25 Jan 2016, 10:04
ސައޫދީ އަރަބިޔާގައި ބޭރުގެ އިންވެސްޓްމަންޓްތައް ގިނަކޮށް އިގްތިޞާދު ބޭރުގެ ފަރާތްތަކަށް ވަރަށް ބޮޑަށް ހުޅުވާލަން ގަސްދުކުރާކަން އެގައުމުން ހާމަކޮށްފިއެވެ.
ސައޫދީ އިންވެސްޓްމަންޓްތަކާބެހޭ އިދާރާގެ ގަވަރުނަރު އަބްދުއްލަތީފް އަލްޢުޘްމާން ވިދާޅުވީ، ފާއިތުވި އަހަރުތަކުގައި ސައޫދީ އަރަބިޔާގައި އިންވެސްޓް ކުރުމުގެ ފުރްސަތު ބޭރުގެ އިންވެސްޓަރުންނަށް ހުޅުވާލާފައިވާނީ މައިގަނޑު ގޮތެއްގައި ތެލާއި ގޭހާއި އަދި މައުދަންތަކުގެ ސެކްޓަރުތަކާއި އައީޓީ ސެކްޓަރަށް ކަމަށާއި ނަމަވެސް ކުރިޔަށްއޮތްތަނުގައި ސިއްޙީ، ތައުލީމީ، އާންމު ޚިދްމަތްތަކާއި މަދަނީ އިންފްރާސްޓްރަކްޗަރާއި އަދި ރިޔަލް އެސްޓޭޓާއި ހައުސިންގެ ދާއިރާފަދަ ގިނަ ސެކްޓަރުތަކެއް ބޭރުގެ އިންވެސްޓްމަންޓްތަކަށް ހުޅުވާލަން ނިންމާފައިވާ ކަމުގައެވެ.
މިއީ ތެލުގެ އަގު އާދަޔާ ޚިލާފަށް ދަށަށް ދިޔުމާގުޅިގެން ސައޫދީ އަރަބިޔާއަށް ކުރިމަތިވަމުންދާ ބަޖެޓް ޑެފިސިޓާއި އާމްދަނީ ދަށަށްދިޔުމުގެ މައްސަލަތަކާ ކުރިމަތިލުމަށްޓަކައި އެގައުމުގެ އިގްތިސާދަށް ގެންނަމުންދާ ބޮޑެތި އިސްލާޙުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.
ފާއިތުވި 20 މަސްތެރޭގައި ތެޔޮ ފީފާއެއްގެ އަގު 120 ޑޮލަރުން 27 ޑޮލަރަށް ދަށަށްދިޔުމުގެ ސަބަބުން ސައޫދީ އަރަބިޔާއަށްވަނީ އެމުއްދަތުގައި ގާތްގަނޑަކަށް 180 ވަރަކަށް ބިލިޔަން ޑޮލަރުގެ ގެއްލުމަކާ ކުރިމަތިލާންޖެހިފައެވެ.
މިދިޔަ އަހަރުގެ ބަޖެޓްގައިވެސް ސައޫދީ އަށް 80 ބިލިޔަން ޑޮލަރުގެ ޑެފިސިޓަކާ ކުރިމަތިލާން ޖެހުނެވެ. އަދި މިއަހަރުގެ ބަޖެޓްގައި 100 ބިލިޔަން ޑޮލަރަށްވުރެ ބޮޑު ޑެފިސިޓަކާ ސައޫދީ ވަނީ ކުރިމަތިލާންޖެހިފައެވެ. މިއީ ފަހުގެ ތާރީޚެއްގައި ސައޫދީ އިގްތިސާދަށް ކުރިމަތިވާ އެންމެ ބޮޑު ހީނަރުކަން ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިންވަނީ ސިފަކޮށްފައެވެ.
ސައޫދީ ސަރުކާރުގެ މިއަހަރުގެ ބަޖެޓް ފާސްކުރުމަށް ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އެގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ވަނީ ތެޔޮނޫން އެހެން ސެކްޓަރުތަކުންވެސް ބޮޑު އާމްދަނީއެއް ލިބޭގޮތަށް ސައޫދީ އިގްތިސާދު ބައްޓަން ކުރުމަށް ގޮވާލައްވާފައެވެ. މިއާއެކު ސައޫދީ ފިނޭންސް މިނިސްޓްރީއާއި އިގްތިސާދާބެހޭ މިނިސްޓްރީއާއި އެގައުމުގެ މާލީ އިދާރާތައް ގުޅިގެން ގެންދަނީ އެގައުމުގެ އިގްތިސާދު ބޭރުގެ ފަރާތްތަކަށް އިތުރަށް ހުޅުވާލުމުގެ ޕްލޭންތަކާއި އިގްތިސާދު އިސްލާޙު ކުރުމުގެ ޕްރޮގްރާމްތައް އެކަށައަޅަމުންނެވެ.
ސައޫދީ އިގްތިސާދުގެ މައިގަނޑު ތަނބަކީ ތެލެވެ. ތެލުން އާމްދަނީ ހޯދަމުންގެންދާތާ 60 އަހަރު ވާން ގާތްވެފައިވާއިރުވެސް ތެލަށް ބަރޯސާނުވާ އާމްދަނީއެއް ބިނާކުރުމަށް ސައޫދީ ސަރުކާރުތަކުން މާބޮޑު މަސައްކަތްތަކެއް ކޮށްފައިވާތަނެއް ނުފެނެއެވެ. މިހާރުވެސް ސައޫދީ އަށް ލިބޭ އާންދަނީގެ ގާތްގަނޑަކަށް 87 އިންސައްތައަކީ ތެލާއި ތެލުގެ ބާވަތްތަކެވެ. ނަމަވެސް ތެލުގެ އަގު މާބޮޑަށް ދަށަށް ދިޔުމާއި އަދި ކައިރި މުސްތަގްބަލެއްގައި ތެލުގެ އަގު މައްޗަށްދާނެ ކަމުގެ އެއްވެސް އުންމީދެއް ނެތުމުން ތެލުގެ އާމްދަނީން މުއްސަނދި ވުމުގެ ޒަމާން މާޒީވަމުންދާކަމުގެ އިންޒާރު ތަޖްރިބާކާރުންވަނީ ދެއްވާފައެވެ.
ދެހާސް ހަތަރުވަނަ ވަނަ އަހަރަށްފަހު ތެލުގެ އަގު ދަށަށްނުދާހާ މިންވަރަށް މިހާރު ވަނީ ތެލުގެ އަގު ދަށަށްގޮސް ފީފާއަކަށް 27 ޑޮލަރަށް ތެލުގެއަގު ވެއްޓިފައެވެ. ތެލުގެ މާކެޓް ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި އަދިވެސް ތެލުގެ އަގު ދާނީ ދަށަށެވެ. އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލަފައިވާތީ އީރާން ގެންދަނީ އެގައުމުން މިހާރު ބޭރުކުރާ ތެލުގެ މިންވަރަށް ވުރެ ދުވާލެއްގެ މައްޗަށް ހަތްލައްކަ ފީފާ އިތުރަށް އުފައްދައި އެކްސްޕޯޓް ކުރުމަށް މަސައްކަތް ކުރަމުންނެވެ. މިކަން ކުރިޔަށްއޮތް މަދު ހަފްތާތަކެއްގެ ތެރޭގައި އީރާނުން ހާސިލް ކުރާނެއެވެ. މިއާއެކު ދުނިޔޭގެ ބަޒާރުގައި ތެލުގެ އަގު ފީފާއަކަށް 23 ނުވަތަ 22 ޑޮލަރަށް ދަށަށްދާނެކަމަށް ވަނީ އަންދާޒާ ކުރެވިފައެވެ. ތެލުގެ އަގު ދަށަށްދަނީ ޑިމާންޑަށްވުރެ ސަޕްލައި އިތުރުވުމުގެ ސަބަބުންނެވެ.
ސައޫދީ އިންވެސްޓްމަންޓްތަކާބެހޭ އިދާރާގެ ގަވަރުނަރު އަބްދުއްލަތީފް އަލްޢުޘްމާން ވިދާޅުވީ، ސައޫދީ އަށް ލިބޭ ބޭރުގެ އިންވެސްޓްމަންޓްތަކުގެ މިންވަރު ދެގުނައަށް މަތިނުކޮށް ދެން ފަރުނުޖެއްސޭނެ ކަމުގައެވެ. ސައޫދީ އަރަބިޔާގައި އިންވެސްޓް ކުރުމުގެ ފުރްސަތު ހުޅުވާލާފައިވާ ތެލާއި ގޭހާއި މައުދަންތަކުގެ ސެކްޓާތަކާއި އައިޓީ ސެކްޓަރުތަކަށް ބަލާއިރު އެވްރެޖްކޮށް އަހަރެއްގެ މައްޗަށް 10 ބިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓް އެގައުމަށް ވަދެއެވެ.
