25 Jan 2016, 09:54
ސޯލް (ޖެނުއަރީ 25):ފާއިތުވި 59 އަހަރުތެރޭގައި ނުފައިބާ މިންވަރަށް ދެކުނު ކޮރެއާގެ ރިޒޯޓު ރަށެއްކަމަށްވާ ޖެޖޫ އައިލެންޑަށް ސްނޯ ފައިބައިފި އެވެ.
ދެކުނު ކޮރެއާގެ ޖެޖޫ އައިލެންޑަކީ ފަތުރުވެރިން ޗުއްޓީ ހޭދަކުރަން މަޝްހޫރު ރަށެކެވެ. ނަމަވެސް މިދިޔަ ތިން ދުވަހުގެ ތެރޭގައި އެރަށަށް އެރި ސްނޯގެ ތޫފާނުގެ ސަބަބުން ޖެޖޫ އައިލެންޑުގެ 1،100 ވަރަކަށް ފްލައިޓް ވަނީ ކެންސަލްކޮށްފަ އެވެ. އޭގެ ސަބަބުން 90،000 ވަރަކަށް ދަތުރުވެރިން ވަނީ އެއާޕޯޓުގައި ތާށިވެފަ އެވެ.
މިހާރު އަރަމުންދާ ސްނޯގެ ތޫފާނުގެ ސަބަބުން ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގެ ފިނިހޫނު މިން ވަނީ މައިނަސް 18 ޑިގްރީ ސެލްޝިއަސްއަށް ވެއްޓިފައި އެވެ. އެއީ ފާއިތުވި 15 އަހަރުތެރޭގައި ސޯލްގެ ފިނިހޫނުމިން އެންމެ ބޮޑަށް ވެއްޓުނު ފަހަރެވެ.
ސައުތު ކޮރެއާގެ އިތުރުން ޗައިނާ އާއި ޖަޕާނަށްވެސް ދަނީ ސްނޯގެ ތޫފާނުގެ އަސަރު ކުރަމުންނެވެ. ޗައިނާ އިން ވަނީ މޫސުން ގޯސް ވުމުގެ ސަބަބުން ނެރޭ އިންޒާރުތަކުގެ ތެރެއިން ދެވަނައަށް އެންމެ މަތީ އިންޒާރު ނެރެފަ އެވެ. އަދި ޖަޕާނުން ވަނީ ސްނޯގެ ތޫފާނުގެ ސަބަބުން ފާއިތުވި 24 ގަޑި އިރު ތެރޭގައި ފަސް މީހަކު މަރުވެ، 100 އަށް ވުރެ ގިނަ މީހުންނަށް އަނިޔާ ވެފައިވާ ކަމަށް ބުނެފަ އެވެ. (ނޫސްއޭޖެންސީތައް)