މިހާރު މިހިނގާ ފަސް އަހަރުގެ ރިޔާސީ ދައުރު ނިމޭ އިރު ދެކުނު އޭޝިއާގައި އޮތް އިންވެސްޓްމެންޓަށް އެންމެ ފަހި ގައުމަށް ރާއްޖެ ވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ބަޔޯމެޓްރިކް ޕާސްޕޯޓާއި އޮޓޯ ގޭޓް ތައާރަފްކުރުމަށް ހޮޓެލް ޖެންގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖެއަކީ ވިޔަފާރިތަކަށް ބޭނުންވާ ޒަމާނީ ހިދުމަތްތައް ފޯރުކޮށްދޭނެ ގައުމަކަށް ސަރުކާރުން ހަދާނެ ކަމަށެވެ.

"...އަޅުގަނޑުމެން ދިވެހި ވިޔަފާރިވެރިންނަށް، ދިވެހިރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކަށް އަދި ދިވެހިރާއްޖެއަށް ޝައުގުވެރިވެގެން އިންވެސްޓްކުރާނެ ފަރާތްތަކަށް ޔަގީންކޮށް އަރުވަނީ ދިވެހިރާއްޖެއަކީ މި ފަސް އަހަރު ނިމޭއިރު އިރާދަކުރެއްވިއްޔާ ސައުތު އޭޝިއާގައި އޮތް އިންވެސްޓްމެންޓަށް އެންމެ ފަހި، އިންވެސްޓްމަންޓަށް އެންމެ ފަހިކޮށްދޭނެ މުއައްސަސާތައް ހުރި އަދި މުޅި ސަރުކާރު އެއްކޮށް، އެއް ރޫހެއްގައި އެއްގޮތެއްގައި ސާބިތުކަމާއި އެކު ފޮރިން އިންވެސްޓަރުންނަށް މަރުހަބާ ކިޔާ، ވިޔަފާރިތަކަށް އެ ވިޔަފާރިތަކުން ބޭނުންވާ ޒަމާނީ ހިދުމަތްތައް ފޯރުކޮށްދޭނެ ގައުމެއްގެ ގޮތުގައި ރައީސް ޔާމީނުގެ ސަރުކާރުން މިކަން ކުރައްވާނެ. އެކަމާ ހަމަ އެއްވެސް ޝައްކެއް ނުކުރައްވާތި،" މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރު އޮތީ ދިވެހި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައިދިނުމުގެ އަޒުމުގައި ކަމަށް ވެސް ސައީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ވަޒީފާ އުފެއްދުމާއި ވަޒީފާއަށް ޒުވާނުން އަހުލުވެރިކުރުމަށް ފުރުސަތުތައް ގެނެސްދޭނީ ޒަމާނީ ގޮތް ގޮތަށް ފަރުމާކޮށްގެން ކަމަށެވެ.

"... މިވާހަކަ ދައްކާއިރު އަޅުގަނޑަށް ލިބޭ ޔަގީންކަމަކީ ކޮންމެ ދުވަހެއް ވެސް އަޅުގަނޑުމެންގެ މަސައްކަތްތައް ދާނީ ކުރިއަށް. އިރާދަކުރެއްވިއްޔާ ދެން ފެށޭނީ އެއާޕޯޓް، ބްރިޖް، ހަމަ އެއާއެކު ޕޯޓް އަދި ވެސް މިފަދަ އެތައް މަސައްކަތްތަކެއް،" އޭނާ ވިދާޅުވިއެވެ.

ބަޔޯމެޓްރިކް ޕާސްޕޯޓާއި އޮޓޯ ގޭޓް ތައާރަފްކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ޢަބުދުލް ޤައްޔޫމު ބައިވެރިވަޑައިގެންނެވިއެވެ.