25 Jan 2016, 11:13
ޕާސްޕޯޓް ހެއްދުމުގެ ހިދުމަތްދޭ ކައުންޓަރުތައް އިމިގްރޭޝަންގައި އިތުރުކޮށްފި އެވެ.
ޗީފް ޕްރިންސިޕަލް އޮފް އިމިގްރޭޝަން ހަސަން ހަލީލް މިއަދު ސަން އަށް ވިދާޅުވީ، ޕާސްޕޯޓް ހެދުމުގެ ހިދުމަތް ދިނުމަށް ކުރިން ހަތް ކައުންޓަރު ބޭނުން ކުރަމުން ދިޔައިރު، މިހާރު އެ ޚިދުމަތް ދިނުމަށް ޖުމުލަ 11 ކައުންޓަރު ބޭނުންކުރަމުން އަންނަ ކަމަށެވެ.
"ކުރިން އަޅުގަނޑުމެން މިއިންނަނީ ޖުމުލަ ހަތެއް. މިއަދު އަޅުގަނޑުމެން 11 ކައުންޓަރު ބޭނުންކުރޭ. މީހުން އަޔަސް އަނެއްހެން ކިޔޫ ޖެހިފައެއް ނޯންނާނެ،" ހަލީލް ވިދާޅުވި އެވެ.
ރޭ އާޕާސްޕޯޓް ތައާރަފުކޮށްފައިވާ އިރު ކުރިއާ ޚިލާފަށް މިއަދު ގިނަ ބަޔަކު ޕާސްޕޯޓް ހެއްދުމަށް ގޮސްފައިވާ ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ. ޗުއްޓީ ނިމުނު ފަހުން ދުވާލަކު ތިން ހަތަރު މީހުން ޕާސްޕޯޓް ހައްދަން އަންނަ އިރު މިއަދު 30 މީހުން ޕާސްޕޯޓް ހެއްދުމަށް ގޮސްފައިވާ ކަމަށް ހަލީލް ވިދާޅުވި އެވެ.
މިހަފްތާގައި އިސްކަންދޭނީ އަލަށް ޕާސްޕޯޓް ހައްދާ ފަރާތްތަކަށާއި މުއްދަތު ހަމަވެގެން ޕާސްޕޯޓް ހައްދާ ފަރާތްތަކަށް ކަމަށާއި ކުރީގެ ޕާސްޕޯޓް އާ ޕާސްޕޯޓަކަށް ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް އަންނަ ހަފްތާ އިން ފެށިގެން ހިދުމަތް ދޭން ފަށާނޭ ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ.