25 Jan 2016, 09:49
ސްރީ ލަންކާގެ ދާޚިލީ ހަނގުރާމައިގެ ދުވަސްވަރު، ވީނުވީއެއް ނޭނގި ގެއްލިފައިވާ ތަމަޅައިންގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވާނޭ ކަމަށް އެގައުމުގެ ރައީސް މައިތިރިޕާލަ ސިރިސޭނާ ވިދާޅުވެއްޖެއެވެ.
ރައީސް ސިރިސޭނާ އެހެން ވިދާޅުވީ، ލަންކާގައި އެތަކެއް އަހަރު ދުވަހަށް ދިގުދެމިގެންދިޔަ ދާޚިލީ ހަނގުރާމައިގެ ދުވަސްވަރު، ތަމަޅަ ޓައިގަރުންގެ ބާރުގެ ދަށުގައި އޮތް ސަރަހައްދެއް ކަމަށްވާ، މުއްލައިިޓިވު ޑިސްޓްރިކްޓްގެ ޕުތުއްކުޑިޔިރުއްޕުއަށް ކުރެއްވި ޒިޔާރަތެއްގައި އެ ތަނުގައި ހިރްދަރަމަނީ ގްރޫޕް އޮފް ކޮމްޕެނީޒްގެ ފަރާތުން އަލަށް ގާއިމްކުރި ގާމަންޓް ފެކްޓަރީއެއް ހުޅުވުމަށް ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ހަފްލާއަށް ހާޒިރުވި ފަރާތްތަކާ މުހާތަބުކުރައްވައި ސިރިސޭނާ ވިދާޅުވީ، ފެކްޓަރީގެ ބައެއް މުވައްޒަފުންނާ ބައްދަލުކުރެއްވުމުން އެ މުވައްޒަފުންގެ ބައެއް ކަންބޮޑުވުންތައް އެމަނިކުފާނާ ހިއްސާކޮށްފައިވާ ކަމަށެވެ. އެގޮތުން ހަނގުރާމަ ނިމުމަކަށް އައިތާ ހަތްވަރަކަށް އަހަރު ވެފައިވާއިރު، އަދިވެސް އެ ގައުމުގެ އުތުރުގެ ބައެއް ސަރަހައްދުތައް ވަނީ އުމްރާނީ ގޮތުން ވަރަށް ބަލިކަށިކޮށް ކަމަށެވެ.
ހަމައެއާއެކު ހަނގުރާމައިގެ ދުވަސްވަރުގައާއި ހަނގުރާމަ ނިމުނު ފަހުންވެސް، ގިނަ އަދަދެއްގެ ތަމަޅައިން ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށާއި އަދި އެންޓި-ޓެރަރިޒަމް ގާނޫނުގެ ދަށުން ގިނަ އަދަދެއްގެ ތަމަޅައިން ހައްޔަރުކޮށްފައިވާ މައްސަލަވެސް އެ ފެކްޓަރީގެ ބައެއް މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ތެރޭގައި ހިމެނޭ ކަމަށް ސިރިސޭނާ ވިދާޅުވިއެވެ.
ސިރިސޭނާ ވިދާޅުވީ، ފެކްޓަރީގައި މަސައްކަތްކުރާ ތަމަޅަ މުވައްޒަފުންގެ ކަންބޮޑުވުންތައް އެ މަނިކުފާނު ވަރަށް ޝައުގުވެރިކަމާއެކު އަޑުއެއްސެވި ކަމަށާއި އަދި އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށްޓަކައި ސީރިއަސް ފިޔަވަޅުތަކެއް އަޅުއްވާނޭ ކަމުގެ ޔަގީންކަން އެ މުވައްޒަފުންނަށް ދެއްވާފައިވާނޭ ކަމަށެވެ.
ސްރީ ލަންކާގެ ސަރުކާރާ ދެކޮޅަށް އެގައުމުގައި ވަކިވެގަތުމަށް އޭރު މަސައްކަތްކުރި ތަމަޅައިން ކުރި ދާޚިލީ ހަނގުރާމައިގެ ދުވަސްވަރުގައާއި އަދި އެ ހަނގުރާމަ ނިމުނު ފަހުންވެސް، އެތަކެއް ސަތޭކަ ތަމަޅައިން ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. އަދި ގެއްލިފައިވާ ފަރާތްތައް ހޯދުމަށްޓަކައި ހާއްސަ އޮފީހެއް ގާއިމުކުރާނޭ ކަމަށް ލަންކާ ސަރުކާރުން ވަނީ މީގެ ކުރިން ވައުދުވެފައެވެ.
ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ލަންކާގެ އުތުރުގެ ސަރަހައްދުތަކުގެ ރައްޔިތުންނަށް، އެ ސަރަހައްދުތަކުގެ އިންފްރާސްޓްރަކްޗާތައް ވަރުގަދަކޮށްދިން ނަމަވެސް އުފާވެރިކަން ލިބޭނޭ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި އޭގެ ބަދަލުގައި އެމީހުންގެ ހިތްތަކުން ޖާގަހޯދަން ޖެހޭކަމަށް ރައީސް ސިރިސޭނާ ވިދާޅުވިއެވެ.
ތަމަޅައިންގެ ތާއީދު އަނބުރާ ހޯދުމަށްޓަކައި ލަންކާ ސަރުކާރުން މިހާރު ވަނީ، އެގައުމުގެ ޓެރަރިޒަމް މަނާކުރާ ގާނޫނު އިސްލާހުކުރުމަށް ނިންމައިފައެވެ. އެގޮތުން އެ ގާނޫނުގެ ދަށުން އެގައުމުގެ ކުރީގެ ސަރުކާރުން، ގިނަ އަދަދެއްގެ ތަމަޅައިން ހައްޔަރުކޮށްފައިވާ ގާނޫނުގެ ބައިތައް ބަދަލުކޮށް އާ ގާނޫނެއް އެކުލަވައިލާނޭކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.
މައުލޫމާތު:ކޮލަމްބޯގެޒެޓް