްސަލަތަކެއް... އެންމެ ގައުމަކުން ބާރުގެ ބޭނުންކޮށްގެން މި މައްސަލަތައް ހައްލެއް ނުކުރެވޭނެ،" ޣަނީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި އެންމެން އެކައްޗެކޭ ކިޔައިގެން އެއް ވިސްނުމެއްގައި ކުރިއަށް ދާންޖެހޭ ކަމަށާއި، އެގޮތުން ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވާން ބޭނުންނުވާ، ޠާލިބާން ގްރޫޕްތަކާ ދެކޮޅަށް ޕާކިސްތާނުން ފިޔަވަޅު އެޅުމަށް ގޮވައިލާ ކަމަށެވެ.