25 Jan 2016, 09:33
މިދިޔަ އަހަރު ރިލީޒު ކުރި ފިލްމުތަކުގެ ތެރޭގައި އެންމެ ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް ގިނަ ބަޔަކު އުއްމީދު ކުރި އެއް ފިލްމަކީ ގިނަ ދުވަސްތަކަށް ފަހު ޝާހްރުކްހާން އާއި ކާޖޮލް އެކުގައި ކުޅުނު "ދިލްވާލޭ" އެވެ. ކަން ދިމާކުރި ގޮތުން އެ ފިލްމު ރިލީޒު ކޮށްފައި ވަނީ ދީޕިކާ އާއި ރަންވީރުގެ "ބާޖީރާއޯ" މަސްތާނީވެސް ރިލީޒު ކުރި ދުވަހުއެވެ. އެހެންކަމުން "ދިލްވާލޭ" އަށް ގިނަ ބަޔަކު އުއްމީދު ކުރިވަރުގެ ކާމިޔާބީއެއް ނުލިބެއެވެ.
ދާދިފަހުން އެ ފިލްމުގެ ބަތަލު ޝާހުރުކްހާން ވެސް ވަނީ އެ ފިލްމަށް އިންޑިއާ އިން ލިބުނު ކާމިޔާބާ މެދު ހިތްހަމަ ނުޖެހޭ ކަމަށްވެސް ބުނެފައެވެ.
"އަހަންނަކަށް ހިއެއް ނުވޭ އެފިލްމަށް ލިބެން ޖެހޭ ވަރުގެ ކަމިޔާބީއެއް ލިބުނު ހެނެއް... ތެދަށް ބުނާ ނަމަ އިންޑިއާ އިން އެ ފިލްމަށް ލިބޭނެ ކަމަށް އަހަރެން އުންމީދު ކުރި ވަރަކަށް ތަރުހީބެއް އެ ފިލްމަށް ނުލިބޭ...އަހަރެން ވަރަށް ޑިސަޕޮއިންޓް އެކަމާ،" ޝާހު ބުންޏެވެ.
"ދިލްވާލޭ" އަށް އުއްމީދު ކުރި ކާމިޔާބީއެއް ނުލިބުމުން އެކަމާ ހިތްހަމަ ނުޖެހިފައި ހުރީ ހަމައެކަނި ޝާހު އެއް ނޫނެވެ. އެ ފިލްމުގެ ބަތަލާ ކާޖޮލް ވެސް ވަނީ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.
ކާޖޮލް އާ ހަވާލާދީ ބޭރުގެ ހަބަރުތައް ބުނާ ގޮތުން، އޭނާ "ދިލްވާލޭ" ކުޅެވުނީތީ "ހިތާމަ" ކުރެއެވެ. ނުވަތަ އެ ފިލްމު ކުޅެވުނީތީ ކާޖޮލް މޮޔަހީވެއެވެ.
"ދިލްވާލޭ" ކުޅެން ކާޖޮލް އަށް ހުށަހެޅި އިރު އޭނާއަށް ވަނީ "ދުރްގާ ރާނީ ސިންގު" ނަމަކަށް ކިޔާ ފިލްމެއް ކުޅެން ވެސް ފުރުސަތު ލިބިފައެވެ. އެހެންނަމަވެސް "ދުރްގާ ރާނީ ސިންގު" އަށް ނޫނެކޭ ބުނުމަށް ފަހު "ދިލްވާލޭ" އަށް އާނއެކޭ ބުނީ ޝާހު ގެވެސް އެދުމުގެ މަތިންނެވެ.
ހަބަރުތައް ބުނާގޮތުން، "ދުރްގާ ރާނީ ސިންގު" އަށް ކާޖޮލް ނޫނެކޭ ބުނުމުން ވިދްޔާ ބާލަން އަށް ވަނީ އެ ފިލްމުގެ ލީޑު ރޯލު ކުޅުމުގެ ފުރުސަތު ދީފައެވެ.
ދިލްވާލޭ ޑައިރެކްޓު ކުރީ ބޮލީވުޑްގެ މަޝްހޫރު އަދި ކާމިޔާބު ގިނަ ފިލްމުތަކެއް ޑައިރެކްޓު ކޮށްފައިވާ ރޯހިތު ޝެޓީ އެވެ. އެ ފިލްމަށް 350 ކުރޯޑަށް ވުރެ ބޮޑު ފައިދާއެއް ލިބިފައި ވެއެވެ. އަދި އެހެނިހެން ގައުމުތަކުގައި "ބާޖީރާއޯ މަސްތާނީ" އަށް ލިބުނު ވަރަށް ވުރެ ބޮޑު ކާމިޔާބީއެއް އެ ފިލްމަށް ލިބިފައި ވެއެވެ.