25 Jan 2016, 09:01
އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ ޑިއެގޯ ކޮސްޓާ ކާމިޔާބު ކޮށްދިން ގޯލާ އެކު 1-0 ގެނަތީޖާއަކުން އާސެނަލްގެ މައްޗަށް ޗެލްސީ ކުރިހޯދައިފިއެވެ.
ޗެލްސީ އަށް ލިބުނު މޮޅާ އެކު އެ ޓީމް ކުޅުނު 23 މެޗުން 28 ޕޮއިންޓް ލިބިގެން ތާވަލުގެ 13 ވަނަ އަށް ކުރިއަށް ޖެހިލިއިރު އާސެނަލް އޮތީ 44 ޕޮއިންޓާ އެކު ތިން ވަނައިގައެވެ. ލީގްގެ އެއް ވަނައިގައި ލެސްޓާ ސިޓީ 47 ޕޮއިންޓާ އެކު އޮތް އިރު ދެ ވަނައިގައި މެންޗަސްޓާ ސިޓީ އޮތީ 44 ޕޮއިންޓް ލިބިގެންނެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި އާސެނަލް އާއި ޗެލްސީ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު އެ މެޗު ފެށިގެން ވެސް ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު އާސެނަލް އަށް މައްސަލަތަކާއި ކުރި މަތިލާން ޖެހުނީ މެޗުގެ 18 ވަނަ މިނެޓްގައި އެ ޓީމުގެ ޕާރ މާޓެސްކާ ޗެލްސީގެ ޑިއެގޯ ކޮސްޓާއަށް ކުރި ފައުލަކާއި ގުޅިގެން ސީދާ ރަތް ކާޑެއް ދައްކައި އޭނާ ދަނޑުން ފޮނުވާލި ހިސާބުންނެވެ.
އާސެނަލް އިން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުމުގެ ފައިދާ ނަގައި މެޗުގެ 23 ވަނަ މިނެޓްގައި އިވޮނޮވިޗް ނަގައިދިން ހުރަހެއް ކޮސްޓާ ގޯލުގެ ތެރެއަށް ވައްދާލައިގެން ޗެލްސީ އިން ވަނީ މެޗުގެ ލީޑް ނަގާފައެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި އާސެނަލް އާއި ޗެލްސީ ކުޅުނު މެޗު ނިމުމަށް ފަހު އާސެނަލްގެ ކީޕަރު ޗެކް އާއި ޗެލްސީގެ ޓެރީ --- ފޮޓޯ: އޭޕީ
އެ ގޯލަށް ފަހު އާސެނަލް އިން ވަނީ، އެ މީހުންގެ ކުޅުން ރަނގަޅު ކޮށް ގޯލެއް ކާމިޔާބް ކުރެވޭތޯ ގިނަ މަސަތްކަތް ތަކެއް ކޮށްފައެވެ. ނަމަވެސް ލީގްގައި ކުޅުނު ހަތް މެޗުން ވެސް ބައްޔެއް ވެފައިނުވާ ޗެލްސީގެ ގޯލު ފޫއަޅުވާލަން އާސެނަލްގެ ކުޅުންތެރިންނަށް ވަނީ ނުކުޅެދިފައެވެ.
ޗެލްސީގެ ކޯޗުކަމާ ގޫސް ހިޑިންކް ހަވާލުވި ފަހުން އެ ޓީމު ލީގުގައި ކުޅުނު އެއް ވެސް މެޗަކުން ބަލިވެފައި ނުވާ އިރު ލީގުގައި އާސެނަލް ކުޅުނު 23 މެޗުން އެ ޓީމު 13 މެޗުން މޮޅުވެފައި ވެއެވެ.