25 Jan 2016, 09:13
ތޮއްޑޫން: ފާތިމަތު ސައީދު
އއ. ތޮއްޑޫއޭ ބުނުމުން ކޮންމެ މީހަކު ވެސް ބުނާ އެންމެ އާންމު ބަހެއްގެ ގޮތުން "ވަރަށް ކަރާ އޮންނާނެ" ނުވަތަ "ތޮއްޑުއަށް ދިޔައިއްޔާ ކަރައެއް ގެންނަން ޖެހޭނެ" މިހެން ބުނެލަ އެވެ. ހަގީގަތުގައި ވެސް ތޮއްޑުއަކީ ވަރަށް ދަނޑުވެރި ރަށެކެވެ. ތޮއްޑޫ މީހުން އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތަކީ ވެސް ދަނޑުވެރިކަމުގެ މަސައްކަތެވެ. މިފަހަރު ވެސް ދައްކަން މިއުޅެނީ ދަނޑުވެރިކަމާ ގުޅުން ހުރި ކަމެއްގެ ވާހަކަ އެވެ.
ތޮއްޑޫ މަގުތަކުގައި ހިނގާލުމުން ފާހަގަވި އެއްކަމަކީ ކޮންމެ ގެއެއްގެ ގޯތި ތެރޭގައި ބިލެތް ޅޮސް ހައްދާފައި ހުންނަ ކަމެވެ. އެންމެ ޅޮހެއް ވެސް ނޫނެވެ. ކޮންމެ ގެއެއްގައި މަދުވެގެން ފަސް، ހަ ޅޮސް ނެތް ގެއެއް ނުހުރެ އެވެ. އެ ރަށު މީހުން ބުނާ ގޮތުން ގޭގައި ބިލެތް ހައްދާފައި ނުހުންނައިރެއް ހަނދާނެއް ނުހުރެ އެވެ.
ތޮއްޑޫ ބިލެތް ޅޮހަކުން މީހަކު ބިލަތް ކަނޑަނީ -- ސަންފޮޓޯ ފަޔާޒު މޫސާ
"މިރަށުގެ ގޭގޭގައި ބިލެތް ނުހުންނަ ހަނދާނެއް ނުވޭ. އަބަދުވެސް ދެތިން ހަތަރު ބިލެތް ޅޮސް ހުރޭ ގޭގެ ގޯތިތެރޭގައި. ނޭނގޭ ކިހިނެތް ކަމެއް ބިލެތް ހައްދަން މިފެށުނީ"ތޮއްޑޫ ޝަފީގު
ކޮންމެ ގެއެއްގައި ބިލެތް ހުރުމުން އެ ރަށު މީހުންނަށް ކުރާ އެންމެ ބޮޑު ފައިދާއަކީ އާއިލާގެ ނޫނީ ގޭގެ ހަރަދު ބަރަދު ފޫބެއްދުމަށް އެ ބިލެތް ލޮސްތައް ފުދުމެވެ. އެ ބިލެތް ވިއްކައިގެން ގޭގެ ހަރަދުތައް ބަލަހައްޓާ ކަމަށް އެ ރަށު މީހުން ބުނެ އެވެ. ބިލެތް ވިއްކައިގެން މަހެއްގެ މައްޗަށް މަދުވެގެން ގެ އަކަށް 10،000 ރުފިޔާ އާއި 15،000 ރުފިޔާގެ އާމްދަނީއެއް ލިބޭ ކަމަށް މިރަށުން ވާހަކަ ދައްކާލި ބައެއް މީހުން ބުންޏެވެ. ބިލެތް ކެނޑުމަށް ފަހު ތިން ބަޔަކަށް ބަހައި، މާލެ ވިއްކަން ގެންދާ ކޮންމެ ފަހަރަކު 70 ވަރަކަށް ބޮނޑި ބިލެތް ގެންދާ ކަމަށް އެ ރަށު ފެހިވިލާގެ އަބްދުﷲ ޝަފީގު 'ސަން' އަށް ކިޔައިދިނެވެ.
