25 Jan 2016, 09:13
ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނުގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިކުރާ ތަންތަނުގައި، އާންމުންނަށް ފެންނާނެ ގޮތަށް ވިޔަފާރި ރަޖިސްޓަރީ ނުބަހައްޓާ ފަރާތްތަކުގެ ވިޔަފާރި ރަޖިސްޓްރީއާއި އެފަރާތްތަކަށް ދޫކޮށްފައިވާ ހުއްދަ ބާތިލު ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ގާނޫނުގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިކުރާ ތަންތަނުގައި، އާންމުންނަށް ފެންނާނެ ގޮތަށް ވިޔަފާރި ރަޖިސްޓަރީ ބަހައްޓަންޖެހޭނެ ކަމަށެވެ.
ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ 26ވަނަ މާއްދާގައި ބުނެފައި ވަނީ ގާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވޭ ވިޔަފާރިއަކަށް ދޫކުރެވޭ ހުއްދަ ނުވަތަ ހުއްދައިގެ ކޮޕީއެއް ވިޔަފާރި ކުރާ ތަނެއްގައި އެތަނަކަށް ވަދެ ނުކުމެވާ ފަރާތްތަކަށް ފެންނާނެހެން ބަހައްޓަންވާނެ ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު "ސަން" އަށް މިއަދު ވިދާޅުވީ، އިކޮނޮމިކް މިނިސްޓްރީން ވިޔަފާރިތައް އިންސްޕެކްޓު ކުރުމަށް ފިހާރަތަކަށް ދާއިރު ވިޔަފާރި ރަޖިސްޓްރީ ގިނަ ފަހަރު ފެންނަން ނުހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގައި ބުނެފައި ވަނީ ރަޖިސްޓްރީ ނުކޮށް އެއްވެސް ފަރާތަކަށް ވިޔަފާރިއެއް ނުހިންގޭނެ ކަމަށެވެ. އަދި އެ ގާނޫނުގައި ބުނާގޮތުން ގާނޫނާ ހިލާފަށް އެއްވެސް ފަރާތަކުން އަމަލުކޮށްފި ނަމަ އެކުރި ކުށެއްގެ ކުޑަ ބޮޑު މިނަށް ބެލުމަށްފަހު 1000 ރުފިޔާއާ 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށެވެ.