18 Apr 2011, 18:41
އޮޑިޓާ ޖެނެރަލް އައްޔަން ކުރުމުގެ ހުރިހާ ބާރެއް ރައްޔިތުންގެ މަޖިލީހަށް ލިބިދޭގޮތަށް އޮޑިޓް ގާނޫނު އިސްލާހުކުރުމަށް ހުށަހެޅި ބިލު ގާނޫނު އަސާސީއާ ތައާރުޒުވާތީ، އެ ބިލުގެ ބަހުސް މިއަދު ހުއްޓާލައިފި އެވެ.
ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ހުށަހެޅުއްވި އެ އިސްލާހު ގާނޫނު އަސާސީގެ 210 ވަނަ މާއްދާއާ ތައާރުޒުވާކަން ފާހަގަކުރެއްވީ މާފަންނު ހުޅަނގު ދާއިރާގެ އަބްދުﷲ އަބްދުއްރަހީމާއި މިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް އެވެ.
ބިލުގެ ބަހުސް ކުރިއަށްދަނިކޮށް ނިޒާމީ މައްސަލަ ނަންގަވައި އަބްދުއްރަހީމް ވިދާޅުވީ، ގާނޫނު އަސާސީގެ 210 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި އޮޑިޓަ ޖެނެރަލްގެ މަގާމަށް އައްޔަންކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ބޭފުޅުންގެ ތެރެއިން މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވާ ބޭފުޅަކު ކަމަށެވެ. ނަމަވެސް ރިޔާޒް ރަޝީދު ހުށަހެޅުއްވި އިސްލާހުގައި، މަޖިލީޙުގެ ޖަލްސާގައި ބައިވެރިވާ މެންބަރުންގެ އަޣްލަބިއްޔަތުން އޮޑިޓާ ޖެނެރަލްކަމަށް ބޭފުޅެއްގެ ނަން ފާސްކުރެވޭނެ ކަމަށް އެ ބުނެފައިވުމަކީ ގާނޫނުއަސާސީއާ ހިލާފް ކަމެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"މުޅި ސީދާ ގާނޫނު އަސާސީއާ ހިލާފު މާއްދާއެއް މިއޮތީ މި އިސްލާހު ހުށަހަޅާފައި. އެހެންވީމާ ގާނޫނު އަސާސީއާ ހިލާފަށް ނޫނީ ގާނޫނު އަސާސީ އިސްލާހުކުރަން ބޭނުންވަންޏާމުން، މި ގޮތަކަށް ބިލެއް ހުށައެއް ނޭޅޭނެ. އަދި މިތާނގައި ބަހުސެއް ވެސް ނުކުރެވޭނެ. އެހެންވެ، ގާނޫނު ބަދަލުކުރުމުގެ ބޭނުމުގައި ގާނޫނު އަސާސީގައި އޮތް އެއްޗެއް އޮޅުވާލައިގެން މިތާނުގައި ބަހުސްކުރުމުގެ ބޭނުމެއް ނެތް." އަބްދުﷲ އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުﷲ އަބްދުއްރަހީމާއި ގާސިމްގެ ނިޒާމީ ނުކުތާއާ ގުޅިގެން ރިއާސަތުން ވިދާޅުވީ މި ބިލާ ބެހޭ ގޮތުން އިތުރަށް ބަހުސް ނުކުރެވޭނެ ކަމަށެވެ. އަދި އެބިލާމެދު އަމަލު ކުރާނެ ގޮތެއް ފަހުން އަންގަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މި ބިލާ ދެތެރޭ ގޮތެއް ނިންމާނަން. ނިންމާ ގޮތެއް އަޅުގަނޑު މަޖިލީހުގެ މެމްބަރުންނަށް އިއުލާންކުރާނަން." ނާޒިމް ވިދާޅުވި އެވެ.
އޮޑިޓާ ޖެނެރަލްގެ ގާނޫނަށް މިދިޔަ މާޗް މަހުގެ 17 ވަނަ ދުވަހު ރިޔާޒް ހުށަހެޅުއްވި އެ އިސްލާހުގައިވާ ގޮތުން، އޮޑިޓާ ޖެނެރަލް އައްޔަންކުރުމުގެ ހުރިހާ ބާރެއް މަޖިލީހަށް ލިބިގެންދާނެ އެވެ. އޮޑިޓާ ޖެނެރަލްކަމަށް އައްޔަންކުރުމަށް ބޭފުޅަކު ހޯދުމަށް އިއުލާންކޮށް، އިންޓަވިއުކުރާނީ ވެސް ރައްޔިތުންގެ މަޖިލީހުން ކަމަށް އެ އިސްލާހުގައި ވެއެވެ.
ނަމަވެސް، މިހާރު ގާނޫނު ބުނާ ގޮތުން، އޮޑިޓާ ޖެނެރަލް ކަމަށް އައްޔަންކުރައްވަން ބޭނުންފުޅުވާ ނަމެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ. އަދި އެ ބޭފުޅަކު އެ މަގާމަށް އައްޔަންކުރަނީ ރުހުން އޮތްތޯ ބެލުމަށް ނަގައި ވޯޓުގައި، މުޅި މަޖިލީހުގެ އަޣުލަބިއްޔަތު ލިބިގެންނެވެ.