އަބްދުއްލަތީފް އަލްޢުޘްމާން ވިދާޅުވީ، ތެޔޮނޫން ސެކްޓަރުތަކުގައި ކުރާ ބޭރުގެ އިންވެސްޓްމަންޓްތައް އަހަރަކު 20 ބިލިޔަން ޑޮރަލަށް ގެންދަންޖެހޭ ކަމުގައެވެ.
ނަމަވެސް ތެޔޮނޫން ސެކްޓަރުތަކަށް މިވަރުގެ ބޮޑެތި ބޭރުގެ އިންވެސްޓްމަންޓްތައް ލިބުމަކީ ސައޫދީއަށް ފަސޭހަ ކަމަކަށް ނުވާނެކަމަށް ތަޖްރިބާކާރުން ބުނެއެވެ.
ސައޫދީ ސަރުކާރުން މިހާރު ގެންދަނީ ބޭރުގެ އިންވެސްޓްމަންޓްތައް ހޯދުމުގެ ބޮޑު ފޯރަމެއް ބޭއްވުމަށްވެސް ތައްޔާރުވަމުންނެވެ. ތެޔޮނޫން ސެކްޓަރުތަކަށް ބޭރުގެ އިންވެސްޓްމަންޓްތައް ލިބުން ދަތިވާނެ ކަމަށް ބެލެވޭ މައްސަލަތަކުގެ ތެރޭގައި ސައޫދީ ސަރުކާރުގެ ބިއުރޮކްރަސީ ނިޒާމު ބޭރުގެ ފަރާތްތަކަށް ދަތިވުމާއި ޒަމާނީ ވިޔަފާރިއާ އިންވެސްޓްމަންޓްތަކަށް ހިތްވަރު ލިބޭފަދަ ގާނޫނުތައް ނެތުމާއި މިފަދަކަންކަމާ މުއާމަލާތް ކުރެވޭގޮތަށް ޝަރުއީ ނިޒާމު ބައްޓަންކޮށްފައިނުވުން ހިމެނެއެވެ. މިކަންކަމަކީ ދިގުމުއްދަތަކުން ކުރެވޭނެކަންކަމަށްވާތީ ބޭރުގެ އިންވެސްޓްމަންޓްތަކަކީ ސައޫދީއަށް ކުއްލިއަކަށް ލިބިގެންދާނެ އެއްޗެއްނޫންކަމާއި މިކަމަށް އަހަރުތަކެއް ނަގާނެ ކަންކަމެވެ.
ތެލުގެ އަގު ދަށުގައިވާނަމަ 2020 ވަނައަހަރާ ހަމައަށްދާއިރު ސައޫދީ އަރަބިޔާއާއި ގަލްފުގެ ތެލުގެ މުއްސަނދިގައުމުތަކުގެ އިގްތިސާދު ބަނގުރޫޓްވުމާ ހަމައަށް ދިޔުމަކީ އެކަށީގެންވާ ކަމެއްކަމުގެ އިންޒާރު އައިއެމްއެފް އިންނާއި އެނޫންވެސް އިގްތިސާދީ ތަޖްރިބާކާރުންވަނީ ދީފައެވެ. ތެލުގެ އަގު ދަށްވުމުގެ ސަބަބުން ކުރިމަތިވާ ދަތިތައް މިހާރު ސައޫދީން ހައްލުކުރަނީ އެގައުމުން ރައްކާކޮށްފައިވާ ރިޒާވް ފައިސާއިންނެވެ. މިގޮތުން މިދިޔަ އަހަރުވެސް ރިޒާވް ފައިސާއިން 60 ބިލިޔަން ޑޮލަރު ސައޫދީ ސަރުކާރުން ނަގާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ރައްކާކޮށްފައިވާ ރިޒާވް ފައިސާގެ މިންވަރަކީ 700 ބިލިޔަން ޑޮލަރުކަމަށްވެއެވެ.