"ބިލެތް ކަނޑާ ވަރަކުން ލިބޭވަރު ގިނަވާނެ. ފަހަރެއްގެ މައްޗަށް 1500 ނުވަތަ 1200 ރުފިޔާ ވެސް ލިބޭ.،" ބިލެތް މާލެ ވިއްކަން ފޮނުވާ ޝަފީގު ބުންޏެވެ.
ތޮއްޑޫ ބިލެތް ޅޮހަކުން މީހަކު ބިލަތް ކަނޑަނީ -- ސަންފޮޓޯ ފަޔާޒު މޫސާ
ގޭގެ ނަންޖެހުމަށް ފަހު ބޯޓަށް ލުމުން މާލޭ މާރުކޭޓު ގޮޅިތަކުގައި ތިބޭ މީހުން ބިލެތް ބަލައި ދާނެ ކަމަށް އޭނާ ބުންޏެވެ. އަދި ބިލެތުގެ ލާރި ދޯނީގެ އޮޑިވެރިޔާ ގޮޅިތަކަށް ގޮސް ނެގުމަށް ފަހު ރަށަށް ގެނެސް ގެތަކާ ހަވާލުކުރާ ކަމަށް އެމީހާ ބުންޏެވެ. އޮޑޮވެރިން ބިލެތުން ނާލުގެ ގޮތުގައި ނަގަނީ ކޮންމެ 10 ރުފިޔާއަކުން ރުފިޔާއެއް ކަމަށް ޝަފީގު ބުންޏެވެ.
ބިލެތް ހައްދަން މާބޮޑުކަމެއް ކުރާކަށް ނުޖެހޭ
އެހެން ގަސްގަސް ހެއްދުމާ ހިލާފަށް ބިލެތް ހެއްދުމަށް މާބޮޑު މަސައްކަތެއް ކުރަން ނުޖެހޭ ކަމަށް ތޮއްޑޫ މީހުން ބުނެ އެވެ. އަދި ބިލެތް ކުރި ވަޅުލުމަށް ފަހު ގެރިގުއި ބޭހުގެ ގޮތުގައި އަޅަ އެވެ. އަދި ބައްޔެއް ޖެހިއްޖެ ނަމަ އެބައްޔަކަށް ބޭނުންވާ ކާނާ ވެޔޮގަނޑުގެ ބުޑަށް އަޅަ އެވެ. ދެން ކުރާހާ ވެސް ކަމަކީ ފެންދިނުމެވެ. އަދި އަނެއް ކަމަކީ ބިލެތް އެއްގޮތަކަށް ވެސް ހުސްނުވެ ލިބޭ ކަމެވެ.
"ބިލެތް ކުރި މަރެއް ނުވާނެ. އަބަދުވެސް ކުރި ފަޅާނެ. އަހަރަކު އެއްފަހަރު ކާނާއަޅަން ޖެހެނީ. ކާނާއަކަށް އަޅަނީ ގެރިގުއި އެއްޗިހި. ކުޑަކޮށް ކެމިކަލް ވެސް އަޅަން ބިލެތް ހައްދާއިރު،" ތޮއްޑޫ މީހަކު ކިޔައިދިނެވެ.
ތޮއްޑޫ ގެއެއްގައި ބިލެއް ޅޮހެއް --- ސަންފޮޓޯ/ ފަޔާޒު މޫސާ
މީގެ ކުރިން ކާނާ ނާޅާ ބިލެތް ހެއްދި ނަމަވެސް މިހާރު ކާނާ އަޅައިގެން ހައްދަނީ ވެޔޮގަނޑަށް ޖެހޭ ބަލި އިތުރުވުމުން ކަަމަށް މީހުން ބުނެ އެވެ. ބިލެތަށް ޖެހޭ ބައްޔެއްގެ ގޮތުގައި މީހުން ފާހަގަކުރީ ބިލެތުގެ އެއްބުރި އަނދާ ބައްޔެކެވެ. 'ސަން' އާ ވާހަކަ ދެއްކި މީހަކު ބުނި ގޮތުން ކާނާ އަޅަނީ ވަކިމިނެއް ބަލައިގެނެއް ނޫނެވެ. "އެމީހަކު އެޅިވަރެއް ހެޔޮވަރު" ކަމަށް އެމީހާ ބުންޏެވެ.
