ގޫގްލްގެ ވެބް ބްރައުޒާ "ކްރޯމް"ގެ ސްޕީޑު މިހާރަށް ވުރެ ވެސް ފާސްޓު ކޮށްލާނެ އަޕްޑޭޓެއް ނެރޭނެ ކަމަށް ގޫގްލްއިން އިޢުލާނު ކޮށްފި އެވެ.

ގޫގްލްއިން މީގެ ކުރިން ދިޔައީ މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން، ކްރޯމްގެ ޑޭޓާ ކޮމްޕްރެސް ކުރާ އެލްގޮރިދަމް "ޒޮޕްފްލި" ބޭނުން ކުރަމުންނެވެ. ނަމަވެސް، މިހާރު ގޫގްލްއިން ވަނީ، "ޒޮޕްފްލި"ގެ ބަދަލުގައި އާ އެލްގޮރިދަމެއް ބޭނުން ކުރާނެ ކަން އިޢުލާނު ކޮށްފަ އެވެ.

"ބްރޮޓްލީ" ކިޔާ އާ އެލްގޮރިދަމް ބޭނުން ކުރުމުން، މީގެ ކުރިން ޑޭޓާ ކޮމްޕްރެސް ކުރެވޭ މިންވަރުގެ 26 އިންސައްތަ އިތުރަށް ކޮމްޕްރެސް ކުރެވޭނެ ކަމަށް ގޫގްލްއިން ބުނެ އެވެ.

ގޫގްލްގެ އިންޖިނިއާ އިލްޔާ ގްރިގޮރިކް އިޢުލާނު ކޮށްފައިވާ ގޮތުން، ގޫގްލް ކްރޯމްގެ ދެން އަންނާނެ އެންމެ ބޮޑު އަޕްޓޭޑަކީ މި އާ އެލްގޮރިދަމް ބޭނުންކުރަން ފެށުމެވެ.

"ގޫގްލްއިން ޤަބޫލު ކުރާ ގޮތުގައި އިންޓަނެޓު ބޭނުންކުރާ މީހުންނަށް ވަގުތަކީ މުހިންމު އެއްޗެއް. އެމީހުން ވެބް ޕޭޖެއް ލޯޑު ނުވެގެން އެހާ ގިނަ އިރަކު މަޑު ކޮށްގެން ނުވާނެ. އެއީ، އަވަހަކީ ލަހަށް ވުރެ މާ ރަނގަޅު ކަމެއް،" އޭނާ ވިދާޅުވި އެވެ.

ގޫގްލްއިން ބުނާ ގޮތުގައި، ކްރޯމްގެ "ބޮޓްފްލި" އެލްގޮރިދަމްއަކީ އޯޕަން ސޯސް ކޯޑެއް ކަމަށެވެ. އޭގެ މާނައަކީ، ފަޔަފޮކްސް ފަދަ އެހެން ބްރައުޒާތަކުން ވެސް "ބްރޮޓްފޮލީ" އެލްގޮރިދަމް ބޭނުން ކުރެވޭނެ އެވެ.

ގޫގްލްއިން އަބަދުވެސް ދަނީ، އެ ކުންފުނީގެ ޕްރޮޑަކްޓްތައް ބޭނުންކުރާ މީހުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

ގޫގްލްއިން އެންމެ ފަހުން ރިލީޒް ކުރި ކްރޯމްގެ ވާޝަން 45 ގައި، ވެބް ޕޭޖުތައް ސްޕީޑު އަވަސްކޮށް ލޯޑު ކުރުމުގެ އިތުރުން، ބެޓެރީ ލެވެލްވެސް ހިފަހައްޓައިދެ އެވެ.

މީގެ އިތުރުން، ކްރޯމް ބޭނުންކުރާ ފަރާތެއް ގިނަ ޓެބްތަކެއް ހުޅުވައިގެން ހުރެ، އެއިން އެއް ޓެބެއްގައި ވީޑިއޯއެއް ހުޅުވާފައިވާ ނަމަ، އެ ވީޑިއޯއެއް ސްޓްރީމް ވާން ފަށާނީ އެ ޓެބް ހުޅުވުމުންނެވެ. ޓެބް ނުހުޅުވަނީސް، ވީޑިއޯ ހުންނާނީ ސްޓްރީމް ވާން ނުފަށަ އެވެ.

މަސްދަރު:ސީއެންއެން މަނީ