25 Jan 2016, 10:08
މަދިރީގެ ސަބަބުން ޖެހޭ ބައްޔެއް ކަމަށްވާ ޒިކާ ވައިރަސް ރާއްޖޭގައި ފެތުރިފައިވޭތޯ ބެލުމަށް ތައިލެންޑްގެ ޓީމަކުން ރާއްޖެއައިސް މަސައްކަތް ފަށައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)ގެ ހެޑްއޮފް ސަވައިލެންސް އިބްރާހިމް ނިޝާން އަހުމަދު މިއަދު ސަން އަށް ވިދާޅުވީ ބެންކޮކްގެ އާމްޑް ފޯސަސް ރިސާޗް އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެފްރިމްސް)ގެ ޓީމެއް ރާއްޖެ އައިސް ޒިކާ ވައިރަސްގެ އަލާމަތެއް ހުރިތޯ އިއްޔެ ބަލަން ފަށާފައިވާ ކަމަށެވެ.
ނިޝާން ވިދާޅުވި ގޮތުގައި އެފްރިމްސް ޓީމުން ކުރާ މަސައްކަތުގެ ތެރޭގައި އެ ވައިރަސް ޓެސްޓިން ޕުރޮޓަކޯލްތައް އެކުލަވާލުމާއި ސިއްހީ ދާއިރާގެ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ އިތުރުން ލެބޯޓޫރީގައި ކެޕޭސިޓީ ގާއިމް ކުރުމުގެ މަސައްކަތް އެޓީމުން ފަށާފައިވާ ކަމަށް ނިޝާން ވިދާޅުވި އެވެ.
މިހަފްތާގެ ތެރޭގައި އެ ވައިރަސް ޓެސްޓްކުރާނެ ޕުރޮސީޖާތައް ކަނޑައެޅިގެންދާނެ ކަމަށާއި މިހާތަނަށް ކުރެވުނު މަސައްކަތްތަކުން ޒިކާ ވައިރަސްގެ އަލާމަތެއް ފެންނަން ނެތް ކަމަށް ނިޝާން ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކަށް ނެތް ފެނިފަކަ އެއްވެސް ހޯދުންތަކަކުން އަދިއެއް، އަޅުގަނޑުމެން ޓެސްޓިން ކުރަންފެށީމާ އެނގޭނީ އެކަހަލަ މައުލޫމާތެއް." ނިޝާން ވިދާޅުވި އެވެ.
ޒިކާ ވައިރަސް އަކީ ޑެންގީ އާއި އެއް އާލައިލާއެއްގެ ވައިރަސް އެކެވެ. އެބަލީގެ އަލާމާތްތައް ޑެންގީގައި ފެންނަ ފަދައިން ހުން އައުމާއި ގައިގައި ރިއްސުމާއި ހަމުގައި ރަތް ކުލައިގެ ބިހިތައް ނެގުމާއި ލޯ ރަތްވުމާއި ހުޅުހުޅުގަޔާއި ބޮލުގައި ރިއްސުން ހިމެނެ އެވެ. ޑެންގީ ބަލީގައި ހުންގަދަވުމާއި ވަރު ދެރަވުމާއި އެޑްމިޓް ކުރަން ޖެހޭ މިންވަރު މިބަލީގައި ދަށް ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެ އެވެ. އެ ބައްޔަށް ހާއްސަ ފަރުވާއެއް އަދި ރައްކާތެރިވުމަށް ވެކްސިނެއް މިހާތަނަށް ހޯދިފައިނުވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
މަދިރިން ޖެހޭ ބަލިތަކުން ސަލާމަތްވުމަށް ޓަކައި މަދިރި އާލާވާ ތަންތަން ނައްތާލުމާއި މަދިރި ހެފުމުން ރައްކާތެރިވުމަށް އެޅެންހުރި ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން ލަފާދެ އެވެ.