ބިލެތަށް ފެންދޭން ޖެހެނީ ދެ ދުވަހުން އެއް ދުވަހު އެވެ. އަދި ފެންދޭންޖެހެނީ ބިލެތުގެ ބުޑަށް ކަމަށް މީހުން ބުނެ އެވެ. ދަނޑިވެރިކަމުގައި ހައްދާ އެހެންގަސްތައް ހެއްދުމަށް ކުރާ ހަރަދާއި މަސައްކަތާ ބަލާ އިރު ބިލެތް ހައްދައިގެން ލިބޭ ފައިދާ ބޮޑު ކަމަށް ތޮއްޑުގެ ކޮންމެ މީހަކު ވެސް ފާހަގަކުރެ އެވެ.
ތޮއްޑޫ ބިލެތް ނޫނީ ކާން ބޭނުންނުވާ މީހުން ތިބޭ
ބިލެތަކީ ވަކި ތަފާތެއް އެއްރަށު އަނެއްރަށާ އަޅާ ބަލާއިރު ހުންނަ އެއްޗެއް ނޫނަސް ތޮއްޑޫގައި ހައްދާ ބިލެތް ނޫނީ ކާން ބޭނުންނުވާ މީހުން ތިބޭކަން އެ ރަށު މީހުން ފާހަގަ ކުރެ އެވެ. އެގޮތުން ހާއްސަކޮށް އެ ރަށު ބިލެތް ވިއްކާ ގޮޅިތަކަށް ގޮސް ބިލެތް ހުރިތޯ އަހަ އެވެ. ނުވަތަ ބިލެތް ގަންނަ އިރު އެއީ ކޮންރަށެއްގެ ބިލެތެއްތޯ އަހާ ތޮއްޑޫ ބިލެތް ނޫން ނަމަ ނުގަންނަ މީހުން އުޅޭ ކަމަށް އެ ރަށު މީހުން ބުނެ އެވެ.
އެހެން އެވަނީ ކީއްވެތޯ އެހުމުން ތޮއްޑޫގައި ބިލެތް ހައްދާ މިހާކު ބުނީ "ފަތްތައް ހުންނަލެއް ރީތިވެފައި ރަހަ މީރީ ކަމަށް ވެދާނެ" ކަމަށެވެ.
ބިލެތް މާލެ އަށް ވިއްކައިގެން ލިބުނު ލާރި ގޭގެ އަށް، ބައި އަޅައި ބެހުމުގެ މަސައްކަތް އޮޑިވެރިޔަކު ކުރަނީ: ރަނގަޅު އާމްދަނީއެއް ބިލަތުން ލިބޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ތޮއްޑޫގައި ބިލެތުން ލިބޭ ފައިދާ ބޮޑުކަމުން ކަމަށް ވެދާނެ އެވެ. ގޭގެ ގޯތި ތެރޭގެ ބޮޑު ބައެއްގައި ބިލެތް ހެއްދުމަށް ފަހު ގެ އަޅާފައި ހުންނަނީ ކުޑަ ތަންކޮޅެއްގަ އެވެ. އެއީ ތޮއްޑޫގެ ގިނަ ގޭގެއިން ފާހަގަވި ކަމެކެވެ. ކޮންމެ ގޮތެއްވިޔަސް ގޭގެ ހަރަދުތައް ބެލެއްޓުމުގެ އިތުރުން އެހެން ގަސްތައް ހެއްދުމާއި ހިލާފަށް ހައްޓަށް ލުއިވެފައި ކުރާ މަސައްކަތާ ބަލާއިރު ބޮޑު އާމްދަނީއެއް ލިބުމަކީ ބިލެތް ހައްދަންވީ މައިގަނޑު ސަބަބެވެ.