25 Jan 2016, 09:46
ސްޕެނިޝް ލީގްގައި ރެއާލް ބެޓިސްއާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުގައި ބެންޒެމާ ކާމިޔާބް ކޮށް ދިން ގޯލުން 1-1 ގެނަތީޖާ އަކުން އެއް ވަރުވެ ރެއާލް މެޑްރިޑް ޕޮއިންޓަކުން ފުއްދާލައިފިއެވެ.
އެ ނަތީޖާއާއެކު ރެއާލް މެޑްރިޑް ކުޅުނު 21 މެޗުން 44 ޕޮއިންޓް ލިބިގެން ތާވަލުގެ ތިން ވަނައިގައި އޮތް އިރު ރެއާލް ބެޓިސް ވަނީ 22 ޕޮއިންޓާ އެކު 14 ވަނަ އަށް ކުރިއަށް ޖެހިލާފައެވެ.

ސްޕެނިޝް ލީގްގައި ރެއާލް ބެޓިސް އާއި ރެއާލް މެޑްރިޑް ކުޅުނު މެޗުގައި ރެއާލްގެ ރޮނާލްޑޯ --- ފޮޓޯ: އޭޕީ
ރެއާލް ބެޓިސްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު އެ މެޗުގެ ކުރީ ކޮޅުގައި، އެންމެ ފަހުން ކުޅުނު 11 މެޗުން ވެސް މޮޅެއް ލިބިފައި ނުވާ ބެޓިސް އިން ވަނީ ގޯލެއް ކާމިޔާބް ކޮށް ރެއާލް މެޑްރިޑް ހާސްކޮށްލާފައެވެ. އެ މެޗުގެ ހަތް ވަނަ މިނެޓްގައި ފެބިއަން ރުއިޒް ތަނަވަސް ކޮށްދިން ފުރުސަތަކުން ސިޖުއެޑޯ ވަނީ ރެއާލްގެ ގޯލު ފޫއަޅުވާލާފައެވެ.
ފުރަތަމަ ހާފް އެނަތީޖާގައި އޮވެ ނިމުނު އިރު ދެވަނަ ހާފްގައި ރެއާލް މެޑްރިޑުން ވަނީ ރަނގަޅަށް ކުޅެ ބެޓިސްގެ ގޯލަށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެ މެޗުގައި ރެއާލް މެޑްރިޑަށް ނަތީޖާ ހަމަހަމަ ކުރެވުނީ 71 ވަނަ މިނެޓްގައި، މި ސީޒަނުގައި ރަނަގަޅު ފޯމެއްގައި ހުރި ބެންޒެމާ ކާމިޔާބު ކުރި ގޯލުންނެވެ.

ސްޕެނިޝް ލީގްގައި ރެއާލް ބެޓިސް އާއި ރެއާލް މެޑްރިޑް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
މެޗަށް ފަހު ވާހަކަ ދައްކަމުން ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ މުޅި މެޗަށް ބަލާއިރު މޮޅަށް ކުޅެފައިވަނީ މެޑްރިޑުން ކަމަށާއި ގިނަ ފުރުސަތު ތަކެއް ހޯދި ނަމަވެސް ދިމާވި މައްސަލައަކީ ގޯލަކަށް ހަދައި ނުލެވުން ކަމަށެވެ.
"މެޗުގައި ފެނިގެންދިޔަ ވަރަށް ގިނަ ފުރުސަތު ތަކެއް ތަނަވަސް ކުރި ތަން. މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނީ އަހަރެންގެ ޓީމް. އެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ އެންމެ ފަހު ވަގުތާއި ޖެހެންދެން ވެސް މެޗުން މޮޅުވާން މަސަތްކަތް ކުރި ތަން،" ޒިދާން ބުންޏެވެ.